އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ހައުސިން މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކުރަން މިއަދު ފަށައިފި އެވެ.
ވީކިހިނެއް؟ - ސިލްސިލާ މުޒާހަރާތަކެއް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ 1 ސެޕްޓެމްބަރުގައި ނިންމި ނިންމުމާ އެކު މިއަދު ހެނދުނުން ފެށިގެން އެ ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެ ކުރިމައްޗަށް އެއްވެ އަޑުއުފުލަމުންނެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީ ކުރިމަތީގައި ތިބެގެން އެމްޑީޕީގެ އެކްޓިވިސްޓުން އަޑުއުފުލަމުން ދަނީ:
އެމްޑީޕީގެ މި ނިމުނު ސަރުކާރުން ދޫކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށް ދެފުށްފެންނާނެ ގޮތަށް އެކަން ކުރިއަށް ގެންދިއުން
ފްލެޓްތަކުގެ އަގު ވެސް އެމްޑީޕީގެ ސަރުކާރުން ކަނޑައެޅި ވަރަށް ތިރިކޮށް، ފްލެޓްތަކުން ނަގަން ނިންމާފައިވާ އެޑްވާންސް ފައިސާ ނެގުން ހުއްޓާލުމަށް
ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކުރާ ގޯތި ހަވާލުކޮށް ސަރުކާރުގެ ހަރަދުގައި ގެދޮރު އަޅައިދިނުމަށް
އެ ތަނުގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ހައުސިން މިނިސްޓްރީ ދޮށަށް އެއްވާން ޖެހުނީ ސަރުކާރުގެ ވައުދުތައް މަތިން ހަނދާންކޮށްދޭން ޖެހިގެން ކަމަށެވެ.
ގޯތި އަދި ފްލެޓް ވެސް ކުރީގެ ސަރުކާރުން ދޫކުރި ލިސްޓަށް ދޫކުރި މީހަކަށް ދޭނެ ކަމަށް ރައީސް ވެވެވަޑައިގެންނެވި ވައުދާއި ގޯތި ދޫކުރާ ބިމުން ގެދޮރު އަޅައިދޭން ވެވަޑައިގެންނެވި ވައުދު ވެސް މައުރޫފު ފާހަގަކުރެއްވި އެވެ.
އެ ތަނުގައި ފަހަރަކު އެކްޓިވިސްޓަކު ޝުއޫރު ފާޅުކުރަމުންދާއިރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބްއާ ބައްދަލުކުރުމަށް ޑިމާންޑްކުރަމުން ދެ އެވެ. މިނިސްޓަރު ބައްދަލުނުކޮށްފިނަމަ ރައީސް އޮފީސް ކައިރިއަށް ދާނެ ކަމަށް ވެސް ބުނަމުން އެބަ ގެންދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ 1 ސެޕްޓެމްބަރުގައި އެމްޑީޕީން ނިންމީ އަންނަ 3 އޮކްޓޯބަރުގައި މާލޭގައި ބޮޑު މުޒާހާރާއެއް ބޭއްވުމަށެވެ. އޭގެ ކުރިން ރަސްމީ ދުވަސްތަކުގެ ރަސްމީ ވަގުތު ބައެއް ދުވަސްތަކުގައި މިނިސްޓްރީތަކުގެ ކައިރިއަށް އެއްވެ އަޑުއުފުލާއިރު ހަވީރު ވަގުތު ޕިކަޕް ޖަލްސާ ފަދަ ހަރަކާތްތައް ވެސް އެމްޑީޕީން ދަނީ ބާއްވަމުންނެވެ.
އެމްޑީޕީ ސަޕޯޓަރުން ހައުސިން މިނިސްޓްރީ ކުރިމަތީ މުޒާހަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ