ޢާންމުކޮށް ބަލައިފިނަމަ ގިނައިން އަޑުއިވޭނީ ފިރިހެނުންގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި އޭނާގެ އަނބިމީހާއަށް ބޮޑެތި ދެރަތައް ދީގެން ތަނަވަސް ކަމުގެ ތެރެއަށް ވަދެގަންނަ އަންހެނުންގެ ވާހަކައެވެ. ނަމަވެސް އަހުރެން މިކިޔައިދެނީ ވަރަށް ތަފާތު ވާހަކައެކެވެ.
އެއީ ދެމަފިރިން ފެށި މަސައްކަތެކެވެ. އާދައިގެ ގޮތަކަށް ފެށި ވިޔަފާރި ބޮޑުވެ ފުޅައުވަމުން އައިސް ބޮޑުކުންފުންޏަކަށް ބަދަލުވުމުން ފިރިމީހާ ވިސްނަމުން ދިއައީ އަނބިމިހާގެ ބޮލުގައި އިލްޒާމްތަކެއް އަޅުވާފައި ޖަލަށްލެވޭނެ ގޮތަކަށެވެ. އެކަމަށް ވިސްނަމުން ގޮސް ކުންފުނިން ދައްކަންޖެހޭ ޓެކްސްތަކަކަށް މަކަރުހެދުމަށްފަހު އެކަންކުރީ އަނބިމީހާ ކަމަށް ދައްކައިގެން އަނބިމީހާގެ މައްޗަށް 10 އަހަރުގެ ޖަލުޙުކުމެއް ކުރުވިއެވެ. އެއިރު ދެމަފިރިންގެ 3 އަހަރުގެ އަންހެން ދަރިއަކު ހުއްޓެވެ. މަންމަގެ ލޯބިން ދަރިފުޅު މަޙްރޫމްކޮށްލުވީއެވެ. އެއްވެސް އަސަރެއް ނެތިއެވެ.
ސްކޫލް އިރުންސުރެ އެއަންހެންމީހާ ދެކެ ލޯބިވާ ޒުވާނަކު ހުރެއެވެ. އޭނާއަކީ ޤާނޫނީ ވަކީލެކެވެ. ޖަލަށް ގޮސް އޭނާއާއި ބައްދަލުކޮށް ކަންކަން އޮޅުން ފިލުވައިގެން އޭނާ ޖަލުން ސަލާމަތްކުރަން ކުރި މަސައްކަތުން 2 އަހަރުތެރޭގައި ޖަލުން ސަލާމަތްކުރެވުނެވެ.
އެކަންވީ ފިރިމީހާއަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. އެހެންވެ ކުރިންވެސް އޭނާއަށް އެހީތެރިވެދިން މުވައްޒިފުން ގެނުވާފައި ބުންޏެވެ. "އަނބިމީހާ ޖަލުން ސަލާމަތްވެއްޖެއެވެ. އެކަމުން އެނގެނީ ވަރުގަދަ ބާރެއް އޭނާއާއިއެކުގައިވާނެކަމެވެ. ވީމާ ކޮންމެ އިރަކުވެސް ޓެކްސް އޮފިސަރުން އޮފީހަށް ވަދެދާނެއެވެ. ގުޅުންހުރި ހުރިހާ މުޢާމަލާތުތަކެއް އަވަހަށް ނައްތައިލާށެވެ. ނޫންނަމަ އަހުރެމެން އެންމެންނަށްވެސް ޖަލަށް ވަންނަން ޖެހިދާނެއެވެ. އޭނާ ދޫކޮށްލާފައި ހުރީ ޝަރުޠުތަކަކާއިއެކުގައެވެ. އެއިގެ ތެރޭގައި އޭނާގެ ކުށެއް ނެތްކަން ޘާބިތުކުރަން ބައެއް ކަންކަން ކުރަންވެސް ވަނީ ޝަރުޠޫކޮށްފައެވެ. ވީމާ މިއީ މިހާރުން މިހާރަށް ފިޔަވަޅުއަޅަންޖެހޭނެ ކަމެކެވެ."
މިއަޑު އޭނާގެ ހަގު އަނބިމީހާއަށް އިވުނެވެ. ގޭގައި ތިބެގެން އެވާހަކަދެއްކީތީއެވެ. އަޑުއިވުމުން އޭނާ މަންޒަރު ވީޑިއޯކުރިއެވެ. އަޑާއިވެސް އެކުގައެވެ. އޭނާގެ ހިތަށް އެރިއެވެ. "އަނބިމިހާ އާއި ކުޑަދަރިފުޅުގެ މަންމަގެ އިތުރުން ވިޔަފާރީގައި އޭނާގެ ބައިވެރިޔާއަށް މިވަރުގެ ބޮޑު ދެރައެއް ދޭންކެރުނު މީހަކަށް އަހުރެންފަދަ ނިކަމެތި އަންހެނަކު ކޮށައި ކުދިކޮށް ސުޕްކައްކައިގެން ބޯން ނުކުރެންވީ ކީއްވެގެން ހެއްޔެވެ؟ އެއީވެސް ހަމަ އަހުރެން ފަދަ އަންހެނެކެވެ. އަހުރެން މިކަމުން އޭނާ ސަލާމަތްކުރާނަމެވެ."
ފިރިމީހާ އެރޭ ނިދުމުން ފިރިމީހާގެ ފޯނު ހާވައިގެން އަނެކާގެ ފޯނު ނަންބަރު އޮޅުންފިލުވައި ގުޅައި ވާހަކަތައް ކިޔައިދީފައި އެވީޑިއޯވެސް އޭނާއަށް ފޮނުވިއެވެ.
ހެނދުނު އޮފީސް ހުޅުވައި މަސައްކަތްފެށިތަނާހެން ޓެކްސް އޮފިސަރުންނާއި ފުލުހުންގެ ފައުޖެއް އޮފީހަށްވަދެ މުޅި އޮފީސް އެމީހުންގެ ބެލުމުގެދަށަށް ގެންދިއައެވެ. އެންމެ ބޮޑު ޙައިރާންކަމެއް ލިބުނީ ދެއަނބިންނާއި ދޮށީ އަނބިމީހާގެ ޤާނޫނީ ވަކީލުންގެ ޓީމެއް އެތަނުގައި ތިބުމުންނެވެ. ދެއަނބިންނާއި ވާހަކަދައްކަން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ފުލުހުން އެފުރުބަތުނުދީ އޭނާ ހައްޔަރުކުރީއެވެ.
ހައްޔަރުކޮށްގެން ގެންދިއުމުން ހަގު އަނބިމީހާ ބުންޏެވެ. "މިކަމުގެ ތެރެއަށް އަހުރެން ނުވަންނަމަ އަހުރެންނަށް ތަނަވަސްކަމުގައި ދިރިއުޅެވުނީހެވެ. ނަމަވެސް އަހުރެން ފަދަ އެހެން އަންހެނަކަށް ބޮޑުދެރައެއް ދޭން ހިތް ނުރުހުނީއެވެ." ޖަވާބުގައި ދޮށީ އަނބިމީހާ ބުންޏެވެ. "ތަޙްޤީޤްތައް ނިމުމުން ކުންފުނި އަހުރެންގެ ބެލުމުގެދަށަށް އަންނާނެއެވެ. ތިއައީ އަހުރެންގެ އުޚުތާއެވެ. އުޚުތާއަށް ލިބޭނެ ތަނަވަސްކަން މާބޮޑުކަން އިޙްޞާޞްކުރެވޭނެއެވެ."
އޭނާގެ ވަޢުދު އޭނާ ފުއްދިއެވެ. ކުންފުނީގެ އިސްމަޤާމެއް އުޚުތާއަށް ދިނެވެ. ދެމީހުން ދިރިއުޅުނީވެސް އެއްގޭގައެވެ. ދޮށީ އަނބިމީހާ އޭނާގެ އެކުވެރި ލޯޔަރާއި ކައިވެނިކުރިރޭ އުޚުތާގެ ކައިވެނިވެސް އޭނާ ބޭނުންވި މީހާއާއި ކުރެވުނެވެ.
ފިރިމިހާގެ މައްޗަށް 2 ކުށް ޘާބިތުވިއެވެ. އެއީ ޓެކްހަށް މަކަރުހެދުމާއި ކުށެއް ނުކުރާ މީހަކު ފްރޭމްކުރުމުގެ ޙުކުމެވެ. އަދަބަކީ 35 އަހަރުގެ ޖަލުޙުކުމެކެވެ.
- ތަރުޖަމާ: މިއަދުނޫސް
ކޮންމެވެސް ކިޔައިލާތި!: ތަނަވަސް ފިރިމީހާއަކީ އަނިޔާވެރިއެއްކަން އެނގުމުން ދޮށީއަނބިމީހާއަށް އޭނާގެ ޙައްޤުތަކާ އިންޞާފް ހޯދައިދިނުމުން މާއުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ