ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ވާނެކަމަށް ޝައްކެއް ނުކުރަން: ގާސިމް

މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އޭނާ އަށް ކާމިޔާބު ކުރެއްވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މާލޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޝައްކު ނުކުރައްވަނީ އެ ޕާޓީއާ ގުޅެމުންދާ މީހުން އިތުރުވަމުންދާތީ އާއި އޭނާ ރައްޔިތުންނަށް ހެޔޮކޮށް ކަންކަން ކޮށްދޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުން ވެސް ވަރަށް އަވަހަށް ޖުމްހޫރީ ޕާޓީއާ ގުޅެން ފަށާނެ ކަމަށާއި ގައުމާއި ވަތަން ތަރައްގީ ކުރެވޭނީ ކާކަށް ކަން އެ މެމްބަރުންނަށް އެނގޭ ކަމަށެވެ. އަދި ކޮރަޕްޝަންގެ މަގުން ފައިސާ ހޭދަކުރަން ކަންކަން ދޫކޮށްނުލާނީ ކާކުކަން ވެސް މެމްބަރުންނަށާއި ރައްޔިތުންނަށް އެނގޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "އެއީ ގާސިމް އިބްރާހިމް،" އޭނާ ވިދާޅުވި އެވެ.      މިރޭގެ ޖަލްސާގައި ޖުމްހޫރީގެ ޕާޓީއާ އަލަށް ގުޅުނު މީހުންނަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާއަކުން ވެސް ފެންނަމުންދަނީ އެ ޕާޓީއާ މެމްބަރުން ގުޅެމުންދާ ތަން ކަމަށެވެ. އެއީ ރައްޔިތުން ކަންކަމާމެދު ވިސްނައި ފިކުރުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. "ވިސްނާ ފިކުރުކުރާނެ ރައްޔިތަކު ލިބުމަކީ އެންމެ ބޮޑު ނަސީބު،" އޭނާ ވިދާޅުވި އެވެ. އަޅުގަނޑުމެން އުފާކުރަން ޖެހެނީ ރައްޔިތުން ވިސްނާ ބަޔަކަށް ވުމުން ކަމަށާއި، ކޮންމެ ޕާޓީއަކު ތިއްބަސް ރައްޔިތުން ހޮވަން ބޭނުންވަނީ ހިޔާނާތްތެރިއެއް ނޫން ކަމަށާއި ރައްޔިތުންނަށް ކަންކަން ކޮށްދޭނެ މީހެއް ކަމަށް ގާސިމް ވިދާޅުވި އެވެ.  ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހަވާލުކުރަން ވާނީ ކަންކަން ކޮށްދޭނެ ކަމަށް ބުނާ މީހަކަށް ނޫން ކަމަށާއި ކަންކަން ކޮށް، ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އެފަދަ މީހަކީ އޭނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "މަސް އޮޑިއެއް ވެސް ހަވާލުކުރާނީ ރަނގަޅު ކެޔޮޅަކަށް،" އޭނާ ވިދާޅުވި އެވެ. އޭނާގެ ތަނަސްވަސްކަމުން ދިވެހި އެތައް ދަރިންނަކަށް ތައުލީމު
ހާސިލްކޮށްދިން ކަމަށާއި ސިއްހީ ފަރުވާ ވެސް ހޯދައިދިން ކަމަށެވެ. އެފަދަ
އެހީތެރިކަމެއް ވެދީފައިވާ މީހަކު، ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު
ލިބުމުން ކުރިން ވެދިން އެހީތެރިކަމަށް ވުރެ ހެޔޮކޮށް ކަންކަން
ކޮށްދޭނެކަމަށް ރައްޔިތުން ގަބޫލުކުރާނެ ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ