ކާށިދޫ ދާއިރާގެ އިންތިޚާބްގެ ސެކިއުރިޓީ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މި އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާގެ ގާފަރުގައި އޮންނަ އިންތިޚާބްގެ ސެކިއުރިޓީ ކަންތައްތަކާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ފުލުހުން ބައްދަލުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ކ. ގާފަރުގައި ބޭއްވި މި ބައްދަލުވުންތަކުގައި އެރަށުގެ ކައުންސިލާއި، އިލެކްޝަނާގުޅޭ ފަރާތްތަކާއި، އެރަށުގައި ކެމްޕޭން ކުރަމުންދާ ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކާވެސް ބައްދަލު ކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި މިހާރު ކެމްޕޭން ކުރުމުގެ ވާދަވެރިކަމުގެ ތެރެއިން އެރަށުގައި ހިނގާ އެކިއެކި ކަންތައްތަކާގުޅޭ މަޢުލޫމާތު އެފަރާތްތަކުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ކެމްޕޭންކުރުމުގެ ތެރޭގަޔާއި ވޯޓްލާ ދުވަހުވެސް މި އިންތިހާބްގައި ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕޭން ޓީމްތަކުން ވަނީ އިންތިހާބްގެ ސެކިއުރިޓީ ކަންތައްތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އިއްޔެ މިބައްދަލުވުންތަކުގައި ނޯތް ސެންޓްރަލް ޕޮލިސް ޑިޥިޜަންގެ ފަރާތުން ބައިވެރިވެލައްވާފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިޥިޜަންގެ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޝިޔާމްއާއި ނޯތް ސެންޓްރަލް ޕޮލިސް ޑިޥިޜަންގެ އެކި އަތޮޅުތަކުގެ އަތޮޅު ކޮމާންޑަރުންނެވެ.
އިއްޔެ ކ. ގާފަރަށް ފުލުހުން ކުރި މިޒިޔާރަތުގައި އިންތިޚާބްގެ ދުވަސްވަރު ފުލުހުން ކ. ގާފަރުގައި ތިބުމަށް ކަނޑައަޅާފައިވާ ތަންތަނާއި ވޯޓްފޮށި ބަހައްޓަން ކަނޑައެޅިފައިވާ ސަރަހައްދަށް ޒިޔާރަތްކޮށް، ބޭނުންވާ މަޢުލޫމާތު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ