މެންބަރު ކުޑޫ, ހަތަރު މަސް ތެރޭ މުއްތަލިބަށް ފޮނުއްވި 9 ސުވާލަށް ވެސް ޖަވާބެއް ނުދެއްވާ!

ރާއްޖެއަށް އެންމެ ބޮޑަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަ ކަމަށްވާ, ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކާ ގުޅޭގޮތުން, ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ), ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބަށް ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނުވަ ސުވާލު ފޮނުއްވުމުން ވެސް އޭގެން އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށް އެ މެންބަރު މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން, ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެންބަރުން ވަޒީރުންނަށް ފޮނުއްވާ ސުވާލު ތަކަށް 14 ދުވަސް ތެރޭގައި ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެއެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ގާނޫނު އަސާސީގައި ލިޔެފައި އޮންނައިރު މިފަދަ މާއްދާތައް ހިމަނާފައި އޮންނަނީ ޓެކްސްފައިސާއިން މުސާރަ ނަންގަވާ ބޭފުޅުން ޖަވާބު ދާރީ ކުރުވުމުގެ ބޭނުމުގައެވެ. އެމްޑީޕީއިން މިއަދު ހައުސިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ-- ސަން ފޮޓޯ: މާނިއު މުޙައްމަދު އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ކުޑޫ މިއަދު "ސަން" އަށް ވިދާޅުވީ މި އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް މިނިސްޓަރު މުއްތަލިބަށް ނުވަ ސުވާލެއް މަޖިލިސް މެދުވެރިކޮށް ރަސްމީކޮށް, ފޮނުއްވާފައިވާ ކަމަށެވެ. އެގޮތަށް ފޮނުއްވާ ސުވާލުތަކަށް ޖަވާބުދެއްވަން ޖެހޭ މުއްދަތު ކަމަށްވާ 14 ދުވަސް, ހުރިހާ ސުވާލަކަށް ވެސް ހަމަވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވައިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު ކުޑޫ ފޮނުއްވި ސުވާލުތަކުގެ ތެރޭގައި ގިރާވަރުފަޅުގެ ބިންހިއްކުން ގޮސްފައިވާ ހިސާބަކާއި އެމްޑީޕީ ސަރުކާރުގައި އިމާރާތް ކުރަން ފެށި 4000 ފްލެޓް ދިނުމުގެ އުސޫލަށް އިރުއިރު ކޮޅާ ބަދަލު ގެންނަ ސަބަބު ސާފު ކުރުން ހިމެނެއެވެ. އޭގެ އިތުރުން މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާއިރު މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލަށް އެދިވަޑައިގެންފައިވެއެވެ. ހަމަ އެހެންމެ މާލޭ މަގުތައް ހެދުމުގެ މަސައްކަތުގެ އަޕްޑޭޓާއި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އާއްމުން ފާޅު ކުރަމުން ދިޔަ ކަންބޮޑުވުންތަކާ ގުޅޭ ސުވާލުތަކެއް ހިމެނެއެވެ. ސުވާލުތައް ކުރެއްވުމުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިނިސްޓަރު މުއްތަލިބާ ބައްދަލު ކުރެއްވުމަށް މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެޕޮއިންޓްމަންޓަކަށް ވެސް އެދިވަޑައިގެންފައިވެއެވެ. ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި: -- ފޮޓޯ: މަޖިލިސް ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެންބަރަކު ފޮނުއްވި ސުވާލުތަކެއް, މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭ މުއްދަތު ހަމަވިއިރު ވެސް ޖަވާބެއް ދެއްވާފައި ނުވަނީ ކީއްވެގެންތޯ "ސަން" އިން މިނިސްޓަރު މުއްތަލިބާ މެސެޖެއް މެދުވެރިކޮށް ސުވާލު ކުރުމުން އަދި މިހާތަނަށް އެ ސުވާލަށް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ. ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅު ކުރުމުގެ ގޮތުން އެމްޑީޕީން މިއަދު ހެނދުނު ވަނީ ހައުސިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އެ ބޭފުޅުން ވަނީ ކުރައްވާ ސުވާލުތަކަށް މިނިސްޓަރު މުއްތަލިބު ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު މިނިސްޓަރާ ނުވަތަ މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލު ކުރައްވަން އެދިވަޑައިގަތުމުން އެކަން ވެސް ނުވި ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ