"މީހަކަށް އިންޒާރު ދީފާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ"

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ މީހުންނަށް ބިރުދައްކާ އިންޒާރު ދެއްވާނެ ބޭފުޅެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވީ ކަމަށް ސަންގުޓީވީ އަށް ރޭ ދެއްވި އިންޓަވިއުގައި ލުތުފީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މަގުމަތިން މީހެއްގެ ކަރުގައި ހިފާ، ބިރުދައްކާ، އެމީހެއްގެ އޮފީހަށް ވަދެ އިންޒާރު ދީ ފްރޭމް ކުރާނެ ކަމަށް ބުނެ ބިރު ދައްކާ މިންވަރަށް އެމަނިކުފާނު ގަމާރު ވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ ހައިރާންވެ އަންތަރީވެސްވެ ވަޑައިގެންފި ކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓު
ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުގައި ލުތުފީ ވިދާޅުވީ އިމްރާން އިންޒާރު ދެއްވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ނާންގައި ކަމަށާއި އެންގި ނަމަވެސް އެކަމުން މަންފާއެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލާގައި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަރީއަތް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށް ވެސް އިންޒާރު ދެއްވި ކަމަށް ލުތުފީ ވަނީ ތުހުމަތު ކުރައްވައިފައެވެ.
ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ރަސްމީ ޗުއްޓީއެއް ނެންގެވުމަށްފަހު، އޮފީހަށް ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އެ ދުވަސްތަކުގައި ވެސް ބަރާބަރަށް މުސާރަ ނަންގަވަމުން ދިޔައެވެ. އެ މައްސަލައާ ގުޅިގެން އޭސީސީގެ ރައީސް ކަމުގެ މަގާމުން ލުތުފީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އޭނާ ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ