ފެބްރުއަރީ ހަތްވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަޑީގައި ހުންނަވައިގެން ގެނައި އިންގިލާބަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެވާހަކަތައް މައުމޫން ދޮގުކުރައްވައިފި އެވެ.
މައުމޫން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނަނީ ވެރިކަން ބަދަލުވުމާއި ގުޅޭގޮތުން އެމެރިކާގެ ބައެއް ޓީވީ ޗެނަލްތަކަށް ނަޝީދު ދެއްވަމުންގެންދަވާ އިންޓަވިއުތަކުގައި ފެބްރުއަރީ ހަތްވަނަ ދުވަހު ރާއްޖެއަށް ގެނެވުނީ އިންގިލާބެއް ކަމަށާއި، އަދި އެ އިންގިލާބު ގެނައީ މައުމޫން އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފުވާހަކަތަކެއް ކަމަށެވެ.
"މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ ވެރިކަމަށް އައި ބަދަލާއިމެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް މީޑިއާތަކަށް ދެއްވަމުން ގެންދަވާ އިންޓަވިއުތަކުގައި އެ ދުވަހު ރާއްޖޭގައި ގެނެވުނީ އިންގިލާބެއް ކަމަށާއި، އެ އިންގިލާބު ގެނައީ އަޅުގަނޑުކަމަށް ނުވަތަ އަޅުގަނޑު އަޑީގައި ހުންވައިގެން ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމުގައި އަޅުގަނޑު ނުހަނު ސާބިތުކަމާއި އެކު ދަންނަވަމެވެ،" މައުމޫންގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ހެޔޮ ހާލުގައި ހުންނަވައިގެން އެމަނިކުފާނު އަމިއްލަފުޅަށް ކަމަށާއި، ގާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ރ) ގައި ބުނާފަދައިން އިސްތިއުފާގެ ސިޓީ ނަޝީދު ލިޔުއްވީ އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ކަމަށެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވުމުން ގާނޫނު އަސާސީގެ 126 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސްކަމުގެ ހުވާކުރެއްވީ އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި ހުންނަވައިގެން ކަމަށްވާތީ، ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާއްޖެއަށް ގެނެވުނީ އިންގިލާބެއްކަމަށް ބުނެވޭނެ އެއްވެސްގޮތެއް ނޯންނާނެ ކަމަށެވެ.
މައުމޫންގެ ބަޔާނުގައި ބުނަނީ ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތއް އިރުވެސް ރައީސް އޮފީހުގައި މީޑިއާގެ ކުރިމަތީގައި ނަޝީދަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެމަނިކުފާނު ކަމަށާއި ނަޝީދާއި ވެރިކަން ހަވާލުކުރުމަށްޓަކައި އެއިރު ކުރަންޖެހުނު ހުރިހާކަމެއް ވެސް އިޚުލާސްތެރިކަމާއި އެކު ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި އެމަނިކުފާނު ކޮށްދެއްވާފައި ވާނެ ކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ނަޝީދު އާއި ނަޝީދުގެ ސަރުކާރުން އެމަނިކުފާނުގެ އާއިލާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކިއެކި ދުއްތުރާތައް ކުރައްވާފައިވާ ކަމަށާއި އެކަމަކު އޭގެ ބަދެއްލެއްގެ ގޮތުންވެސް ނަޝީދު ރައީސުޖްޖުމްހޫރިއްޔާ ކަމުގެ މަގާމުން ވަކިކުރެއްވުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.
މައުމޫންގެ ބަޔާނުގައި ބުނަނީ ގާނޫނުއަސާސީއާއި ޚިލާފަށް އަދި އިސްލާމްދީނާއި ދުރަށް ރައްޔިތުން ގެންދިޔުމަށްޓަކައި ނަޝީދުގެ ސަރުކާރުން ކުރަމުންގެންދިޔަ ކަންތައްތަކާއި ދެކޮޅަށް މަދަނީ ޖަމްއިއްޔާތަކުން ކުރި މުޒާހަރާތަކުގައި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް އިންވެސް ބައިވެރިވެފައިވާނެ ކަމަށާއި އެކަމަކީ ނަޝީދު ވެރިކަމުން ވައްޓާލުމަށް ކުރިކަމެއް ނޫން ކަމަށެވެ. އަދި ނަޝީދުގެ ސަރުކާރުން ކުރަމުންގެންދިޔަ ކަންތައްތަކާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވުމަކީ ރައީސްކަމުގައި ހުންނަވާ ބޭފުޅަކާއި އެ ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ޒިންމާދާރު ކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ އަދި ޑިމޮކްރެޓިކް ހައްގެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
ވެރިކަން ބަދަލު ކުރީ އަޅުގަނޑު އަޑީގައި ހުރެގެނެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ