އައްޑޫގައި ކަރަންޓު ކެނޑެނީ މަގު ހެދުމުގެ މަސައްކަތުގައި ފަރުވާކުޑަވެ ކޭބަލްތަކަށް ގެއްލުންވުމުން: ޝާހިދު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވަމުން ދަނީ، މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދާ ވަގުތު ބަލަން ޖެހޭ މިންވަރަށް ނުބަލައި މަސައްކަތް ކުރުމުން ކޭބަލަށް ލިބޭ ގެއްލުންތަކުންކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ރަށްތަކުން ކަރަންޓު ކެނޑެމުން ދާ މައްސަލަ ބަލައިދޭން ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލުމުން ޝާހިދު ވިދާޅުވީ ވިސްނަން ވީ ހައްލު ހޯދޭނެ ގޮތަކާއި މެދު ކަމަށެވެ. ޝާހިދު ވިދާޅުވީ ކަރަންޓު ކެނޑި، މައްސަލަތައް ދިމާވަނީ ސްޕެއާތައް ފޯރުކޮށް ނުދީގެން އެކަނިކަމަށް ދެކުން ރަނގަޅެއް ނޫންކަމަށެވެ. އަދި މިއީ އިންޖީނުތައް ނެތިގެން ނުވަތަ އިންޖީނުތައް ކުޑަވެގެން ދިމާވާ މައްސަލައެއް ވެސް ނޫންކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުގެ ވާހަކަ ދެއްކުމުގެ ސަބަބުން އެކަމާ ނުރުހުނުކަމަކު އެ ނޫން ގޮތެއް ވެސް ނެތްކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ މަގުތައް ހެދުމަށް ހަވާލުކޮށް އެ މަޝްރޫއު ކުރިޔަށް ނުގެންދެވި ވެސް ފަސް އަހަރު ހޭދަކުރިއިރު، މި ހަތް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތުގެ ދުވެލި އެތައް ގުނައަކުން އަވަސް ކުރެވުނުކަމަށް ޝާހިދު ވިދާޅުވި އެވެ.
ކަރަންޓު ކެނޑޭ ބައެއް ސަބަބުތަކުގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ފަރުވާކުޑަވުމުގެ ސަބަބުން ކޭބަލްތަކަށް އެކި ގެއްލުންތައް ލިބެމުންދާކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ކުންފުނި ދަރުވާލާފައި އޮތުމުގެ ސަބަބުން، ކުންފުންޏަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގައި މާލީ ގޮންޖެހުންތައް ހުރިކަން ޝާހިދު ފާހަގަކުރި އެވެ.
ޝާހިދު ވިދާޅުވީ ރަނގަޅަށް ހިނގާ އިންޖީނެއް، ކުއްލި ގޮތަކަށް ނުހުއްޓޭނެކަމަށާއި އެއަށް ބޭނުންވާ މެއިންޓަނެންސް އެނގޭނެ ޓެކްނީޝަނުން ތަނުގެ ތެރޭގައި ތިބޭނެކަމަށެވެ. އެހެންކަމުން އިންޖީނަށް ބޭނުންވާ ތެޔޮ ހުސްވުމުން، ނުވަތަ މެއިންޓަނެންސް ބޭނުންވާކަން ނޭނގި ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ދިމާވެގެން އުޅޭ މައްސަލައަކީ ފަސް އަހަރުގެ ތެރޭގައި ކުންފުނި ދަރުވާލައި ގެއްލުން ދިނުމުން ފައިސާގެ ދަތިކަންކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން ފެނަކަ ކުންފުނި ބޭނުން ކުރީ ޝާހިދު ވިދާޅުވި ގޮތުގައި ސިޔާސީ މަންފާތަކެއް ހާސިލު ކުރުމަށެވެ. އެގޮތުން ތަނަށް ހާހުން މުވައްޒަފުން ނަގައި ކުރި މަސައްކަތެއް ނެތް އިރު އެހާ ބޮޑު އަދަދަކުން ދަަރަނި އުފެއްދެން ވީ ސަބަބެއް ވެސް ނޭނގޭކަމަށް ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ