ބިލަކީ ބޮޑު އޮޅުވާލުމެއް، މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި މަގްސަދަކީ އާންމުން ކޮންޓްރޯލްކުރުން: ސަވާދު
މިވަގުތު ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ކޮންޓްރޯލް ބިލަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، "މީޑިއާ ރެގިއުލޭޓް"ކުރުމުގެ ނަމުގައި އާންމުން ރެގިއުލޭޓްކުރުމަށް މި ބިލުން މަގުފަހިވާއިރު، ބިލުގެ މަޤްސަދަކީ އާންމުންގެ ޚިޔާލާއި ފިކުރު ކޮންޓްރޯލްކުރުން ކަމުގައި، ކުރީގެ ބަންޑާރަނައިބު ޑރ. އަހްމަދު އަލީ ސަވާދު ރޭ ވިދާޅުވެއްޖެއެވެ. ރޭ ވަނީ މަޖިލީހުގެ ކޮމިޓީގައި މިހާރު ދިރާސާ މަރުހަލާގައި އޮތް "މީޑިއާ ކޮންޓްރޯލް" ބިލާމެދު އާންމުން ހޭލުންތެރިކުރުވަން ފޯރަމެއް ބާއްވައިފައެވެ. އެ ފޯރަމްގައި ވާހަކަދައްކަވަމުން ސަވާދު ވިދާޅުވީ، ބޭރުފުށުން މި ބިލަކީ ރަނގަޅު ނިޔަތެއްގައި ހުށަހެޅި ބިލެއްގެ ގޮތުގައި ފެނުނު ނަމަވެސް، ބިލު ރަނގަޅަށް ކިޔައިލުމުން ބިލުގެ އަސްލު މަގްސަދު ހާމަވާ ކަމަށެވެ. "80ވަނަ މާއްދާއާއި 60ވަނަ މާއްދާއާއި 61ވަނަ މާއްދާ ކިޔާލުމުން ދޭހަވަނީ މީޑިއާއާއި ނޫސްވެރިންގެ ވާހަކައިގެ އިތުރުން މީގައި އެހެން ވާހަކަތަކެއް އެބަ ހިމެނެއޭ، ޚާއްސަކޮށް އިންޓަނެޓުގެ ވަސީލަތް ބޭނުންކުރާ ހުރިހާ އެންމެން، ދިވެހި ފަސްގަނޑުގައި އުޅޭ އެންމެން ރެގިއުލޭޓް މި ކުރަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި، މީގައި އޮޅުވާލުމެއް އެބަވޭ ވަރަށް ސަރީހަކޮށް،" ސަވާދު ވިދާޅުވިއެވެ. ސަވާދު ވިދާޅުވީ، ޤާނޫނުއަސާސީގައި ޒާތީ ދިރިއުޅުމުގެ ހިމާޔަތުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ނަމާއި އަބުރުގެ ހައްގު ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް ހައްގެއް އުނިކުރާ ނަމަ އެ ހައްގުތައް އުނިކުރާ ހަމަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ޤާނޫނުއަސާސީގެ 16ވަނަ މާއްދާގައިވާ ގޮތުން، އަސާސީ ހައްގުތަކުން ކޮންމެވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ފުށޫނާރާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އަދި އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހިފެހެއްޓުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވެއެވެ. އެއާއެކު، އަސާސީ ހައްގުތައް މަނާކުރުމުގައި އިންސާނީ ހަމަހަމަކަމަށް ބިނާކޮށް އުފެދިފައިވާ ޑިމޮކްރަޓިކް މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ ބައިވެރިވާ މުއާހަދާތަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ޤާނޫނުއަސާސީ ބަޔާންކޮށްފައިވާކަން ވެސް ސަވާދު ފާހަގަކުރެއްވިއެވެ. ސަވާދު ވިދާޅުވީ، ތަހުޒީބު ޑިމޮކްރަސީތަކުގައި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ މަސައްކަތް ފަށަނީ ނޫސްވެރިންގެ ބައިވެރިވުން ހިމެނި، މަޝްވަރާގެ ތެރެއިން ކަމަށެވެ. "އެހެންވީމާ މި ނުކުތާއަށް ވިސްނާއިރު މި އޮތީ ބިލުގެ ފެށުން ގޯސްވެފައި،" އޭނާ ވިދާޅުވީ، ޔުނެސްކޯއާއި ވިލާތުގެ އިއްތިހާދާއި އދ.ގެ އުސޫލުތަކަށް ބެލިކަމުގައި ވިޔަސް އޮންނަ އެންމެ ރަނގަޅު ގޮތަކީ ނޫސްވެރިކަމުގެ މައްސަލަތައް އެ ދާއިރާގައި ޝާމިލްވާ މީހުން ހައްލުކުރުން، ނުވަތަ ސެލްފް ރެގިއުލޭޓްކުރުން ކަމަށެވެ. އެކަން މުހިންމުވާ ސަބަބެއް ކަމަށް ސަވާދު ވިދާޅުވީ، ވެރިކަމުގެ ތިން ބާރު ކަމަށްވާ ދައުލަތް ހިންގުމުގެ ބާރާއި ޤާނޫނުތައް އެކުލަވާލުމުގެ ބާރާއި ފަނޑިޔާރުގޭގެ ބާރުން ކުރާ މަސައްކަތްތަކާއި އެ ބާރުތަކުން ކުރާ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަމާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދެނީ ނޫސްވެރިން ކަމަށް ވާތީއެވެ. މިނިވަންކަމާއެކު ނޫސްވެރިންނަށް މަސައްކަތްނުކުރެވޭ ހާލަތެއްގައި ދައުލަތް ހިނގާ ނުހިނގާގޮތާ މެދު ތަފާތު ޚިޔާލާއި ފިކުރުން ވިސްނުމުގެ ފުރުސަތު އާންމުންނަށް ގެއްލި އެ ދޮރު ބަންދުވާނެކަން ސަވާދު ފާހަގަކުރެއްވިއެވެ. ސަވާދު ވިދާޅުވީ ވެރިކަމާ މެދު އާންމުންނަށް ގޮތް ނިންމޭނީ މައުލޫމާތު ހުރެގެން ކަމަށެވެ. މީޑިއާތައް ރެގިއުލޭޓްކުރުމަށް މިހާރު އޮންނަ އެންމެ ހަރުދަނާ އެއް މުއައްސަސާއަކީ މީޑިއާ ކައުންސިލް ކަމަށް ސަވާދު ގަބޫލުކުރައްވައެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ އެއްވެސް ދައުރެއް އެ ކައުންސިލްގައި ނެތުމުންނެވެ. ނަމަވެސް މި ބިލު ފާސްވެއްޖެނަމަ މީޑިއާތައް ރެގިއުލޭޓްކުރުމަށް އޮންނަ "ފަންގިފިލާ އެއްކޮށް ދިޔައީ"ކަމަށް ސަވާދު ސިފަކުރެއްވިއެވެ. އެއާއެކު، މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން އެކުލަވާލާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަންކުރާ ގޮތުގެ ތަފްސީލުވެސް ސަވާދު ހިއްސާކުރެއްވިއެވެ. އޭނާ ވަނީ، ހަތް މެންބަރުން އެކުލެވޭ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ތިން މެންބަރަކު އައްޔަންކުރާއިރު، އެ ކޮމިޝަންގެ ރައީސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަން ފާހަގަކުރައްވައިފައެވެ. "ކޮންޓްރޯލް، މިއީ ރެގިއުލޭޓެއް ނޫން، މި ކުރެވެނީ ކޮންޓްރޯލް، މެޖޯރިޓީ ޕާޓީއާއި ސަރުކާރު ހިންގާ ޕާޓީއާ އެއްތަންވެގެން މީޑިއާގެ މިނިވަންކަން ކޮންޓްރޯލް މި ކުރަނީ،" އެހެން މި ދަންނަވާ އެއް ސަބަބަކީ މި ކޮމިޝަންގެ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނާ ބެހޭ ކަންތައްތައް އެބަހުރި، އަޅުގަނޑުމެންގެ މާމަމެންނާއި މަންމަމެންނާއި ކާފަމެންނާއި ޅަދަރިންނާ ބެހޭ ހުރިހާ ކަމެއް އެބަހުރި،" ސަވާދު ވިދާޅުވިއެވެ. މި ބިލުން އާންމުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން ފިޔަވަޅު އެޅެން އެބައޮތްކަންވެސް ސަވާދު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހުރިހާ އުމުރުފުރައިގެ މީހުން ސޯޝަލް މީޑިއާ ބޭނުންކުރާކަން ފާހަގަކުރައްވައި ސަވާދު ވިދާޅުވީ މި ބިލުން ދިވެހީން ޖަލަށް ލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ