އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާއެކު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ހަދާފައި އޮތް އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން ކުރިއަށްދާ އާބިޓްރޭޝަންގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ގާނޫނީ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދުގެ ނަން ސަރުކާރުން ހުށަހަޅައިފި އެވެ.
ސިންގަޕޫރުގައި ބުރާސްފަތި ދުވަހު ފެށުނު މިމައްސަލައިގެ ފުރަތަމަ އަޑުއެހުންތައް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި އަޑުއެހުންތަކުގައި ދިވެހި ސަރުކާރު ތަމްސީލް ކުރެެއްވުމަށް އަބްދުﷲ ސައީދު މިހާރު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ.
ކުރިން އުއްތަމަ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ އަބްުދުﷲ ސައީދު ވަނީ މިސްރުގެ އަޒްހަރު ޔުނިވަސިޓީ އިން ގާނޫނުގެ ރޮނގުންނާއި ޝަރީއާގެ ރޮގުން އެލްއެލްބީ ޑިގްރީ ހާސިލް ކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް، މޯލްޓާގައި ގާނޫނުގެ ރޮނގުން މާސްޓާޒް ޑިގްރީ ވެސް ހާސިލްކުރައްވާފައިވެ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.
އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން ޖީއެމްއާރުން އާބިޓްރޭޝަންގައި އެދިފައިވަނީ ދިވެހި ދައުލަތުން 1.4 ބިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދިނުމަށެވެ.
އާބިޓްރޭޝަނަށް ދިވެހި ސަރުކާރުން ހުށަހަޅަންޖެހޭ ލިޔުންތައް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ހުށަހަޅާފަ އެވެ. އަދި ޖީއެމްއާރުން ވެސް މިހާރު ވަނީ ލިޔުމުން ޖަވާބުދީފަ އެވެ.
އައިއެންއައިއޭ އާ ޖީއެމްއާރުން ހަވާލުވީ ޖޫން 28، 2010 ގައެވެ. އޭގެ ފަހުން އެކަމާ ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު އަލުން އެއާޕޯޓާ ދިވެހި ސަރުކާރުން ހަވާލުވީ އޭގެ ދެ އަހަރާއި ފަސް މަހާއި ހަފުތާއެއް ފަހުން 7 ޑިސެމްބަރު 2012 ގަ އެވެ.
ޖީއެމްއާރު އާބިޓްރޭޝަންގައި ގާނޫނީ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ސައީދު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ