ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ނަޝީދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ބެލޭނެ ޖާގަ ވަރަށް ހަނި ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ނޫން ކަން ސާބިތު ކޮށްދެއްކެވުމުގެ ގޮތުން މެމްބަރު ނަޝީދުގެ ބްލޮގް "އެމްނަޝީދުޑޮޓްކޮމް" ގައި ނުވަ ކަމެއް ފާހަގަ ކުރައްވާފައިވެ އެވެ. އެ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ އެ ދައުވާ ބިނާވަނީ، ސިޔާސީ ޕާޓީއެއްގައި ލީޑަރަކަށް ނުވަތަ އިސްފަރާތަކަށް ހުންނަ މީހަކު، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް ހުރަހެއް ކުރިމަތިކުރުވުމުގެ ގަސްދުގައި ވާދަވެރި ސިޔާސީ ފަރާތްތަކުން ރޭވުންތަކެއް ރޭވުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައި ފާޅުގައި އަދި ގަސްދުގައި ހިންގެވި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު އަމަލުތަކެއްގެ ތުހުމަތުގައި ކަމަށެވެ. އަދި އެއީ ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ދެރައެއް ދިނުމުގެ މަގުސަދުގައި، އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަތް ބޭފުޅަކު، "ޒާތެއްގެ ކަންތައްތަކެއް ސަރުކާރުގެ ތެރެއިން ހޯއްދަވައިގެން"، ޖިނާއީ އަދަބެއް ދިނުމުގެ ނިޔަތުގައި ކުރާ ދައުވާއެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތައް ސުލްހަވެ، އެކަތިގަނޑަކަށްވެ އެކަމަށް ބޭނުންފުޅުވި ކަމަށް ވީނަމަވެސް މިހާރު އުފުލިފައިވާ ދައުވާ ކުރުމާއި ނުކުރުމާއި އަނބުރާ ގެނައުމުގެ ބާރަކީ ހަމައެކަނި ޕީޖީ އަށް ގާނޫނު އަސާސީން ލިބިދޭ ބާރެއްކަން. ދައުވާ އުފުލާފައި ވަނީ މުސްތަގިއްލު މަގާމެއްގައި ހުރި މީހެއްގެ ރަސްމީ ނިންމުމުގެ މައްޗަށް ކަމާއި އެކަން ކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ވެސް އެ ފަރާތް ކަމުގައިވާކަން. ޕީޖީ އަކީ ވެރިކަމުގައި ހުންނަވާ ރައީސެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާ ކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިގެންވާ މީހެއްކަން. އަދި މަގާމުގައި ހުންނެވި ރައީސެއްގެ މައްޗަށް ޕީޖީ ކުރާ އެފަދަ ދައުވާއެއް، އެ ވަގުތު ކުރިއަށް ނުގެންދަން ކަނޑައެޅޭނީ ހަމައެކަނި މަޖިލީހަށްކަން ގާނޫނު އަސާސީން އެނގެން އޮންނަކަން،" އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ނޫންކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތަހުގީގު ކުރައްވާނެ ކަމާއި އެކަމުގައި ޝާމިލުވާ މީހުންނާ މެދު ދައުވާ ކުރައްވާނެކަން ޕީޖީ އިއުލާން ކުރެއްވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ ކަމަށް ވާތީ، އެ މައްސަލާގައި ހިމެނެނީ، ކާކު ކިހާ ވަރަކަށް ކަން އޭރު އަދި ޕީޖީ އަށް އެނގިވަޑައިގެންފައި ނޯންނާނެ ކަމަށެވެ. އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން ނަޝީދުގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ތަހުގީގުކުރަން ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ޕީޖީ އަމުރެއް ނެރުއްވާފައި ވަނީ އެކަން ]އަބްދުﷲ ގާޒީ ހައްޔަރުކުރުން[ ހިނގާދިޔަ ފުރަތަމަ ދެ ތިން ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އޭރު ވެސް ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ކުރެވޭ ދައުވާއާ ރައީސް ނަޝީދާ ގުޅެނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަހުގީގެއްގައި ބަޔާންވެގެންވާ ނުކުތާއެއްގެ މައްޗަށްކަން، އަދި އެކަން ފަހުން ކޯނީގެ ތަހުގީގުގައި ވެސް ރައީސް ނަޝީދާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާކަން،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ދައުވާ ކުރުމުގައި ޕީޖީގެ ކަންތައް ކުރެއްވި ގޮތުން ރަނގަޅު ތޯ ނުވަތަ ރަނގަޅު ނޫންތޯއާ މެދު ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ޕީޖީ އަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖަވާބުދާރީވާން ޖެހޭ ބޭފުޅެއް ކަމަށްވާއިރު، އޭނާ އަކީ އެ ކޮމެޓީގެ މެމްބަރަކަށް ވުމުން މަސްލަހަތު ފުށުއެރުމަށް ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
ނަޝީދު ލިޔުއްވާފައިވާ ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ އެކު މިހާތަނަށް އޭނާގެ މައްޗަށް ހަތަރު ދައުވާ ކުރަން ނިންމާފައިވެ އެވެ.
އެކަމަކު އޭގެ ތެރެއިން ފުރަތަމަ ދެ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރެއްގެ ގޮތުގައި ނަޝީދު ހުންނެވިއިރު ވެލާނާގެ އިން ވައްކަން ކުރި މައްސަލައިގެ ދައުވާ އާއި އެމްޑީޕީގެ ހަރަކާތްތައް ފެށި ދުވަސްވަރު އއ. ތޮއްޑޫގައި އެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު ދެއްކެވި ވާހައަކާ ގުޅިގެންނާއި އެމްޑީޕީގެ ހަރުގެ ދުންފިނިގޭގައި ހިންގި ދުވަސްވަރު ހިނގި ކަންތައްތަކާ ގުޅިގެން ކުރި ޓެރަރިޒަމްގެ ދައުވާ އެވެ. އެކަމަކު ޓެރަރިޒަމްގެ އެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔަ އެވެ. ވެލާނާގެ އިން ނަޝީދު ވައްކަންކުރި މައްސަލައިގެ ކުށް ސާބިތުވެ އޭރު އޭނާ ފުރުއްވަމުން ގެންދެވި މަޖިލީހުގެ މާލޭގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނެވެ.
މި ދެ ދައުވާގެ އިތުރުން ތިންވަނަ ދައުވާއެއް ވެސް ނަޝީދުގެ މައްޗަށް ކުރެއްވި ކަމަށް މެމްބަރު ނަޝީދުގެ ބްލޮގްގައި ފާހަގަ ކުރައްވާފައިވެ އެވެ. އެ ދައުވާ ވެސް ނުކުރާ ގޮތަށް ނިންމާފައިވާއިރު އެއީ ސިޔާސީ ދައުވާއެއް ކަމަށް މެމްބަރު ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ. ނަޝީދުގެ މައްޗަށް ތިންވަނަ ދައުވާ ކުރަން އުޅުނީ 2008 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ކެންޑިޑޭޓުން ވެންނެވުން ހުއްދަ ނެތް ތަނެއްގައި ހުންނެވި ކަމަށް ފާހަގަ ކުރެވިގެން ކަމަށް މެމްބަރު ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ބެލުމުގެ ޖާގަ ވަރަށް ހަނި: މެމްބަރު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ