އައްޑު އަށް އެއް ނެޓްވޯކަކުން ކަރަންޓް ފޯރުކޮށްދޭން ޖަޕާންގެ ކުންފުންޏަކުން މަޝްވަރާކުރަނީ

މުޅި އައްޑު ހިމެނޭ ގޮތަށް، އެއް ނެޓުވޯކަކުން ކަރަންޓު ދެވޭނެ ނިޒާމެއް ޤާއިމު ކުރުމަށް ޖަޕާނުގެ ކުންފުންޏަކުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަން ފަށައިފިއެވެ.
ރިނިއުބަލް އެނާޖީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރާ ޖަޕާންގެ އައިއެޗްއައި ކޯޕަރޭޝަނުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް އެކުންފުނީގެ ޓީމެއް މިހާރު އައްޑުއަށް ގޮސް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
އައިއެޗްއައި އިން ޖަޕާން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅައިގެން ލިބޭ ހުއްދައެއްގެ މައްޗަށް ފަންޑް ހޯދައިގެން ކުރިއަށް ގެންދަން ރާވާ މިމަޝްރޫއު ހިންގުމަށް ފެނަކަ ކޯޕަރޭޝަނާއި އައްޑުގައި ހިންގާ ރިސޯޓުތަކާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑީސަލް ބޭނުންކޮށްގެން މިހާރަށް ވުރެ ޚަރަދު ކުޑަކޮށް އައްޑުއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމު ކުރުމަށް ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ އަވަށްތަކާއި ހެރަތެރަ ރިސޯޓާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓަށް ވެސް ކަރަންޓް ފޯރުކޮށް ދެވޭނެ ޕްލޭންތަކެއް އައިއެޗްއައި އިން ގެންގުޅެ ކަމަށް އައްޑޫގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.
ޕްރޮޕޯސަލްތައް ތައްޔާރުކޮށް ނިމި ވަރަށް އަވަހަށް ޖަޕާނު ސަރުކާރަށް ހުށަހެޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ 161 އަހަރު ކުރިން އުފައްދާފައިވާ ޖަޕާންގެ އައިއެޗްއައި ކޯޕަރޭޝަނަކީ ހަކަތައާ ގުޅުން ހުރި ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އައިއެޗްއައި އިން ރާވާފައިވާ މަޝްރޫއަށް ކައުންސިލުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ