އަންހެން ފަނޑިޔާރުން ހުއްދަ ކަމަށް ގިނަ އިލްމުވެރިން ވިދާޅުވޭ: މައުމޫން

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް މިހާރުގެ ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ސްޕްރީމްކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރައީސް ސޯލިހު ވަނީ ދެ އަންހެން ބޭފުޅެއްގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެކޮމިޝަނުގެ ރައުޔުއަކަށް އެދި ފޮނުވާފަ އެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ގިނަ އިލްމުވެރިން އަންނަނީ އިސްލާމްދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށްބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައީސްގެ އެ ނިންމެވުން ބަދަލު ކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ދީނީ ގިނަ އިލްމުވެރިންތަކެއްގެ އިތުރުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވެސް އެކަމަކީ ހުއްދަ ނޫން ކަމެއް ކަމަށް ބުނެފައިވަނިކޮށް، ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން، އަލް ތަބަރީ އާއި، އިބުން ހަޒްމާއި، ހަސަނުން ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ޔޫސުފް އަލް ޤަރަދަވި، އަބުދިލް ކަރީމް ޒައިދާންގެ އިތުރުން ސައީދު ރަމަދާން ފަދަ މިހާރުގެ އިލްމުވެރިންވެސް އެގޮތަށް ވިދާޅުވާ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓް
ރައީސް ސޯލިހު ސްޕްރީމްކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުވާގައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްޑާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫންގެ ނަންފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ