މެމްބަރު އާދިލްގެ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް ކުޑަކުއްޖަކާ ބެހުނު ކަން ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދައުލަތުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އާދިލްގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހުގެ ތެރޭގައި ހުކުމުގައި ބުނަނީ ކުޑަކުދިންނާ މެދު ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ އާދިލްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅި ކަމަށާއި ހައި ކޯޓުން މިހާރު އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
''މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅައިފައި. އަދި އެ މައްސަލަ ވަނީ އެ ކޯޓުން ބަލައިގެންފައި،'' އޮފިޝަލް ވިދާޅުވި އެވެ.
އާދިލްގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އޭނާ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.
މީގެ އިތުރުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ އޭނާ އަށް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެނަމަ އެ މެމްބަރަކު މެމްބަރުކަމުން ވަކިވާނެ އެވެ.
އެ ތުހުމަތު އާދިލްގެ މައްޗަށް ކުރެވި ޝަރީއަތް ކުރެވުނުއިރު އޭނާ އެމްޑީޕީގައި ހުރި ނަމަވެސް އޭނާ މިހާރު ވަނީ ޖުމްހޫރީ ޕާޓީ އަށް ބަދަލުވެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ