ސަލާމަތީ ސަބަބުތަކާހެދި ކަމަށްބުނެ ބަންދުކުރި ޕާކިން ޒޯނުގައި 2 މަސްފަހުން ޕާކުކުރަން ފަށައިިފި
ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ބުނެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީގައި ޕާކްކުރުން މަނާކުރުމަށް ފަހު ހަމަ އެ ސަރަހައްދުގައި ވަގުތީ ގޮތުން ޕާކްކުރެވޭނެ އިންތިޒާމު، ދެ މަސް ފަހުން ހަމަޖައްސައިފިއެވެ. މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު ހުޅުވި އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކަށް، ޓާމިނަލްގެ ކުރިމަތީ އޮންނަ ޕާކިން ޒޯން ބަންދުކުރީ މިދިޔަ ޖުލައި މަހުގެ 17ވަނަ ދުވަހެވެ. އެގޮތުން އެ ދުވަހުން ފެށިގެން ހުޅުމާލޭގެ އިރުމަތީ ފަރާތު ޕާކިން ޒޯންގައި ވެހިކަލް ޕާކު ކުރުން އޮތީ މަނާކޮށްފައެވެ. އެއީ އެއާޕޯޓުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންގެ އިތުރުން އެއާޕޯޓުން ޚިދުމަތް ހޯދުމަށް ދާ ގިނަ މީހުން ބޭނުންކުރަމުން އައި ޕާކިން ޒޯނެވެ. އެހެންވެ، އާ ޓާމިނަލް ހުޅުވިތާ ދެ މަސްވިއިރު ޕާކިން ޒޯން ނުހުޅުވައި އޮތުމުން އެއާޕޯޓުގެ މުވައްޒަފުންނާއި ދަތުރުވެރިންގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެ ކުންފުނީގެ މުވައްޒަފަކު "ސަން"އަށް މީގެ ކުރިން ބުނީ، އާންމުކޮށް އެއާޕޯޓް މުވައްޒަފުންނާއި އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ އާންމުން ސައިކަލާއި ކާރު ޕާކް ކުރަމުން އައި، އާ ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯން ނުހުޅުވާތީ މުވައްޒަފުން ޑިއުޓީއަށް ދަނީ ފެރީގައި ނުވަތަ ބަހުގައި ކަމަށެވެ. https://x.com/mauman707/status/1966444865400586715 ވީއައިއޭގެ ބެލެނިވެރި ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ޓާމިނަލްގެ ކުރިމަތީގައި ކުރިން އޮތް ޕާކިން ޖާގައިގައި، ޕާކްކުރެވޭނެ ވަގުތީ އިންތިޒާމު ހަމަޖައްސައިދޭން ނިންމީ، ޕާކިން ޒޯން ވަގުތީގޮތުން ބަންދުކުރިތާ ދެ މަސް ވާން ކައިރިވެފައިވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހެއެވެ. އެ ދުވަހު ނެރުނު ސާކިއުލާއެއްގައި އެމްއޭސީއެލުން ބުނީ، އެއާޕޯޓުގެ ޚިދުމަތް ހޯދާ މީހުންނަށާއި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެނިގެން އިދާރާތަކާއި ކުންފުނިތަކުގެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން ވަކި އުސޫލެއްގެ ދަށުން، އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއާއެކު، އެއާޕޯޓުގައި ޕާކްކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް، އެމްއޭސީއެލުން ބުންޏެވެ. އެގޮތުން މާލެއާއި ހުޅުމާލޭން އެއާޕޯޓުގެ އިރުމަތީ ސަރަހައްދުގައިވާ ޕާކިން ޒޯނަށް ފަސޭހައިން ވަދެވޭ ގޮތް ހެދުމަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކުރުމާއި، މާލެއާއި ހުޅުމާލޭން އެއާޕޯޓަށް ކުރާ ބަހާއި ފެރީގެ ދަތުރުތައް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލުން ބުނީ، ވީއައިއޭގެ އިރުމަތީ ސަރަހައްދުގައި ޕާކިން ޒޯން ތަރައްގީކޮށް ނިމުމުން، އާ ޓާމިނަލް ކުރިމަތީގައި ޕާކްކުރުމަށް ވަގުތީގޮތުން ކަނޑައަޅާފައިވާ ސަރަހައްދު އިރުމަތީ ފަރާތަށް ބަދަލުކުރެވޭނެ ކަމަށާއި، މިހާރު ވެސް އިރުމަތީ ފަރާތުގައި ޕާކްކުރާ އުސޫލުން ޕާކްކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ