'ފައިސާ ހުންނާނެ'؛ އެކަމަކު ސޮވަރިން ފަންޑު އޮތީ ހުލިކޮށްފައި

މިދިޔަ ހަފްތާގައި އެމްޑީޕީއިން އއ. ބޮޑުފޮޅުދޫގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހުންނަން ޖެހޭ، އެހެން ނަމަވެސް ނެތް މިލިއަންތަކެއްގެ ވާހަކަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެއާޕޯޓުތަކެއް އަޅަން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 86 މިލިއަން ޑޮލަރު އެކައުންޓަކަށް ޖަމާކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެ ފައިސާ ކޮބައިތޯ ސުވާލު ކުރައްވަ އެވެ.
ހުންނަން ޖެހޭ އެހެން ނަމަވެސް ނެތް ފައިސާގެ ވާހަކަ ގޮސް ގުޅެނީ އަދި ފަށަން ޖެހެނީ ސޮވަރިިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އާ ހަމައިންނެވެ. މި ފަންޑު ހުލިކޮށްލި ގޮތް މީގެ ކުރިން ނެރުނު އޮޑިޓް ރިޕޯޓުތަކުގައި ވެސް ތަފްސީލުކޮށްދީފައި އެބަހުއްޓެވެ.
އެސްޑީއެފް އުފެއްދުމުގައި އޮތް މައިގަނޑު މަގްސަދަކީ ރާއްޖެއިން
ބޭރުން ނަގާ ލޯނުތައް ދެއްކޭނެކަން ކަށަވަރު ކުރުމެވެ. އެއީ އެމްއެމްއޭ ރިޒާވުގެ
ބޭރުން، ފައިސާ ރައްކާ ކުރަން، ޑޮލަރުން ހިންގާ ގޮތަށް ހުޅުވި ފަންޑެކެވެ.
އެކަމަކު ސަރުކާރެއްގެ މާލީ ޒިންމާދާރުކަން ކުޑަކަމުގެ އެންމެ ބޮޑު އެއް މިސާލަކީ
އެ ފަންޑާ މެދު ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަމަލުކުރި ގޮތެވެ.
އެމްޑީޕީގެ
ވެރިކަން 2023ގައި ނިމުނުއިރު އެސްޑީއެފްގައި ހުރީ 2.5 މިލިއަން ޑޮލަރެވެ.
އެކަމަކު އެއީ ކުރިން 500 މިލިއަން ޑޮލަރު ހުރި ފަންޑެކެވެ. ފިނޭންސް މިނިސްޓްރީގެ
އިސް ބޭފުޅުން ސިފަކުރައްވާ ގޮތުގައި، މިއީ އެމްޑީޕީގެ ވެރިކަމުގައި ގެއްލުނު ބޮޑު
މާލީ ތަރިކައެކެވެ.
"އެސްޑީއެފް އުފައްދާފައި އޮތީ ގައުމަށް ކުރިމަތިވާ ޝޮކްތަކުން
ރައްކާތެރިވުމަށާއި އިސްތިރާޖީ އިންވެސްޓްމަންޓްތަކަށް އެހީތެރިވުމަށް. ސޯލިހުގެ ވެރިކަމުގައި
އެއީ ދުވަހުން ދުވަހަށް ހިނގާ ހަރަދުތައް ފޫބެއްދުމަށް ބޭނުންކުރާ ފައިސާ ފޮށްޓަކަށް
ވެގެން ދިޔައީ،" ފިނޭންސްގެ ސީނިއާ ޓެކްނިކަލް މުވައްޒަފެއް ވިދާޅުވި އެވެ.
އޭނާ
ވިދާޅުވާ ގޮތުގައި، އެސްޑީއެފްގައި ހުރި ޑޮލަރު 'ސިސްޓަމެޓިކް'ކޮށް ބަދަލުކޮށްފައިވަނީ
ޓީ-ބިލު ގަތުމަށެވެ. މިކަމުން ސަރުކާރަށް ވަގުތީ ލިކުއިޑިޓީއެއް ލިބުނު ނަމަވެސް، މާލީ
ސޭފްޓީ ނެޓެއްގެ ގޮތުގައި މަސައްކަތްކުރަން އޮތް އެސްޑީއެފް ހުލިވެގެންދިޔައީ
އެވެ.
"މީގެ މާނައަކީ އެބޭފުޅުން އެސްޑީއެފް ހަރަދުކުރީ ރިކަރަންޓް
ހަރަދުތަކަށް ކަމަށް. އެއަށް އަލުން ފައިސާ އިތުރުނުކޮށް، އެބޭފުޅުންގެ ދައުރު ނިމުނުއިރު
ހަމަ އެއްވެސް އެއްޗެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ
ވިދާޅުވި ގޮތުގައި:
އެމްޑީޕީ ސަރުކާރުން ކްރޮސް-ސަބްސިޑީގެ އާމްދަނީ (ގައުމީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަޅުތަކާއި އެހެނިހެން އެސެޓްތައް ކުއްޔަށް ދިނުމުން ލިބޭ ފައިސާ) އެސްޑީއެފްއަށް ޖަމާކޮށް، އެ ފައިސާ އަނެއްކާވެސް ޓީ ބިލުތަކަށް އިންވެސްޓު ކުރި
އޭގެ އެންމެ ބޮޑު މިސާލަކީ ގިރާވަރު ފަޅުން ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އިތުރު ފަޅެއް ކުއްޔަށް ދިނުމުން ލިބުނު އާމްދަނީ
މުސްތަގްބަލަށް އަމާޒުކޮށްގެން ތަރައްގީއަށް ބޭނުންކުރުމުގެ ބަދަލުގައި، އެ ފައިސާ އެސްޑީއެފްއަށް ޖަމާކޮށް، އަވަހަށް އެ ފައިސާ ހަމަ އެ ޓީ ބިލުތަކުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ނެތިގެންދިޔަ
"މިއީ ދުރު ރާސްތާގެ ޕްލޭނިންއެއް ނޫން. މިއީ ޝެލް ގޭމެއް. އެބޭފުޅުން
އެސްޑީއެފްއަށް ފައިސާ ޖަމާކުރާ ކަމުގެ ސިފަ ދައްކާފައި، އެ ފައިސާ އަނެއްކާވެސް ސަރުކާރުގެ
ހަރަދުތަކަށް ބޭނުންކުރީ،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ބާރުދެނީ ނޮވެމްބަރު 2023ގައި ވެރިކަން ނިމުމަކަށް
އައިއިރު އެސްޑީއެފްގެ ބެލެންސެވެ. އެއީ 2.5 މިލިއަން ޑޮލަރެވެ.
އެސްޑީއެފް ހުލިކޮށްލި ގޮތާއި އެކަމާ ގުޅޭ ގޮތުން ހުރި
ކަންބޮޑުވުންތައް މީގެ ކުރިން އެ ފަންޑާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި
ރިޕޯޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކަކީ:
ފަންޑުގެ %96 ވަނީ އިންވެސްޓުކޮށްފައި
އިންވެސްޓުކުރި ފައިސާގެ ތެރެއިން %88 އިންވެސްޓުކުރީ ޓީބިލަށް
ފަންޑުގެ މަގްސަދާ ހިލާފަށް ސަރުކާރު ކުންފުނިތަކަށް ލޯނު ވެސް ދޫކުރި
ޑިސެމްބަރު 2019ގައި އެސްޑީއެފްގައި ހުރި ހުރިހާ ޑޮލަރު، ދިވެހި ރުފިޔާއަށް މާރުކޮށްލުން
އޭގެ ކުރިން 2018ގައި އެ ފަންޑުގެ %94 ހުރީ ޑޮލަރުން
ރުފިޔާ އަނބުރާ ޑޮލަރަށް ހަދައި 2023 ނިމުނުއިރު ފަންޑުގައި ހުރީ 170 މިލިއަން ޑޮލަރު؛ އެއީ މުޅި ފަންޑުގެ %35
މުޅި ފަންޑު
ދިވެހި ރުފިޔާއަށް މާރުކުރުމާ ގުޅިގެން މީގެ ކުރިން އިންޓަނޭޝަނަލް މަނިޓަރީ
ފަންޑު (އައިއެމްއެފް)އިން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ފަންޑުގައި ބަހައްޓަން
ވާނީ ބޭރު ފައިސާ ކަމަށް ބުނެފައިވެ އެވެ.
އޭގެ
އިތުރުން އެތެރޭގެ ދަރަނި އަދާކުރުމާއި ކަރަންޓް އެކައުންޓް ޑެފިސިޓް ހަމަޖެއްސުން
ފަދަ ކަންކަމުގައި އެ ފަންޑު ބޭނުންނުކުރެވޭ ފަދަ އުސޫލުތަކެއް ގާއިމްކުރުމަށް
ވެސް އައިއެމްއެފްއިން އޭރު ލަފާދީފައިވެ އެވެ.
އެސްޑީއެފް
އަލުން ބިނާ ކުރުމުގެ ޒިންމާ އުފުލަން ޖެހުނީ މި ސަރުކާރަށެވެ. އަދި އެ މަގުން
ކުރި މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފްގެ ބެލެންސު
އިތުރުވެފައިވާކަން މޫޑީޒްގެ ޑިސެމްބަރު 2024ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މެއި 2024ގެ
ނިޔަލަށް އެ ފަންޑުގެ ބެލެންސް 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް
އޭރު ހުންނެވި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފަ އެވެ.
އަދި އޭރު ސަރުކާރުން އަމާޒު ހިފާފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް އެ ފަންޑުގެ
ބެލެންސް 100 މިލިއަން ޑޮލަރަށް އިތުރު ކުރުމަށެވެ.
ސަރުކާރުން
ތައްޔާރުވަމުން އަންނަނީ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކޮށް، ކުރިއަށް އޮތް
ސުކޫކު ދެއްކުމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ނެގި 250
މިލިއަން ޑޮލަރުގެ ބޮންޑު ރީފައިނޭންސް ކުރަން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދެ
ގުނަ އަގުބޮޑުކޮށް ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކެވެ.
ދެން
އޮތީ ފަންޑު ހަރުދަނާކަމާ އެކު ބެލެހެއްޓުމުގެ ބައެވެ. މިދިޔަ ސަރުކާރުން
އަމަލުކުރި ގޮތް މި ސަރުކާރުން ތަކުރާރު ނުކުރާނެކަން ކަށަވަރު ކުރުމެވެ.
އެކަމަށްޓަކައި
އެސްޑީއެފްއާ ގުޅޭ ބިލެއް ޖޫން 2024ގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ
މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު އެ ބިލު އޮތީ މާލިއްޔަތު ކޮމިޓީއާ ހިސާބުން
'ޕާކުވެފަ' އެވެ. ބިލު ހުށަހެޅި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވުމުން
ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދިދާނެ އެވެ. ސަބަބަކީ ފާސްކުރަން
ބޭނުންވާ ބިލެއް ލަހެއްފަހެއް ނެތި ފާސްކުރެވޭނެކަން މި މަޖިލީހުން
ސާބިތުކޮށްދީފައިވާތީ އެވެ.
އެސްޑީއެފް
ބިލުގެ މަސައްކަތް ހުއްޓިފައިވަނީ، މާލިއްޔަތު ކޮމިޓީން މިދިޔަ އޮގަސްޓުގައި ބުނި
ގޮތުގައި ފިނޭންސުން ހިއްސާކުރަން ޖެހޭ މައުލޫމާތު ހިއްސާނުކުރާތީ އެވެ. ނަމަވެސް
އެކަމުގައި ފިނޭންސަށް ދެން ދޭނީ އެންމެ ފަހު މުއްދަތެވެ. އެ މުއްދަތުގައި
ޖަވާބުދާރީ ނުވެއްޖެ ނަމަ ކޮމިޓީއަށް ފެންނަ ގޮތަށް އެ ބިލު ދިރާސާކޮށް، ފާސްކުރާނެ
އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ