ދިލިޕްގެ ލޯނުތަކަށް ފައިސާ ދައްކަނީ ފަރާ

ބޮލީވުޑްގެ ކުޅަދާނަ ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން އަންނަނީ އޭނާގެ ގޭގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިލިޕްގެ ނަމުގައި ހުރި ލޯނުތަކަށް އަދިވެސް ފައިސާ ދައްކަމުން ކަމަށް ބުނެފިއެވެ. ދިލިޕާ އެކު އަމިއްލަ ޔޫޓިއުބް ޗެނަލެއް ވެސް ހިންގާ ފަރާ ޚާން ދާދި ފަހުން ގެނެސްދިން އެ ޕިސޯޑުގައި މެހެމާނުގެ ގޮތުގައި ބައިވެރިވެފައިވަނީ އިންޑިއާގެ ގިނަ ބައެއްގެ އިހުތިރާމު ހޯދާފައިވާ ޔޯގާ ގުރޫ ބާބާ ރާމްދޭވްއެވެ. ދިލިޕް ވެސް ބައިވެރިވި މި އެޕިސޯޑުގައި ފަރާ ވަނީ ސަމާސާ ރާގުގައި ދިލިޕާ ބެހޭގޮތުން ވެސް ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. އެގޮތުން، ދިލިޕާ އެންމެ ފުރަތަމަ ބައްދަލުވީ ކިހިނެއްތޯ ބާބާ ރަމްދޭވް ސުވާލުކުރުމުން ފަރާ ބުނީ، އޭނާ ދިލިޕް ނުހޯދާ ކަމަށާއި ދިލިޕާ ބައްދަލުވީ އިއްތިފާގަކުން ކަމަށެވެ. މި އެޕިސޯޑުގައި ރާމްދޭވް ވަނީ އޭނާއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދިލިޕަށް ހުށަހަޅާފައެވެ. ނަމަވެސް، ދިލިޕް ބުނީ ފަރާ ދޫކޮށްލުމަށް ފަހު އެހެން މީހަކާ އެކު މަސައްކަތްކުރުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ. ދިލިޕް އިންޑިއާއިން ބޭރު ޤައުމަކަށް ކުރި ފުރަތަމަ ދަތުރުގައި ފަރާއާ އެކު ރާއްޖޭގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް ދިލިޕް އެގޮތަށް ނިންމީ ފަރާއާ އެކު މަސައްކަތްކުރުމުން ލިބޭ އާމްދަނީ ބޮޑުވާނެތީ ކަމަށާއި ނަމަވެސް ރާމްދޭވާ އެކު ކުރާ މަސައްކަތަށް މާ ބޮޑު އެއްޗެއް ނުލިބޭނެކަން އެނގޭތީ ކަމަށް ވަނީ ބުނެފައެވެ. ފަރާއާ އެކު ދިލިޕް މަސައްކަތްކުރާތާ މިހާރު 11 އަހަރުވެފައިވާއިރު މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ އަމިއްލަ ބޭނުންތަކަށް ލޯނުތަކެއް ނަގާފައި ކަމަށާއި އެ ލޯނުތަކުގެ ފައިސާ ފަރާ އަދިވެސް ދައްކަމުން އަންނަ ކަމަށް މި އެޕިސޯޑުގައި ވަނީ ބުނެފައެވެ. އެހެންކަމުން ކިތަންމެ 'ސްޓްރެސް ފްރީ' ދިރިއުޅުމެއްގައި އުޅެން ރާމްދޭވް ނަސޭހަތްތެރިވިޔަސް އެކަން އަދި ކުރެވެން ނެތް ކަމަށް ފަރާ ވަނީ ބުނެފައެވެ. ފަރާއާ އެކު ދިލިޕް އެންމެ ފުރަތަމަ މަސައްކަތްކުރިއިރު އޭނާގެ މުސާރައަކީ 20،000 ރުޕީސް ކަމަށާއި މިހާރު ދިލިޕަށް ލިބޭ އާމްދަނީގެ އަދަދު ޚުދު ފަރާއަށް ވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ދިލިޕާ ގުޅިގެން ފަރާ ޔޫޓިއުބް ޗެނަލް ހިންގަން ފެށުމާ އެކު ދިލިޕަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މީގެކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފަރާ ބުނެފައިވަނީ، ދިލިޕްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ދިލިޕްގެ ހުރިހާ ކުދިން އިނގިރޭސި މީޑިއަމް ސްކޫލްތަކަށް ކިޔަވަން ފޮނުވުމަށް މަގުފަހިވި ކަމަށެވެ. އެކަމުގައި ފަރާ ވެސް ދިލިޕަށް އެހީތެރިވެދިން ކަމަށާއި ދިލިޕްގެ ނިސްބަތްވާ ބިހާރުގައި އޭނާގެ އަމިއްލަ ގެއެއް ބިނާކުރުމަށް ވެސް ފަރާ އެހީތެރިވެދިން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ