ރަޝިޔާއާ ކުރިމަތިލުމަށް ނޭޓޯއިން ހަތިޔާރު ޖަމާކޮށް އަސްކަރީ އޮޕަރޭޝަނެއް ފަށައިފި
ވޯސޯ (14 ސެޕްޓެމްބަރު 2025) : ހުޅަނގުގެ އަސްކަރީ އިއްތިޙާދު ކަމަށްވާ ނޭޓޯގައި ހިމެނޭ ޕޮލެންޑަށް ރަޝިއާގެ ޑްރޯންތަކެއް ވަންކަމަށް ބުނެ ނޭޓޯގެ އިރުމަތީ ފަޅީގައި ދިފާއުތައް ވަރުގަދަ ކުރުމުގެ އޮޕަރޭޝަނެއް އެ ޖަމާއަތުން ފަށައިފިއެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭ ވިދާޅުވީ ޕޮލެންޑަށް ރަޝިއާގެ ޑްރޯންތަކެއް ވަނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި މިއީ ނޭޓޯގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އޮތް މިންވަރު ބެލުމަށް ރަޝިއާ ކުރިކަމެއްކަމަށް ބެލެވިފައިވާ ކަމުގައެވެ. މިކަމާ ގުޅިގެން ނޭޓޯއިން ވަނީ "އީސްޓް ސެންޗުރީ" ގެ ނަމުގައި ނޭޓޯގެ އިރުމަތީ ގައުމުތައް ދިފާއު ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށާފައެވެ. ނޭޓޯގެ އިރުމަތީގެ ގައުމުތަކުގެ ގޮތުގައި ހިމެނެނީ ޕޮލެންޑް، ރުމޭނިޔާ، ހަންގެރީ، ސޮލޮވޭކިޔާ ބަލްގޭރިޔާ، ގްރީސް، އަދި ބޯލްޓިކްގެ ތިން ގައުމު ކަމަށްވާ އެސްޓޯނިޔާ، ލެޓްވިޔާ އަދި ލިޓުއޭނިއާގެ އިތުރުން ޑެންމާކް އާއި ފިންލެންޑްއެވެ. ނޭޓޯގެ މި އޮޕަރޭޝަންގެ ބޭނުމަކީ މިއިން އެއްވެސް ގައުމަކަށް ރަޝިއާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމެވެ. މިއިން އެއްވެސް ގައުމަކަށް ރަޝިއާގެ ބޯޓެއް ނުވަތަ ޑްރޯނެއް ވަދެއްޖެނަމަ އެއެއްޗެއް ވައްޓާލުމެވެ. ހަމަލާއެއް ދީފިނަމަ ހަމަލާދިން ފަރާތަކަށް ވަގުތުން ރައްދު ދިނުމެވެ. ނޭޓޯގެ އިރުމަތީގެ ގައުމުތަކަކީ ދެކުނުން ގްރީސްއިން ފެށިގެން ޑެންމާކު އަދި ފިންލެންޑާ ހަމައަށް އުތުރަށް ފެތުރިފައިވާ ބޮޑު ސަރަހައްދެއްގައިވާ ގައުމުތަކެއްކަމުން މި ހާބޮޑު ސަރަހައްދެއް ބެލެހެއްޓުމަކީ ޚަރަދުބޮޑު އަދި އަމަލީގޮތުން ބުރަކަމެކެވެ. އެހެންކަމުން ނޭޓޯގެ އިރުމަތީ ފަޅީގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށްޓަކައި ރަޝިއާ އާ ދެކޮޅަށް ހިންގާ "އީސްޓް ސެންޗުރީ" ގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ބޯލްޓިކްގެ ގައުމުތަކުން ފެށިގެން ބަލްގެރިޔާ އާ ހަމައަށް ކަމަށް ނޭޓޯގެ އަސްކަރީ ކޮމާންޑަރު އަލެކްސަސް ގްރިންކޮވިޗް ވިދާޅުވިއެވެ. ނޭޓޯގެ އަސްކަރީ ކޮމާންޑަރާއި ސެކްރެޓަރީ ޖެނެރަލް މި އޮޕަރޭޝަންގައި އަސްކަރީ ފައިޓާޖެޓްތައް ބައިވެރިކުރާނެކަން ޕޮލެންޑްގެ އިތުރުން ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ވަނީ ހާމަކޮށްފައެވެ. ޑެންމާކުން ބައިވެރި ކުރަނީ އަސްކަރީ އުޅަނދުތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ. ފައިޓާޖެޓާއި މަނަވަރުގެ އިތުރުން އެމެރިކާގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައްވެސް މި ގައުމުތަކުގައި ރުކުރުވާލުން މި އޮޕަރޭޝަންގައި ހިމެނޭކަމަށް ނޭޓޯގެ އަސްކަރީ ކޮމާންޑަރު އަލެކްސަސް ގްރިންކޮވިޗް ވިދާޅުވިއެވެ. އެމެރިކާ ހިމެނޭގޮތަށް ނޭޓޯގެ ގައުމުތަކުންވަނީ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ރަޝިއާއަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އެމެރިކާ ވަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ދިފާއު ކަށަވަރު ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް އެމެރިކގެ ރައީސް ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިޔާގެ ޑްރޯންތަކެއް ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ވަދެފައިވަނީ އޮޅުމަކުންނެވެ. އެއީ ރަޝިއާ ގަސްދުގައި ހިންގި އަމަލެއްނޫނެވެ. ޓްރަމްޕް މިހެންވިދާޅުވުމުން ޕޮލެންޑްފަދަ ނޭޓޯގެ ބައެއް ގައުމުތައް ވަނީ ހިތްހަމަނުޖެހިފައެވެ. ޕޮލެންޑުގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ރަޝިޔާ އެއަމަލު ހިންގާފައިވަނީ ގަސްދުގައެވެ. އެއީ ނޭޓޯގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އޮތް މިންވަރު ބެލުމުގެ ގޮތުންނާއި ޕޮލެންޑާއި މުޅި ނޭޓޯގެ ދިފާއީ ގާބިލްކަން ހުރި މިންވަރު ބެލުމުގެ ގޮތުން ރަޝިއާ ކުރި ކަމެކެވެ. ޕޮލެންޑާއި އެމެރިކާއަކީ ގުޅުންތައް ބޮޑު ދެގައުމުކަމަށް ވިޔަސް މިމައްސަލާގައި އެދެގައުމުގެ ޚިޔާލު ވަނީ ތަފާތުވެފައެވެ. ޕޮލެންޑުގެ ޚާރިޖީ ވަޒީރު ވަނީ ރަޝިއާގެ ކުރިމަތީގައި ޕޮލެންޑް ދިފާއުކޮށްދޭނެކަމުގެ ޔަގީންކަން ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެމެރިކާ އަޅާނެކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިއާއެކު އެމެރިކާ ވަނީ ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ ޑްރޯންތައް ވަން ހާދިސާ ކުށްވެރިކޮށް ބަޔާނެއްގެ ނެރެފައެވެ. ރަޝިޔާގެ މި އަމަލަކީ އދ.ގެ ޗާޓަރާ ޚިލާފު އަމަލެއްކަމަށްވެސް އެމެރިކާގެ ބަޔާނުގައިވަނީ ސިފަކޮށްފައެވެ. ރަޝިއާ ވަނީ އެގައުމުގެ ޑްރޯންތަކެއް ޕޮލެންޑަށް ވަންކަމަށް ބުނެ ދައްކަނީ އަސާސެއްނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. އދ. ގައި ހުންނަވާ ރަޝިއާގެ މަންދޫބު ވަސީލީ ނިބެންޒިޔާ ވިދާޅުވިގޮތުގައި ޕޮލެންޑަކީ ރަޝިއާ އާ ސަރަހައްދީ ރޮނގުން ގުޅިފައި ނެތްގައުމަކަށްވެފައި ރަޝިއާގެ ސަރަހައްދީ ރޮނގާއި ޕޮލެންޑްގެ ސަރަހައްދީ ރޮނގާ ދެމެދު 700 ވަރަކަށް ކިލޯމީޓަރު ހުރިއިރު ރަޝިއާގެ ޑްރޯނެއް ޕޮލެންޑަށް ވަނުމުގެ ފުރުސަތެއް އަމަލީގޮތުން ނޯންނާނެއެވެ. ޕޮލެންޑަށް އިސްވެ ހަމަލާ ދިނުމުގެ އެއްވެސް ބޭނުމެއް ރަޝިއާގެ ނެތްކަމަށްވެސް ރަޝިއާގެ މަންދޫބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ