2013 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓުން ދިރާސާކުރަން ފެށުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ޑރ.މުނައްވަރާއި ބައްދަލުކުރައްވައިފި
ޑރ. މުޙައްމަދު މުނައްވަރު2013 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓުން ދިރާސާކުރަން ފެށުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން މިއަދު ހަވީރު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ޑރ. މުޙައްމަދު މުނައްވަރާއި ބައްދަލުކުރައްވައިފި އެވެ.މިބައްދަލުވުމުގައި ސަލަފްގެ ފަރާތުން ބައިވެރިވެލެއްވީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނާއިބް ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އާއި ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް އެވެ. އެމްއާރުއެމް ގެ ފަރާތުން ޑރ. މުނައްވަރުގެ އިތުރުން އެޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ސަލަފްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވި ގޮތުގައި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކިފައި ވަނީ ރާއްޖޭގެ އަދުގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ޙާލަތާއި ބެހޭ ގޮތުންނާއި ކުރިއަށް އޮތްތަނުގައި މިރޮނގުތަކުން ޑރ.މުނައްވަރުގެ ތަޞައްވުރާއި ބެހޭ ގޮތުންނެވެ.ރާއްޖޭގެ އަދުގެ ޙާލަތާއި ބެހޭ ގޮތުން ޑރ. މުނައްވަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިހާރުގެ ސަރުކާރު ހިންގުމުގައި ހަރުދަނާ ސިޔާސަތުތަކެއް ނެތް ކަމަށާއި ރޭވުންތެރިކަމެއް ނެތްކަމަށެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ހީނަރުކަމެއްގެ ތެރޭގައި ކަމަށާއި އެދާއިރާތަކުގައި ހަރުދަނާ ޕްލޭންތަކެއް ކުރެވިފައި ނެތް ކަމަށެވެ.2013 ވަނަ އަހަރަށް ރައީސް ކަމަށް ކުރިމަތިލައްވައިފާނެ ކަމުގައި ބެލެވޭ ޝަޚްސުންނާއި އަދި އެންމެހާ ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ނެރުމަށް ވިސްނަވަމުންދާ ބޭބޭފުޅުންގެ ނަންތައް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޕާޓީތަކަށް ރަސްމީކޮށް ލިޔެ ހޯދައި ދިރާސާ ކުރާނެ ކަމަށް އެޖަމްޢިއްޔާ އިން 12 ޖޫން 2011 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ޤައުމުގައި ތިއްބެވި ހެޔޮލަފާ ޤާބިލު ފަރާތްތަކާއި އެކު ޤައުމުގެ ޙާލަތާއި މެދު މަޝްވަރާކޮށް، ރިޔާސީ ލަގަނުގައި ހިއްޕެވޭނެ ފަދަ ދިވެހި ދަރީން ދެނެގަނެ، އެ ވަޤުތަކަށް ޤަޥްމުގެ ޙާލަތާއި މަޞްލަޙަތު ނިޔާކުރާ ގޮތެއްގެ މައްޗަށް ބަލައި އެފަދަ މީހުން ރައްޔިތުންނަށް ރައްޔިތުންނަށް އެނގި ފެންނާނެހެން ނެރެ ދެއްކުމުގެ ޙައްސާސް މަސައްކަތް ވެސް ކުރާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.މީގެ އިތުރުން 2018 ވަނަ އަހަރުގެ އިންތިޚާބަށްޓަކައި އިސްލާމްދީނަށާއި ދިވެހި އުއްމަތަށް ޥަފާތެރި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ކަރާމާތް ހިފަހައްޓާން ކެރޭ، ލަފާދާރު، ޤާބިލް، ތެދުވެރި ދިވެހި ދަރިއަކު، މާތް ﷲ ގެ ތަޥްފީޤާއި އެކު، ހުރިތާކުން ހޯދައި، ރައްޔިތުންގެ ކުރިމައްޗަށް ހާމަކޮށް، ދައްކައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، ކެތްތެރިކަމާއިއެކު ތިއްބެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ސަލަފުން އެބަޔާނުގައި އިލްތިމާސްކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ