މައުމޫން އާއި އިނގިރޭސި ސަފީރު، ފުޓްބޯޅަ އާއި ކްރިކެޓާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް މިހާރު ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ބައްދަލު ކުރައްވާ ފުޓްބޯޅަ އާއި ކްރިކެޓާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވަވައިފިއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަސްރަހުގެ އިތުރުން ކްރިކެޓާއި ފުޓްބޯޅަ އާއި ބެހޭ ގޮތުން ޑައުރިސް އާއި އެކު އުފާވެރި މަޝްވަރާތަކެއް މިއަދު ކުރެއްވެވި ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް މައުމޫން ޑައުރިސް އާއި އެކު ބޭއްވެވި ބައްދަލުވުމުގައި ކްރިކެޓާއި ފުޓްބޯޅަ އާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވެވިއިރު އިނގިރޭސިވިލާތާއި ބަންގްލަދޭޝް ބައްދަލުކުރާ ކްރިކެޓް ސީރީސްގެ މެޗްތަކެއް ހުކުރު ދުވަހުން ފެށިގެން ކުރިއަށް އެބަދެއެވެ.
ހުކުރު ދުވަހުގެ މެޗް އިނގިރޭސިވިލާތް ކާމިޔާބު ކުރިއިރު މިއަދުގެ މެޗް ކާމިޔާބު ކުރީ ބަންގްލަދޭޝް އެވެ. މިސީރީސްގައި އަދި ބާކީ ތިން މެޗް އެބަ އޮތެވެ. ބެލެވޭ ގޮތުގައި ދެބޭފުޅުން މިއަދު ވާހަކަދެއްކެވީ މިމެޗްތަކާއި ބެހޭ ގޮތުންނެވެ. މީގެ އިތުރުން ވޯލްޑްކަޕް ކޮލިފައިންގައި އިނގިރޭސިވިލާތުގެ ފުޓްބޯޅަ ޓީމާއި މޯލްޓާ ރޭ ބައްދަލު ކުރެއްވި މެޗާއި ބެހޭ ގޮތުން ވެސް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށް ބެލެވެއެވެ.
ޑައުރިސް މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި ފޮރިން މިނިސްޓަރ ޑރ.އަހްމަދު އާސިމް އާއި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ އާއި ބައްދަލު ކުރައްވާ ފައެވެ. އަދި އިދިކޮޅު އިއްތިހާދާއި ވެސް މިއަދު އޭނާ ބައްދަލު ކުރެއްވެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ