ޙަފްޞަތުގެފާނު 09: ޙަފްޞަތުގެފާނުގެ ޢިލްމުވެރިކަން

ޢަލީ އިޙްޞާން ފިރާޤް
 
ޢިލްމުވެރިކަން:
އަޅުވެރިކަމާއި ތަޤުވާގެ މައިދާނުގައި ކުރިއަރާ ވަޑައިގެންނެވިފަދައިން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ޢިލްމުވެރިކަމުގެ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. ފިޤުހު ޢިލްމާއި ޙަދީޘު ޢިލްމުގެ ފަންނުގައި އެކަމަނާވަނީ ހާއްސަ ދަރަޖައެއް ހާސިލު ކުރައްވައިފައެވެ. އެކަމަނާގެ އަރިހުން 60 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ބުޚާރީގައި 5 ޙަދީޘްވެއެވެ. އެހެން ޙަދީޘްތައް ޙަދީޘް އިލްމުގެ އެހެން ފޮތްތަކުގައިވެއެވެ. 
ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީން އެކަމަނާގެ އަރިހުން ޢިލްމު އުނގެނި ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ހުންނެވި އެންމެ މަޝްހޫރު އެއްބޭކަލަކީ މި އުއްމަތުގެ ފިޤުހުވެރިޔާގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ އެކަމަނާގެ އަޚް ޢަބްދުالله ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެވެ.  
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ނިސްބަތްވެވަޑައިގަންނަވާ ޚާންދާނަކީ ޤުރައިޝުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޚާންދާނެކެވެ. އެގޮތުން އެވަންހައަކީ ފަސާހާތްތެރިކަމާއި ބަލާޢާތްތެރިކަމާއި ވާހަކަ ދެއްކުންތެރިން އެންމެ ގިނަ ވަންހައެވެ. އެހެންކަމުން އެކަމަނާ ބޮޑުފުޅުވަމުން ވަޑައިގެންނެވިއިރު އެކަމަނާގެ ތައުލީމަށާއި ތަރުބިއްޔަތަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެވުނެވެ. އެކަމަނާއަށް ލިޔަންކިޔަން އުނގަންނަވައި ދެއްވަން މާތް ރަސޫލާ صلّى اللّـه عليه وسلّم  ހަވާލުކުރެއްވީ އައްޝިފާއު ބިންތި ޢަބްދުالله އޭ ކިޔުނު ބޭކަނބަލަކާއެވެ. އައްޝިފާއު ޙަފްޞާގެފާނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ އިތުރުން ބައެއް ވިހަސޫފާސޫފި ހެފުމުގެ ސަބަބުން އުފެދޭ ދުޅަތަކަށާއި ޒަޚަމަށް ފަރުވާކުރާނެ ގޮތްވެސް އުނގައްނަވައިދެއްވިއެވެ. 
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ޤުރްއާނުގެ އިލްމު އުނގެނިވަޑައިގެންނެވުމަށްވެސް ވަރަށް ޝައުގުވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އިމާމު އަޙްމަދު ރިވާ ކުރައްވައިފައިވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. ބަދުރު ހަނގުރާމަ އާއި ބައިއަތުލް ރިޟްވާނުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުން ނަރަކައަކަށް ނުވަންނާނެއެވެ. ޙަފްޞަތުގެފާނު ވިދާޅުވިއެވެ. [އެކަމަކު މަރްޔަމް ސޫރަތުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. ]އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم  ވިދާޅުވިއެވެ. [ރަނގަޅެވެ. އެކަމަކު އެއާ ޖެހިގެން އޮންނަ އާޔަތުގައި އެކަލާނގެ މިހެން ވާޙި ކުރައްވައިފައި އޮވޭ ނޫންތޯއެވެ. ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ حال، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ.]  
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ރިވާޔަތްތަކުގައި ގިނައިން ހުރީ އަޅުކަމާ އިބާދަތުގެ ވާހަކައެވެ. ޚާއްޞަ ގޮތެއްގައި ރޭއަޅުކަން ކުރުމާއި ރޯދައިގެ ވާހަކައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އުޑުގެ އަހުލުވެރިންގެ ގާތުގައި އެކަމަނާ މަޝްހޫރުވެފައިވަނީ صَوَّامَةٌ قَوَّامَةٌ ގެ ނަންފުޅުންނެވެ. ޞަޙީހު މުސްލިމުގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ރޭއަޅުކަން ކުރެއްވުމުގެ ވާހަކަ ބަޔާން ކުރައްވަމުން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާގެ ވިދާޅުވެފައިވެއެވެ. [ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނު ހަޔާތްޕުޅުގެ އެންމެފަހު އަހަރު މެނުވީ އިށީންދެވަޑައިގެން އިންނަވާ ސުންނަތް ނަމާދުފުޅެއް ނުކުރައްވައެވެ. އެކަލޭގެފާނު އެނަމާދުތަކުގައި ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވަނީ ފަރުވާތެރިކަމާއެކު ލަސްލަހުންނެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވާލެއް ލަސްކަމުން ދިގު ސޫރަތްތަކަށްވުރެވެސް އެ ކިޔަވާ ވިދާޅުވާ ސޫރަތް ދިގުވެގެންދާހާވެއެވެ.] 
މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ސުންނަތް ރޯދަ ހިއްޕެވުމާ ބެހޭ ގޮތުން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާގެ ވިދާޅުވެފައިވާކަމަށް ސުނަނު ނަސާޢީގައި ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [ހަތަރުކަމެއް ދޫނުކުރައްވާ އެކަންތައްތަކުގެ މަތީގައި ރަސޫލާ صلّى اللّـه عليه وسلّم  ދެމިހުންނެވިއެވެ. އެއީ ޢާޝޫރާ ދުވަހު ރޯދަ ހިއްޕެވުމާއި، (ހައްޖު މަހުގެ ފުރަތަމަ) ދިހަ ދުވަހު ރޯދަ ހިއްޕެވުމާއި، ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިއްޕެވުމާއި، އަދި ފަތިސް ނަމާދުގެ ކުރީގައި ދެ ރަކުއަތް ކުރެއްވުމެވެ.]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ