ގަތަރުގެ ރައްޔިތުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިއުމަށް ސައުދީ އަރަބިއްޔާއިން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށް ބުނެ ގަތަރުން ސައުދީ އަރަބިއްޔާ ކުށްވެރި ކޮށްފިއެވެ.
ހައްޖުގެ މައްސަލާގައި ގަތަރުގެ ނުރުހުން ސައުދީ އަރަބިއްޔާއަށް މިއަމާޒުވީ، މިއަހަރު ހައްޖުގެ އަޅުކަމަށް ސައުދީއަށް ޒިޔާރަތްކުރާ ގަތަރުގެ ރައްޔިތުންގެ ސަލާމަތަށް ޔަގީންކަން ދިނުމަށް ސައުދީ ސަރުކާރުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
ސައުދީ އަރަބިއްޔާ އިސްވެއޮވެ، ޔޫއޭއީ، ބަހްރެއިން އަދި މިސްރުން ގެންދަނީ މިދިޔަ ޖޫންމަހުގެ 5 ވަނަ ދުވަހުން ފެށިގެން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި އެގައުމު ބޮއިކޮޓް ކުރަމުންނެވެ. މިއީ ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ އެކަމަށް މާލީ އެހީތެރިކަން ދޭކަމަށް ބުނެ އަޅާފައިވާ ފިޔަވަޅުތަކެކެވެ.
ގަތަރު ރައްޔިތުންގެ ތެރެއިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ މީހުން ސައުދީއަށް އެތެރެ ވެވޭނެ ކަމަށް ސައުދީ ސަރުކާރުން އިޢްލާން ކޮށްފައިވަނީ މިޖުލައިމަހުގެ 20 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވެއެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވަނީ، ގަތަރުގެ ރައްޔިތުން ގޮވައިގެން ސައުދީއަށް ދަތުރުކުރާ މަތިންދާ ބޯޓްތަކަކީ ސައުދީއަށް ދަތުރުކުރުމުގެ ހުއްދައޮންނަ އެއަރލައިންތަކުގެ މަތިންދާ ބޯޓްތަކަކަށް ވާންޖެހޭނޭ ކަމަށެވެ.
އަދި ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް އަންނަ ގަތަރުގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއަށް އެތެރެ ވެވޭނީ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އެއަރޕޯޓާއި، މަދީނާގެ ޕްރިންސް މުހަންމަދު ބިން އަބްދުލްއަޒީޒް އެއަރޕޯޓުން އެކަނި ކަމަށްވެސް ބުނެފައި ވެއެވެ.
ހަމައެއާއެކު، ގަތަރުގެ ރައްޔިތުން ޖިއްދާ އަދި މަދީނާ އެއަރޕޯޓަށް ފައިބައި ވިސާ ޖަހަން ޖެހޭނޭ ކަމަށްވެސް އަންގާފައި ވެއެވެ.
ގަތަރު ސަރުކާރުގެ އިސްލާމިކް އެފެއަރޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޖަށްދާ ގަތަރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، އެހެނިހެން އިންތިޒާމުތަކާ ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ކުރުމަށްވެސް ސައުދީ ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
މުސްލިމުންގެ މަތިވެރި އަޅުކަން އަދާކުރުމުގެ ކަންތައްތައް ސައުދީ ސަރުކާރުން ސިޔާސީ ކުރަމުންދާ ކަމަށާއި، މިއީ މުސްލިމުންގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުރަސްއެޅުން ކަމަށްވެސް ގަތަރު ސަރުކާރުން ބުނެފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި، މިއަހަރުގެ ހައްޖުގެ އަޅުކަމަށް މައްކާއަށް ދިއުމަށް ގަތަރު ރައްޔިތުންގެ ތެރެއިން 20،000 މީހުން ރަޖިސްޓަރީ ކޮށްފައި ވެއެވެ.
ގަތަރު ރައްޔިތުން ހައްޖަށް ދިއުމަށް ސައުދީން ދަތިކުރަމުންދާ ކަމަށް ބުނެ އެކަން ކުށްވެރި ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ