ފްލެޓް ދީފައި، ކުލިވެސް ދައުލަތުން ދެމާ؟
ވެރިރަށެއްގައި ހުންނަން ވާނެ ގިނަ ވަސީލަތްތަކެއް ނެތް, އިންތިޒާމުތަކުގައި ހަމައެއް ލަމައެއް ނެތް, މި މާލޭގެ ކުއްޔާއި އެހެނިހެން ގިނަ ކަންކަމުގެ އަގުތައް ހުރީ, އިންތިހާއަށް ތަރައްގީކޮށްފައިވާ އެމެރިކާގެ ނިއުޔޯކްގެ އަގުގައެވެ. ރެއާއި ދުވާލު ދެމަފިރިންނާއި މުޅި އާއިލާ މަސައްކަތްކޮށްގެން ވެސް ގިނަ މީހުންނަށް މި އުޅެނީ މިތާ ނޫޅެވިގެންނެވެ. އެކަމަކު، މާލެއިން ދެ ކޮޓަރީގެ އެޕާޓްމަންޓެއް އެއް ބަޔަކަށް 4،984 ރުފިޔާއަށް ދިނީމައި، އެ ކުޑަކޮށްދޭން އެބަ ވަލީއުލްއަމުރު އަރިހުން އާދޭސް ދަންނަވައެވެ. މީހަކު އަޖައިބުވެ, އަންތަރީހެއް ނުވާނެ ހެއްޔެވެ؟ ދުނިޔޭގެ ފެންވަރުގެ ސީއީއޯއެއް ނުވަތަ ވެރިއެއް ކައިރި, އެ ގައުމެއްގެ ރައްޔިތުންގެ އާބާދީ ހަތަރު ލައްކައަށް ނާރާއިރު, އަދި އެ ގައުމުގެ މިނިވަންކަމަށް 60 އަހަރުވީއިރު, އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަހިކަމާއި އަސާސީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ނުދެވޭ ބުނެފިއްޔާ ހައިރާންވާނެކަން ޔަގީނެވެ. ފަހަރެއްގައި މަލާމާތް ވެސް ކޮށްފާނެއެވެ. އެކަމަކު، މިއީ ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ހަގީގަތެވެ. https://www.sun.mv/215528 މަދު އާބާދީއެއް އޮތް ގައުމެއްގެ ބޮޑު ނިސްބަތަކަށް ބޯހިޔާވަހިކަން ފޯރުނުކޮށް ނުދެވޭތާ, އަދިވެސް އެ ދާއިރާއަށް ވަމުން އަންނަ އިހުމާލަކީ ލަދުވެތި ކަމެކެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައި, ދެ އަހަރެއްހާ ދުވަހު ވެރިރަށުގެ މޭޔަރުކަން ކުރެއްވުމަށް ފަހު، ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް މި ފެންނަނީ މި ދެކޮޅު ނުޖެހޭ އަމަލު ތަކުރާރުކުރައްވާ ތަނެވެ. އެއީ، ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓާ އިރުއިރު ކޮޅާ ކުޅުއްވާ ކުޅުއްވުމެވެ. އިރުއިރުކޮޅާ ކުއްޔާ އެބަ ކުޅޭ މި ފަހުގެ ތާރީޚެއްގައި އެންމެ ނަތީޖާ ނެރުއްވި ވެރިކަން ކަމަށްވާ, ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެޅުއްވި 7000 ފްލެޓްގެ ކުލީގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހަމަ ޖެއްސެވީ, މަހަކު 8،500 ރުފިޔާއެވެ. ނަމަވެސް، އެ ވަރިކަމުގައި ރިޔާސީ އިންތިޚާބު އޮތް އަހަރު ވަނީ އެ ކުލި, 5،300 ރުފިޔާއަށް ކުޑަކޮށްފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެ ކުލި ވަނީ 3،984.21 ރުފިޔާއަށް ކުޑަ ކުރައްވައިފައެވެ. ހަމަ އެކަނި ހިޔާ ފްލެޓެއް ނޫނެވެ. މިދިޔަ މާލޭ މޭޔަރުކަމުގެ އިންތިޚާބު ގާތްވެފައިވަނިކޮށް ރައީސް މުއިއްޒު ވަނީ, ހުޅުމާލޭ ފުރަތަމަ ފޭސްގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ފުލެޓްތަކުގެ މަހު ކުލި 20 ޕަސެންޓާ ހަމައަށް ކުޑަ ކުރައްވައިފައެވެ. އެވަރުން ވެސް ނިމުނީއެއް ނޫނެވެ. ޔާމީންގެ ވެރިކަމުގައި އެޅުއްވި ވިނަރެސް ފްލެޓްތައް ފުރަތަމަ ދޫކުރަން އިއުލާނުކުރެއްވީ ޑައުންޕޭމަންޓަށް އަށް ލައްކަ ނުވަތަ ހަ ލައްކަ ނުވަތަ ހަތަރު ލައްކަ ދައްކަން ޖެހޭ ގޮތަށެވެ. ޑައުންޕޭމަންޓް ބޮޑަށް ދައްކާ ވަރަކުން ކުލި ކުޑަވާ ގޮތަށެވެ. އެއީ، މަހު ކުލި 19,000 ރުފިޔާއަށް ނުވަތަ 23،000 ރުފިޔާއަށެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ޑައުންޕޭމަންޓު 50 އިންސައްތަ ކުޑަކޮށް، މަހު ކުލި 12 ވަރަކަށް ހާސް ރުފިޔާއަށް ކުޑަކޮށްފައެވެ. މި ކުއްލި ނިންމުމުގެ ސަބަބުން ގެއްލުން ލިބުނު އެތައް ބަޔަކު އެބަ އުޅެއެވެ. "އަހަރެންނަށް ލިބުނު ވިނަރެސް. އެކަމަކު، ޑައުންޕޭމަންޓަށް ހަ ލައްކަ ދައްކާފައި މަހު ކުއްޔަށް 23،000 ރުފިޔާ ދެއްކެން ނެތިގެން ދޫކޮށްލީ. ދެން ދޫކޮށްލި ފަހުން ކުއްލިއަކަށް ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްލީ. އެ ކުޑަކުރި އަދަދު އަހަރެންނަށް ވެސް ދެއްކޭނެ. އެކަމަކު ދެން ފްލެޓެއް ނުލިބުނު. ކޮބާ އިންސާފު؟ ދައުލަތަކުން ކުރާ ކަމެއްގައި ހަމައެއް, އިންސާފެއް އޮންނަން ވާނެ ދޯ؟" އުމުރުން 33 އަހަރުގެ ޒުވާނަކު އޭނާއަށް ލިބުނު ލަނޑު ހިއްސާކުރަމުން ބުންޏެވެ. އެމްޑީޕީ ސަރުކާރުގައި އެޅި 4000 ފްލެޓަށް ވެސް މިހާރު ހަމަ އެ ހައްދަވަނީ އެ ގޮތެވެ. މި ސަރުކާރުން ފުރަތަމަ ކުރި ކަމަކީ އެ ސަރުކާރުން ކަނޑައެޅި ކުއްޔަށް ވުރެ ކުލި ބޮޑުކޮށް, އެ ސަރުކާރުން ނުނަގަން ނިންމާފައި އޮތް ޑައުންޕޭމަންޓް ނަގަން ނިންމުމެވެ. އެއަށް ފަހު މިދިޔަ ހަފުތާގައި ރައީސް ރައްޔިތުންނާ ބައްދަލުކޮށް, ރައްޔިތަކު ލައްވާ އާދޭސް ދެންނެވުމަށް ފަހު, އެ ކުއްޔާއި ޑައުންޕޭމަންޓް ހަމަ ކުއްލިއަކަށް ކުޑަކުރަން ނިންމިކަން ރައީސް އިއުލާނުކުރެއްވީއެވެ. ނަމަވެސް، އަދިވެސް އެމްޑީޕީ ސަރުކާރުން ކަނޑައެޅި ވަރަށް ވުރެ ކުލި ބޮޑެވެ. މި ވާހަކަ މިހެން ލިޔުނީމާ އަނެއްކާ ވެސް ލޯކަލް ކައުންސިލް އިންތިޚާބާ ކައިރި ކޮށްފައި ކުލި ކުޑަކުރަންވީއެވެ. ސަރުކާރުތަކުން ފްލެޓްތައް އަޅާފައި އެ ވަނީ ބޭރުގެ ބޭންކްތައް ހިމެނޭ ގޮތަށް އެތައް ބޭންކަކުން ބޮޑެތި ލޯނުތައް ނަގައިގެންނެވެ. ހަމަ ގައިމު ވެސް އިންޓްރެސްޓާއެކު އެ ލޯނުތައް ދައްކަން ޖެހޭނެއެވެ. އެކަމަކު، އިރުއިރުކޮޅާ ކުއްޔާ ކުޅޭނަމަ, އެ ލޯނުތައް ދައްކަން ދަތިވާނެއެވެ. ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ޓެކްސް ފައިސާއިން މަދު ބައެއްގެ މަސްލަހަތަށް ބޭނުންކުރަން ޖެހުމެވެ. ހަމައެއްލަމައެއް, އިންސާފެއް ނެތް އެއްވެސް ގޮތަކަށް ފްލެޓް އަޅައި, ބިން ހިއްކައި ހަދަނީ އޭރަކު ހުންނަވާ ރައީސެއްގެ ފައިސާއާއި އާއިލީގޮތުން ވާރުތަކުރާ މުދަލަކުން ނޫނެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ. އެ ފައިސާ ބޭނުންކުރަން ވާނީ ހަމަހަމަ އުސޫލަކުންނެވެ. ހަމަ ރައީސަކަށް ހުންނަވާ ބޭފުޅަކު ހިތުހުރި ގޮތަކަށް ކަންކަން ކުރައްވަން ވެއްޖެނަމަ ހަމައެއް ލަމައެއް ނޯންނާނެއެވެ. https://www.sun.mv/206557 ރައީސް ޞާލިޙް ވެރިކަން ނިންމަވާފައި އެ ވަޑައިގަތީ ހުޅުމާލެ ހިމެނޭ ގޮތަށް އެތައް މިލިއަން ރުފިޔާއަކަށް ހިއްކާފައި އޮތް ބިންތައް ބަހާލައިފައެވެ. ދިވެހި އެއް ރައްޔިތަކު އުމުރު ދުވަހު ކުރި މަސައްކަތުން 18 މިލިއަން ރުފިޔާއަށް ބިމެއް ހުޅުމާލެއިން ގަންނަން ޖެހުނުއިރު އަނެއް މީހަކަށް ބިން ދިނީ ހިލެއެވެ. މި ސަރުކާރުގައި ބައެއް މަޖިލިސް މެންބަރުންނަށް ހުޅުމާލެއިން ބިން ވިއްކީ ޑިސްކައުންޓް ރޭޓޭ ބުނެ ވަރަށް އަގުހެޔޮ ކޮށެވެ. ފްލެޓްތަކުގެ ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ދައްކާ މީހުންނާމެދު ވެސް އޮތީ ހަމަ މި ނާއިންސާފު އުސޫލެވެ. މި އަހަރުގެ މޭ މަހު އެޗްޑީސީން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން, ހުޅުމާލޭގައި ހުރި އަށް ހާހެއްހާ ފްލެޓްގެ ތެރެއިން 5000 އެއްހާ ފްލެޓުން ގަވާއިދުން ކުލި ނުދައްކައެވެ. އެހާތަނަށް ކުލީގެ ގޮތުގައި ނުލިބި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ. މި ހަގީގަތް މިހެން އޮއްވައި މި ސަރުކާރުން އަނެއްކާ ވެސް މި ވަނީ ކުލި ނުދައްކާ މީހުންގެ ޖޫރިމަނާތައް ތަކުރާރުކޮށް މައާފުކޮށްދީފައެވެ. އެހެންވީމާ ގަވާއިދުން ކުލި ދެއްކި މީހުންނަށް ވުރެން މޮޅު ގޮތް މިވީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ މީހުންނަށެވެ. ދެން އޮތީ ފްލެޓާއި ބިން ދޭ ގޮތެވެ. ޕީޕީއެމްގެ ވެރިކަމުގައި ވެސް އަދި މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ފްލެޓާއި ބިން ދޭއިރު ވެސް ހަމައެއްލަމައެއް ނެތެވެ. އުސޫލު އޮތްތާކު އޮންނަނީއެވެ. އޭރަކު ވެރިކަމުގައި ހުރި ވެރިން ބޭނުންވީމާ ބޭނުން ބަޔަކަށް, އުސޫލު ބޮލާލާ ޖަހައިފައި ފްލެޓް ދެއެވެ. މާލޭގައި އުޅޭ ތަންތަން ގިނަ މީހުންނަށް ފްލެޓް ދީގެން އެ ފްލެޓްތައް އެ މީހުން ދެނީ ކުއްޔަށެވެ. އަނެއް ބަޔަކު މި ތިބެނީ ވަންނާނެ ތަނެއް ނެތިފައެވެ. މި ސަރުކާރަށް ބަލާއިރު މިއީ ބޯހިޔާވަހިކަމުގެ އަހަރުކަމަށް ބުނެ ބޮޑު ބަޖެޓެއް ފާސްކުރި އަހަރެކެވެ. އެކަމަކު، އަހަރު ނިމެން ބާކީ 10 ދުވަހަށް ވީއިރު އަދި ހެޔޮވަރުގެ ގާގަނޑެއް ވެސް ތާކު ނުބާއްވައެވެ. އެކަން ނުކުރާތާ ދެކޮޅު ނުޖެހޭ ގޮތަށް ކުލިތަކާ އެބަ ކުޅެއެވެ. ގިނަ ކަންކަމުގައި ހަމައެއް އުސޫލެއް ނެތް މި ގައުމަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މި އޮތީ ވަރަށް ނިކަމެތި ހާލަތެއްގައެވެ. އެންމެ ދެރައީ ހައްލު ވާނެ ގޮތެއް ވެސް ނުފެންނާތީއެވެ. އެ ނިޔަތް ވެސް ނުފެންނާތީއެވެ. ދެމެހެއްޓެނެވި ގޮތަށް ވުރެ މުޅިން އިސްކުރަނީ ސިޔާސީ މަސްލަހަތެވެ. މިހެން ދަމުން ދާނަމަ ވޯޓް ހޯދުމަށްޓަކައި ފްލެޓް ދީފައި އެ ތަނުގައި އުޅޭތީ ދައުލަތުން އެއްޗެއް ދޭ ހިސާބަށް ނުދާނެބާއޭ ހިތަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ