ކުރިޔަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރެވޭނީ ރައްޔިތުންނަށް އުންމީދު ގެނެސްދީގެން: ރައީސް މައުމޫން
ރާއްޖޭގައި ކުރިޔަށް ހުރި އިންތިހާބުތައް ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދީގެން ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީޕީއެމްއިން މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި "އުންމީދީ 16" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫން ވިދާޅުވީ އުންމީދު ކުރުމާއި، "ޑޭ ޑްރީމް" ކުރުން ނުވަތަ ދުވާލު ހޭލާ ހުރެ ހުވަފެން ދުށުމަކީ ވަރަށް ތަފާތު ދެ ކަމެއް ކަމަށެވެ. "އުންމީދާއި ޑޭ ޑްރީމް ކުރުމާ، މިއީ މުޅިން ތަފާތު ދެ ކަމެއް. އުންމީދު ހާސިލު ކުރެވޭނީ މަސައްކަތް ކޮށްގެން. ހިންމަތާއި އެކު، ބުރަ، އިޚްލާސްތެރި މަސައްކަތް ކޮށްގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދުތައް ހާސިލުކުރާނީ އެކަމަށްޓަކައި ކުރަންޖެހޭ ހުރިހަ ކަމެއްވެސް ވަރަށް އިޚްލާސްތެރިކަމާ އެކު ކޮށްގެން،" ރައީސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިޔަށް ހުރި އިންތިޚާބުތައް ޕީޕީއެމްއަށް ކާމިޔާބު ކުރެވޭނީ ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދީގެން ކަމަށެވެ. "ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެން އިންތިހާބުތައް ކާމިޔާބު ކުރާ އިރު، އެކަން ކުރެވޭނީ އުންމީދު ގެނެސްދީގެން. ހަމައެކަނި ހިތުގައި އޮންނަ ޚިޔާލުތަކެއް ދަންނަވައިގެން ނޫން. އުންމީދުތައް ރައްޔިތުންނަށް އަންގައިދީ، އެކަން ހާސިލު ކުރެވޭނެ މަގު ވެސް އެމީހުންނަށް އަންގައިދީ، ހާސިލު ކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކޮށްގެން. މަސައްކަތް ކުރަން ޖެހޭނީ އެއްބައިވަންތަ ކަމާއި އެކު،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވަނީ، މިއަހަރަށް ޕީޕީއެމްއިން ކޮށްފައިވާ ބައެއް އުންމީދުތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މިއަހަރު ޕީޕީއެމްއަށް އެއްލައްކަ މެމްބަރުން ހަމަކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވޭ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ މަގުބޫލު، އެންމެ ހަރުދަނާ، އެންމެ ކާމިޔާބު ޕާޓީކަމަށް ހަދަން. މި މަސައްކަތުގައި ކެނޑިނޭޅި އަޅުގަނޑުމެންގެ އެންމެން މަސައްކަތް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިއަހަރު ޕާޓީގެ މެމްބަރުންގެ އަދަދު އެއް ލައްކައާ ހަމައަށް ގެންދާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން، ޕީޕީއެމްގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަން ނައްތައިލައި، ރާއްޖެއަކީ އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ، އަމާން އަދި ސުލްހަ މަސަލަސް ޤައުމަކަށް ހެދުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި މިކަން ކުރެވޭނީ ޕީޕީއެމްގެ އެތެރޭގެ ގުޅުންތައް ބަދަހިކޮށް، ޕީޕީއެމްއާއި ސަރުކާރާއި ގުޅިގެން މަސައްކަތްތަކެއް ކޮށްގެން ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި، ރާއްޖޭގައި އިޖުތިމާއީ ކުރިއެރުމާއި އިގްތިސާދީ ފުދުންތެރިކަން އާ އުސްމިންތަކަކަށް ގެންގޮސްދިނުމަކީ ވެސް ޕީޕީއެމްގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ