ލަންޑަން (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑްގެ ފަބިއޯ ކަވާލިއޯ އިތުރު ވަގުތުގައި ޖެހި ގޯލުން އެ ޓީމުން ޗެލްސީއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ރޭގެ ނަތީޖާއާ އެކު، މި ސީޒަނުގައި، ޗެލްސީން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، ދެ މެޗު މި ވަނީ އެއްވަރުވެފަ އެވެ.
ބްރެންޓްފޯޑް ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ގޮތުން، މެޗުގެ 35 ވަނަ މިނިޓްގައި ބްރެންޓްފޯޑްގެ ކެވިން ޝާޑާ ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، އެ ޓީމުގެ ޖޯޑަން ހެންޑަސަން ނަގައިދިން ބޯޅައަކަށް އަރައި، އެ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޝާޑާ ޖެހި ގޯލެކެވެ.
މެޗުގެ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، ހަ މިނިޓް ތެރޭ، ކޯލް ޕާމާ ވަނީ ލަނޑު ޖަހައި، ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. އަދި، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޗެލްސީ އަށް ބަދަލުވި އަލެހަންޑްރޯ ގާނާޗޯ ދިން ބޯޅައަކުން މެޗުގެ 85 ވަނަ މިނިޓްގައި، މޮއިސަސް ކައެސޭޑޯ ވަނީ ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ.
ޗެލްސީ މޮޅުވާން ދަނިކޮށް، އިތުރު ވަގުުތުގެ ތިން ވަނަ މިނިޓްގައި ކަވާލިއޯ ވަނީ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، ޝާޑާގެ ދިގު އެއްލުމެއްގައި ތަނަވަސްވި ފުރުސަތަކުން ކަވާލިއޯ ޖެހި ގޯލެކެވެ. ކަވާލިއޯ އަކީ ވެސް މެޗުގެ ފަހުކޮޅު ބަދަލަކަށް އެރި ކުޅުންތެރިއެކެވެ.
ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 3-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި އެވެ. ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް އަށް ރަތް ކާޑެއް ދެއްކި މި މެޗުގައި، ޓޮޓެންހަމްގެ ލަނޑުތައް ޖެހީ ޕާޕެ މަޓާ ސާ، ލޫކަސް ބާގްވެލް އަދި މިކީ ވެން ޑަ ވީން އެވެ.
ބޯންމައުތުން ވަނީ ރޭ 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް ލިވަޕޫލް އަދި ހަަތަރު ވަނައިގައި އޮތް ބޯންމައުތަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން އަނެއް ތިން ޓީމަށް ވުރެން މެޗެއް މަދުއިރު، މިރޭ ބާންލީ އަތުން މޮޅުވެގެން ލީގުގެ އެއް ވަަނަ އަށް އެރޭނެ އެވެ.
ބްރެންޓްފޯޑުން އިތުރު ވަގުތުގައި ގޯލު ޖަހައި ޗެލްސީއާ އެއްވަރުކޮށްފި ބްރެންޓްފޯޑުން އިތުރު ވަގުތުގައި ގޯލު ޖަހައި ޗެލްސީއާ އެއްވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ