ރިފްއަތާއި ހިސާން، ގާޒީ ޝަކީލްއާ ބައްދަލު ކުރެއްވި ވާހަކަ ދޮގުކޮށްފި
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން އާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އާ ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ."ސަންގު ޓީވީ" މިރޭ ކުރި ޓުވީޓެއްގައި ވަނީ ޝަކީލު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީ ގެންގޮސް ހިސާން އާއި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ރިފްއަތާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.މިކަން ދޮގުކޮށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ޓެގް ކޮށް ޖޭއެސްސީން ކުރި ޓުވީޓުގައި ބުނީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އާއި ހިސާންއާއި ރިފްއަތު ބައްދަލު ކުރި ކަމަށް ބުނެ ޓްވީޓް ކުރި މީޑިއާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ."މި ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ މިކަން ކުށްވެރިކޮށް، މިކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމުގައި ވެސް ދަންނަވަން،" ޖޭއެސްސީގެ ޓްވީޓުގައި ބުނެފައިވެ އެވެ.މި ވަގުތު ކްރިމިނަލް ކޯޓުގައި ދެ މައްސަލައެއްގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއްގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ދެ ރަށެއްގެ މުއާމަލާތަކާ ގުޅިގެން އުފުލާފައިވާ ރިޝްވަތުގެ ދައުވާތަކަކާއި މަނީ ލޯންޑަރިންގެ ދައުވާތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ