އަޅުގަނޑުމެން ތައްޔާރު މި ވަނީ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނަކަށް: ކާނަލް

އެމްޑީޕީން މިހާރު ތައްޔާރުވަމުން ދަނީ ރައްޔިތުން މަޖިލީހުގައި ތިއްބެވި ޑީއާރުޕީގެ މެންބަރުން ބޭރުކޮށް ބައި އިލެކްޝަނެއް ބާއްވައި އެ އިންތިހާބު ކާމިޔާބުކުރަން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ ނަޝީދު ވިދާޅުވީ ހިތްތިރިކޮށްގެން ތިބެގެން ރީތި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން އެމްޑީޕީން މަސައްކަތްކޮށްފި ކަމަށާއި ނަމަވެސް އެކަމެއް ނުވި ކަމަށެވެ.
"އޭރު ވެސް އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މި ގެންދަނީ އެކަމެއް އެ ގޮތަކަށް ނުވާނެޔޭ. އެކަން ވާނެ ގޮތަކީ މިއަދު ތިޔަ ހެއްދެވި ގޮތަށް އަލީ ވަހީދު (ޑީއާރުޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު) އާއި އަހުމަދު މަހުލޫފް (ހެންވޭރު ދެކުނު ދާއިރާގެ މެންބަރު) އާ ދެން ތިބި މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިގެން ގޮނޑި ހުސްކުރީމައޭ ގޮނޑި ހުސްވާނީ،" ކާނަލް ވިދާޅުވި އެވެ. ކާނަލް މިހެން ވިދާޅުވި އިރު، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ ދެބޭފުޅުން އެ މައްސަލައިގައި ކޯޓަށް ވަޑައިގަތުމަށް މިހާރު ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ.
ކާނަލް ވިދާޅުވީ ހުސްވާ ގޮނޑިތަކަށް ބައި އިލެކްޝަން ބާއްވައިގެން އެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށާއި ހަގީގީ މާނައިގައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން އެމްޑީޕީން މަސައްކަތް ފަށައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފޯކަސް ހުރީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބަކަށް ނޫން. ކުރިމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް އަޅުގަނޑުމެން މި ތިބީ އަތުކުރި އޮޅާލައިގެން. ހުސްވާން ހުރި ގޮނޑި ގޮނޑި ފިސާރި ރީއްޗަށް މި ފަހަރު އަޅުގަނޑުމެން ހުސްކޮށްލާނަން،" ކާނަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަގުލަބިއްޔަތު ނުލިބުނީ އެމްޑީޕީގައި އޭރު އެއްބައިވަންތަކަން ނެތުމުން ކަމަށާއި ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު ޕާޓީ އެކަތިގަނޑަކަށް ވެފައިވާތީ އެމްޑީޕީން ގޮނޑިތައް ކާމިޔާބުކުރާނެ ކަމަށެވެ.
ކާނަލް ވިދާޅުވީ ރުހުން އޮތަސް ނެތަސް ފިނޭންސް މިނިސްޓަރު އަލީ ހާޝިމް މަޖިލީހަށް ބަޖެޓު ހުށަހަޅުއްވާނެ ކަމަށާއި އަދި އެ ބަޖެޓު އެމްޕީޑީ ބޭނުން ގޮތަށް ފާސް ކުރައްވާނެ ކަމަށެވެ.
މި ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ވިދާޅުވީ މި ފާއިތުވި ދުވަސްކޮޅު ޕާލަމެންޓުގައި އެމްޑީޕީ މެންބަރު މަޑުން ތިއްބެވީ އެ ޕާޓީގެ ސަބަބުން މަޖިލީސް ހުއްޓުމަކަށް އަންނަން ބޭނުން ނުވާތީ ކަމަށާއި ނަމަވެސް ލައްކަ ދުވަހު ކެތްކުރެވިއްޖެ ކަމަށެވެ.
"އެންމެ ދުވަހަކު ވެސް މަޑުން ތިބެއްޖެ ނަމަ މި ވަގުންގެ ބައިގަނޑަކަށް މި ހީވަނީ ދުނިޔެ ރަންވީޔޭ. ހަމަ ހިލާ އެހެނަކުން ނުވާނެ. އަޅުގަނޑުމެން މި ޓެސްޓްކޮށްލީ. ދެން އެންމެ ދުވަހަކު ވެސް އެ ބޭފުޅުންނަން އެ ތަނުގައި ކަމެއް ކުރިޔަކަ ނުދޭނަން،" ޝިފާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ވަޒީރަކު ކަމެއް ހުށަހަޅަން މަޖިލީހަށް ވަޑައިގެން ހުންނަވަނިކޮށް އެ ބޭފުޅަކަށް ހަމަލާއެއް ދެއްވައިފި ނަމަ އެ ހިސާބުން މަޖިލީސް ނުހިނގިޔަސް މައްސަލައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަޒީރެއްގެ ގައިގައި އަތްލައިފި ނަމަ އެ މީހުން (ޑީއާރުޕީ)ގެ ވަޒީރުކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ނުކުރޭނެ ގޭގައި އޮންނާނެކަން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލީ ހާޝިމް ބަޖެޓު ހުށަހަޅުއްވަން މަޖިލީހަށް ވަޑައިގަތުމަށް ހުރަސް އަޅައިފި ނަމަ އޭނާއާ އެކު ރައްޔިތުން ވެސް މަޖިލީހަށް ވަންނާނެ ކަމަށެވެ. އެހެން ބައެއް ފަހަރުތަކެކޭ އެއްގޮތަށް އޭނާ ވަނީ ބުދަ ދުވަހުގެ ރޭ ވެސް މީޑިއާ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިންޒާރު ކުރައްވައިފަ އެވެ.
ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި، ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެންބަރުންނާއި ވަޒީރުން ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ