އާ ޓާމިނަލުން އައިޓީއޭ އެއާވޭސް އަށް ހިދުމަތް

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން އިޓަލީގެ ގައުމީ އެއާލައިން, އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އެމްއޭސީއެލުން ބުނީ އާޓާމިނަލުން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް ކަމަށެވެ.
އާ ޓާމިނަލުން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 60 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް, AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އައިޓީއޭ އެއާވޭސް އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022 ގައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ