ޔޫޓިއުބުން އަހަރަކު 11 މިލިއަން ޑޮލަރު ހޯދާ ކުޑަކުއްޖާ

ރަޔަން އަކީ އުުމުރުން އެންމެ ހަ އަހަރުގެ ކުއްޖެކެވެ. އެކަމަކު އޭނާ އެ އަންނަނީ "ރަޔަން ޓޯއީޒް ރިވިއު" ކިޔާ އަމިއްލަ ޔޫޓިއުބު ޗެނަލެއް ހޯސްޓްކުރަމުންނެވެ. ކުޑަކުދިން ކުޅޭ އެއްޗެތި ރިވިއުކޮށްގެން އިންޓަނެޓުން މި ކުއްޖާ މިހާރު އެތައް މިލިއަން ޑޮލަރެއް ހޯދަ އެވެ.
ރަޔަން މިހާރު ބެލެވެނީ މިލިއަނަރެއްގެ ގޮތުގަ އެވެ. އޭނާގެ ޗެނަލްއަށް 2017 ގައި 11 މިލިއަން ޑޮލަރު ލިބުނެވެ. އެއާ އެކު ފޯބްސް އިން މި އަހަރު ނެރުނު އެންމެ ގިނަ އާމްދަނީ ލިބޭ ޔޫޓިއުބު ސެލެބްރިޓީންގެ ތެރޭގައި ރަޔަން ހިމެނެ އެވެ.
ރަޔަންގެ މަޝްހޫރު ޗެނަލްގެ ބިންގަލަކީ އޭނާގެ މަންމަ އާއި ބައްޕަ އެވެ. މި ކުއްޖާގެ އަޖައިބެއް ފަދަ ހުނަރު ޝޫޓްކޮށް ޕްރޮޑިއުސްކުރަނީ އެމީހުންނެވެ. ރަޔަން ޓޯއީޒް ރިވިއު ފެށީ މާޗް 2015 ގަ އެވެ. އޭރު ރަޔަންގެ އުމުރުން އެންމެ ތިން އަހަރެވެ.
ރަަޔަންގެ ޗެނަލްގެ ވީޑިއޯއެއް
ފުރަތަމަކޮޅު ރަޔަންގެ ޗެނަލް އަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. ނަމަވެސް ޖުލައި 2015ގައި ކުއްލިއަކަށް އެ ޗެނަލްގެ މަގްބޫލުކަން ބޮޑުވެގެން ދިޔަ އެވެ. އެއީ ކުޑަ ފިރިހެންކުއްޖާގެ ވީޑީއޯއެއް ވައިރަލްވެ އެންމެން އެޔާ ހެދި މޮޔަވުމުންނެވެ. އެ ވީޑިއޯއިން ފެންނަނީ "ޖަޔަންޓް އެގް ސަޕްރައިޒް" ފޮށި ހުޅުވައިގެން އޭގައިވާ އެނިމޭޓެޑް ފިލްމު "ކާޒް" ސީރީޒްގެ 100 ޓޯއީ ރިިވިއުކުރާ ތަނެވެ.
މި ވީޑިއޯ ބެލީ ކިތައް މީހުންކަން އެނގޭ ހެއްޔެވެ؟ މިހާތަނަށް 800 މިލިއަން ފަހަރު އެ ވީޑިއޯ ބަލާފައިވެ އެވެ.
ޗެނެލް ފެށުނު ގޮތް
ޓޯއީޒް ރިވިއުކުރާ ޗެނަލްތައް ރަޔަން ވަރަށް ގިނައިން ބަލަ އެވެ. އެގޮތުން އީވާންޓިއުބުއެޗްޑީ އާއި ހުލްޔާން މާޔާ އަކީ އޭނާގެ ފޭވަރިޓް ޗެނަލްތަކެވެ. ސަބަބަކީ އެ ޗެނަލްތަކުން 'ތޯމަސް ދަ ޓޭންކް އިންޖީން'ގެ ވަރަށް ގިނަ ވީޑިއޯތައް ތައްޔާރުކުރާތީ އެވެ. ރަަޔަން އަކީ ތޯމަސްގެ ވަރަށް ބޮޑު ފޭނެކެވެ.
"އެއް ދުވަހަކު ރަޔަން އެހި އެހެން ހުރިހާ ކުދިން ޔޫޓިއުބުގައި އުޅޭއިރު އޭނާ ޔޫޓިއުބުގައި ނޫޅެނީ ކީއްވެހޭ؟ އެހެންވެ އަހަރެމެން އޭނައަށް ވެސް ޔޫޓިއުބު ޗެނަލެއް ހަދައިދޭން ގަސްދުކުރީ،" ރަޔަންގެ މަންމަ ލޯއެން ބުންޏެވެ.
"އަހަރެމެން އޭނާ ކައިރި ބުނިން އެކަން ކުރެވިދާނޭ. އެހިސާބުން އަހަރެމެން އޭނާ ގޮވައިގެން ކުޅޭއެއްޗެތި ވިއްކާ ފިހާރައަކަށް ގޮސް އޭނާ އެންމެ ބޭނުންވާ ކުޅޭ އެތި ގަނެދިނިން. އެއީ އޭނާއަށް ލިބުނު ފުރަތަމަ ޓޯއީ. އަހަންނަށް ހީވަނީ އެއީ ލެގޯ ޓްރެއިން ސެޓެއް ހެން. ހުރިހާ ކަމެއް ފެށުނީ އެހިސާބުން."
ރަޔަންގެ ކާމިޔާބީގެ ފަހަތުގައި އޭނާގެ މަންމަގެ ވަރަށް ބުރަ މަސައްކަތް ހިމެނެ އެވެ. ރަޔަންގެ ޗެނަލްގައި ފުލްޓައިމްކޮށް މަސައްކަތް ކުރަން ފެށީ އޭނާގެ މަންމަ އަދާކުރަމުން އައި ހައި ސްކޫލްގެ ސައިންސް ޓީޗަރުގެ ވަޒީފާ ވެސް ދޫކޮށްލާފަ އެވެ. އޭގެ ފަހުން ހުރިހާ ވަގުތެއް ހުސްކުރަމުން އަންނަނީ ރަޔަންގެ ޗެނަލްގެ މަސައްކަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ