އީގާން ބަދީއުގެ އަމިއްލަ މައުރަޒު 'ލިމިނަލް' ގެލެރީ 350ގައި ކުރިއަށްދަނީ

ފަންނުވެރި މަސައްކަތްތަކުން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީހު އަދި އިހުގެ ފުލޯކު ވާހަކަތައް ތަފާތު ގޮތަކަށް ދައްކާލެވޭނެކަން އީގާން ބަދީއުގެ އެންމެ ފަހުގެ އަމިއްލަ މައުރަޒު 'ލިމިނަލް' އިން ފެނެ އެވެ. 
ރާއްޖޭގެ ނޫ ކަނޑު ފަޅުތަކާއި ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން ގައުމުގެ މުއްސަނދިކަން އެހެން ކަންތައްތަކުން ވެސް، ކުރެހުމުގެ ޒަރިއްޔާއިން ވަރަށް ތަފާތުކޮށް ދައްކާލެވިދާނެ އެވެ. އީގާންގެ ވިސްނުން ހުރީ މިގޮތަށެވެ.
ރާއްޖޭގެ ފުންނާބުއުސް ކޮންޓެމްޕޮރަރީ އާޓިސްޓު މި މަހު 10ގައި އަމިއްލަ ގެލެރީ 'ގެލެރީ 350'ގައި ހުޅުވި 'ލިމިނަލް' މައުރަޒަށް ހިޔާލު ހޯދާފައިވަނީ އިހުގެ ފުލޯކު ވާހަކައަކުންނެވެ. އެއީ އެންމެ ފުރަތަމަ ރާއްޖޭގައި ރަސްކަން ކުރި ކޮއިމަލާގެ ވާހަކަ އެވެ. 
ގެލެރީގެ ހުދު ފާރުތަކުގައި އަޅުވާފައި ހުރި ކެންވާސްތަކަށް ހިންގާލާ ފުރަތަމަ ނަޒަރުން ފާހަގަ ވަނީ 'އެބްސްޓްރެކްޓް އިމްޕްރެޝަނިޒަމް' ސްޓައިލްއަށް ފަނޑު 'އޮކާ'، ރީނދޫ، ހުދު އަދި ގަދަ މުށި ކުލަތަކުން ކުރަހާފައިވާ ކުރެހުންތަކެކެވެ. އެކި ހަރަކާތުގައި ފެންނަ އިންސާނުންގެ ހިޔަނިތަކެއް 'ފިގަރެޓިވް އެބްސްޓްރެކްޝަން' ސްޓައިލުގައި، ކުލަތަކުގެ މަތިން ފާޅުވެ އެވެ. ކޮއިމަލާގެ ވާހަކައިގެ ތަފާތު ނަޒަރެއް ގެނެސްދޭން އީގާން ބޭނުންކޮށްފައިވަނީ ވެސް މިކަހަލަ ތަފާތު ކުލަ 'ޕެލެޓް' އެކެވެ.
"މީގެ ކުރިން އަޅުގަނޑު ދައްކާފައި ނެތް މީޑިއަމްއެއް، އެއީ އެކްރިލިކް، މި ކުރެހުންތަކުގައި ބޭނުން ކުރީ،" އީގާން ބުންޏެވެ.
ކޮއިމަލާގެ ކާމިޔާބީތަކުގެ ވާހަކައިގެ ބަދަލުގައި އީގާން އަލިއަޅުވާލަން ބޭނުންވީ ކޮއިމަލާ ރާއްޖެއަށް ކުރި ދަތުރުގައި ބައިވެރިވި އަޅުންނާއި މަސައްކަތްތެރިން އަދި އާއްމު މީހާގެ އިހުސާސްތަކާއި ތަހައްމަލުކުރި ކަންކަމެވެ. އަދި އޭގެ ޒަރިއްޔާއިން މިނިވަންކަމާއި އަޅުވެތިކަމާއި އަމިއްލަވަންތަކަމުގެ ވާހަކަތައް ގެނެސްދީފައިވެ އެވެ.
ފަނޑު ރީނދޫ އަދި މުށި ކުލަތަކުގެ ތެރެއިން ފާހަގަ ވަނީ އޭނާ ކުރަހައިފައިވާ ފެހި ފަންވަތެވެ. އެ ފަންވަތް ކަޅު ހިޔަންޏަކަށް ބަދަލުވެފައި ހުންނަ މަންޒަރު ވެސް ބައެއް ކުރެހުންތަކުން ފެނެ އެވެ. އީގާން މި މައުރަޒުގައި ފަން ބޭނުންކޮށްފައިވަނީ ވަކި މާނައެއް ދޭހަވާ 'ސިމްބޮލިކް ރެޕްރެޒެންޓޭޝަން'އެއްގެ ގޮތުގަ އެވެ.
"ރުކު ފަނަކީ ރާއްޖޭގައި އާއްމު ދިރިއުޅުމުގެ އެކި ކަންކަމަށް އަދި ކުޅޭ އެއްޗެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެއް. އެއީ ފަނުން ވިޔެފައި ހުންނަ ދޫނި ވެސް ހަދާ އުޅޭ،" އީގާން ބުންޏެވެ. 
ކޮއިމަލާ ވާހަކަ ބުނާގޮތުން، އެ ރަސްގެފާނަށް ދޫނިދޫ ރަށް ހޯދަން އެހީވެދިނީ ދޫންޏެކެވެ. ކ. ދޫނިދޫގައި މިހާރު މަޝްހޫރު ޖަލެއް ހުރި ކަމުގައި ވިޔަސް އެއް ޒަމާނެއްގައި ދޫނިދޫ ރަމްޒު ކޮށްދިނީ މިނިވަންކަމާއި އުއްމީދެވެ. އެކަމަކު އެ މިނިވަންކަމުގެ ފޮނިކަން ކޮއިމަލާގެ އަޅުންނަށް އިހުސާސު ކޮށްލަން އެއްވެސް އިރަކު ފުރުސަތު ލިބުނު ބާވައޭ ސުވާލު ކުރެވެ އެވެ. އަދި މިނިވަންކަން ލިބުނީ ކޮން އަގެއްގައިތޯ ވެސް އަހާލެވެ އެވެ.
އީގާންގެ ކުރެހުންތަކުން ފެންނަނީ ކޮއިމަލާގެ ހައިބަތާއި އިއްޒަތެއް ނޫނެވެ. އެކަމަކު ކިޔައިދެނީ ކޮއިމަލާ ދަތުރު ކުރި ބޮޑު ރިޔާ ނެގި ބޯޓުތަކުގައި ރެއާއި ދުވާލު މަސައްކަތް ކުރި އާންމު މީހާގެ ވާހަކަ އެވެ. 
މައުރަޒުގެ މައުލޫއުއަކީ ކޮއިމަލާ ކަމަށް ވިޔަސް، ޒިޔާރަތް ކުރި ގިނަ ޒުވާނުންނަށް މި ފުލޯކު ވާހަކަ ނޭނގޭކަން އީގާންއަށް ފާހަގަވި އެވެ. މައުރަޒުން ކިޔައިދޭ މި ނަޒަރިއްޔާއާ މެދު ފުންކޮށް ވިސްނުމަށްޓަކައި އެ ވާހަކަ ކިޔާލުން މުހިއްމެވެ.
'ލިމިނަލް' އަކީ އީގާން 2019ގައި ގައުމީ އާޓް ގެލެރީގައި ކުރިއަށް ގެންދިޔަ 'ލަޔަން ފިޝް އެންޑް ދަ ޕްލާސްޓިކް ބޭގް' އަށް ފަހު އޭނާ ބާއްވާ ފުރަތަމަ އަމިއްލަ މައުރަޒެވެ. 
ގެލެރީ 350ގައި އީގާންގެ މައުރަޒު އަންނަ މަހު 11ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ