ޑިއުޓީއަށް ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ނުދައްކައި ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓުތަކެއް ބޭރު ކުރި ކުންފުންޏަކުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
ހުކުމް އިއްވީ އެސްޖީއެމް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށެވެ. ޑީއުޓީ ނުދައްކާ ބޮންޑެޑް ވެއާހައުސް އިން ނެރުނީ އޭޕްރީލް، 2018، ޖޫން، 2018، ގައި އެ ކުންފުނިން ގެނައި ސިނގިރޭޓު ކޭސްތަކެކެވެ.
ކަސްޓަމްސް އިން އެސްޖީއެމްގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ އެމެރިކަން ލެޖެންޑު ބްރޭންޑުގެ 250 ކޭހާއި ޕައިޕް ޓޮބޭކޯގެ 130 ކޭސް އެ ކުންފުނިން ވަގަށް ބޭރުކޮށްފައިވާ ކަމަށެވެ. އެ ތަކެތީގެ ޑިއުޓީއަށް 20.7 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
އެ މައްސަލައިގައި އެސްޖީއެމް އިން ކޯޓަށް ހާޒިރުވެ ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންކަމުން އެ ހުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
ކަސްޓަމްސް އިން އިތުރަށް ބުނެފައި ވަނީ އެސްޖީއެމް އިން ވަނީ އެ ކުންފުނިން މާލޭގައި ގާއިމްކޮށްފައިވާ ބޮންޑެޑް ވެއާހައުސް ބަންދުކޮށްފައި ކަމަށެވެ. އެތަން އިންސްޕެކްޓު ކުރަން ކަސްޓަމްސް އިން ޑިސެމްބަރު، 2024، ގައި ދިޔައިރު، އެތަނުގައި މިހާރު ހުރީ އެޕާޓްމަންޓުތަކެއް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެސްޖީއެމް އިން އެ ފައިސާ ދެއްކުމަށެވެ.
"ބުނެވުނު 20،720،412 ރުފިޔާ ދިވެހި ދައުލަތަށް ލިބިދިނުމުގެ ގޮތުން 11 ސެޕްޓެމްބަރު 2025 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މި ފައިސާ ދެއްކުމަށް ދައުވާ އެސްޖީއެމް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އެސްޖީއެމް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފިން،" ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
އެސްޖީއެމް ޕްރައިވެޓް ލިމިޓެޑަކީ މުހައްމަދު ފަރްސީދު އަދި ޔޫސުފް އުމަރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެކަމަކު، ބިޒްނަސް ޕޯޓަލުން އެނގޭ ގޮތުގައި އެ ކުންފުންޏަކީ އުވައިލުމުގެ މަރުހަލާގައި އޮތް ކުންފުންޏެކެވެ.
ޑިއުޓީއަށް ދައްކަންޖެހޭ 20 މިލިއަން ރުފިޔާ ނުދައްކާ ވަގަށް ސިނގިރޭޓު ބޭރު ކުރި ކުންފުންޏަކަށް ހުކުމްކޮށްފި ޑިއުޓީއަށް ދައްކަންޖެހޭ 20 މިލިއަން ރުފިޔާ ނުދައްކާ ވަގަށް ސިނގިރޭޓު ބޭރު ކުރި ކުންފުންޏަކަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ