ތި ހޯދާ "މަލިކާ" އަކީ މިއީ

ފިލްމީ ދާއިރާއިން އަބަދު އެއް މޫނުތަކެއް ފެންނަކަމުގެ ޝަކުވާއަކީ ދިވެހި ފިލްމު ބަލާ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. އާ މޫނުތައް ދިވެހި ފިލްމީ ދާއިރާއަށް ނުކުންނަލެއް މަދު ވާހަކަ އާއި އާ މޫނުތަކެއް ނުކުތް ނަމަވެސް ދާއިރާގައި ހުރުނުވެ ގެއްލޭ ވާހަކައަކީ އަބަދުވެ ދައްކާ ވާހަކައެކެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހި ފިލްމުތަކުން އާ މޫނުތައް ފެންނަލެއް ވަނީ އިތުރުވެފަ އެވެ. ތަޖުރިބާކާރު އަދި މުސްކުޅި ތަރިން ކެމެރާގެ ފަހަތައް އަރައި، އާ ތަރިންތަކެއް ލީޑު ރޯލުތަކުން ފެންނަމުން އެބަދެ އެވެ. އަދި އެތަރިންގެ ހުނަރުވެރިކަން ދިވެހިން ވަނީ ބަލައިގަނެފައެވެ. އީއެސް އެންޓަޓައިންމަންޓުން އަންނަ މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރަން ތައްޔާރުވެފައި އޮތް ފިލްމު "މަލިކާ" އަކީ ދިވެހި ފިލްމީ ދާއިރާއަށް އަނެއްކާވެސް އާ ބަތަލާއަކު ތައާރަފް ވެގެންދާނެ ފިލްމެކެވެ. ދާއިރާއަށް އާ ނަމަވެސް، ފިލްމު މަލިކާގެ ޓައިޓަލް ރޯލް ކުޅެފައިވާ ނުޒުހަތު ޝުއައިބް (ނުޒޫ) ވަނީ ފިލްމުގައި އޭނާގެ އެކްޓު ކުރުމުގެ ހުނަރު ދައްކާލާފަ އެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން، ނުޒޫ މަސައްކަތް ކުރީ އެނިމޭޝަން ޑާންސް ގްރޫޕާއެކު އެވެ. އަމީނިއްޔާ ސްކޫލް ގްރޭޑް ދިހައެއް ނިންމުމަށްފަހު އެގާރަ އަހަރު ވަންދެން އެނިމޭޝަންއާއެކު ނަށަން އުޅުނުއިރު، ފިލްމެއް ނުވަތަ ލަވައެއް ކުޅެން ގިނަ ބަޔަކު ނުޒޫ ކައިރީގައި ކިއެވެ. އެފަދަ ފުރުސަތުތައް ވެސް އޭނާ އަށް ލިބުނެވެ. ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ އަދި ކޯ ސްޓާރު ޖުމައްޔިލް --- ނަމަވެސް މުނިފޫހިފިލުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ނަމަވެސް، ނެށުމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނާއި ނެށުމުގެ ގްރުޕާއެކު އުޅެން ޖެހުނު ބުރަ ކަމުން އޭރު އެކަމާ ނޫޅެވުނީ އެވެ. "ފިލްމީ ދާއިރާއަށް ނެރެދިނީ ދޮން އައްޔަ [އެކްޓަރު އަލީ އާޒިމް]. އައްޔަ އަބަދުވެސް ބުނާނެ ފިލްމެއް ކުޅެންވީ ނޫންހޭ. 'އެނިމޭޝަން'އާއެކު އުޅުނުއިރު ވެސް އައްޔަ ކިޔާނެ. ދެން އެހެން އުޅެނިކޮށް މަލިކާގެ ޓީމާއެކު މީޓިންއަކަށް އެރުނީ. ދެން އެ ހިސާބުން ވެސް ފިލްމު ވަރަށް ކުޅޭ ހިތްވީ. އަދި ސްކްރިޕްޓް އަތަށް ލިބުނީމަ މާ ބޮޑަށް ކުޅޭ ހިތްވި،" ފިލްމަށް ފުރުސަތު ލިބުނު ގޮތް ނުޒޫ ކިޔައިދިނެވެ. ރާއްޖޭގައި ހިނގަމުންދާ ބޮޑު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކުރާ ފިލްމު މަލިކާގައި ނުޒޫ ފެނިގެންދާނީ ހަތަރު ބެއިން ތިބޭ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ރޯލުންނެވެ. ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރީންޕުލޭ އަކަށް ހަދާފައިވާ އެ ފިލްމުގައި ކުޅެން ޖެހުނު ރޯލާމެދު ނުޒޫ ބުނީ، ފިލްމުގެ ވާހަކަ ޝައުގުވެރިވުމުގެ އިތުރުން ފިލްމުގައި ކުޅެންޖެހުނު ކެރެކްޓާއަކީ އޭނާގެ ދިރިއުޅުމާ ކޮންމެވެސް ވަރަކަށް ގުޅުންހުރި ރޯލަކަށްވާތީ، ފިލްމު ކުޅެން ފަސޭހަވި ކަމަށެވެ. "ސްކްރިޕްޓް އަތައް ލިބިފަ، އެ އެއްކޮށް ކިޔާލީމަ މާ ބޮޑަށް ކުޅޭ ހިތްވި. ސްކްރިޕްޓް ކިޔާފަ ވަރަށް ދެރަވި. ސްޓްރޯރީ ކިޔާފަ ރޮވެން ވެސް ރޮވުނު. ދެން ނުޒޫ އަކީ ކުޑަކޮށް ހިތް ވެސް ބަލިވާނެ. ފިލްމުގައި ބައްޕަ ރޯއިރުވެސް ރޮވޭނެ. ޝޫޓް ތެރޭގައި އުޅުމުގެ ތެރޭގައި ވެސް ރޮވިދާނެ. ވަރަށް ފަސޭހަ ކެރެކްޓާއެއް ވަންނަން،" ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ --- ފުރަތަމަ ތަޖުރިބާއަށް ބަލާފައި ނުޒޫ ހުރީ ފިލްމު މަލިކާއާ ދޭތެރޭ ވަރަށް ވެސް ހިތްހަމަޖެހިފަ އެވެ. އޭނާ ދެކޭ ގޮތުގައި މިއީ ކުރިއަށްދާން ލިބުނު ރަނގަޅު ފުރުސަތެކެވެ. އަދި ވަރުގަދަ ބޮޑު ޓީމަކުން ހެދި ފިލްމަކުން ގިނަ އެއްޗެހި ތަކެއް ދަސްވެ، ފިލްމީ ދާއިރާއާ ދޭތެރޭ ކުރިން ދެކެމުންދިޔަ ގޮތް ބަލުވި ކަމަށެވެ. "އެކްސްޕީރިއެސް ވަރަށް ހިތްހަމެޖެހޭ. ފިލްމީ ދާއިރާގަ ނޫޅޭއިރު ހިތައް އަރަނީ ތަރިން ވަރަށް ފޮނިވާނޭ. ވަރަށް އަންފުރެންޑްލީ ވާނޭ. އެކަމަކު އެހެނެއް ފީލް އެއް ނުވޭ. އަލަކަސް ދުރު މީހެއްހެން ފީލް އެއް ނުވޭ. ޓީމްވޯކް ވަރަށް ބަރާބަރު. އެންމެން ވެސް ވަރަށް ހެލްޕުވޭ. އަދި ފުރަތަމަ ވެސް މަޝްހޫރު ޑައިރެކްޝަން ޓީމަކާއެކު ނުކުމެވުނީމަ ވަރަށް އުފާވޭ،" ފިލްމުގެ ތަޖުރިބާ ހިއްސާކުރަމުން ނުޒޫ ބުންޏެވެ. ތަޖުރިބާކާރު އެކްޓަރުންގެ ޓީމެއް ހިމެނޭ ފިލްމު މަލިކާގެ ތަރިންގެ ތެރޭގައި މަރިޔަމް ޝަކީލާ، އަލީ ފާރޫގް، ލީޑް ރޯލުން ފެނިގެންދާ އިސްމާއީލް ޒާހިރު، ނީނާ ސަލީމް އަދި އަހުމަދު އާސިމް ފަދަ ތަރިން ހިމެނޭއިރު ކުރިއަރަމުން އަންނަ ޒުވާން ބޮޑު ކާސްޓެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، ދޮން އައްޔަ، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ާޝާކިރު (ޝާއްކޮ އައްމަޑޭ)ގެ އިތުރުން ނުޒޫގެ ކޯ ސްޓާރު ޖުމައްޔިލް ނިމާލް (ޖުމަލް) ހިމެނެއެވެ. ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ އަދި ކޯ ސްޓާރު ޖުމައްޔިލް --- ނުޒޫ ބުނިގޮތުގައި ޖުމަލްއާއެކު މަސައްކަތްކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެކެވެ. އަދި ޖުމަލްއާއެކު މަސައްކަތްކޮށްލަން ވެސް ފަސޭހަވި ކަމަށާއި ފިލްމެއް ލިބުނީމަ ސީނިއާ ސްޓާރެއްވީމަ ޖުމަލްގެ ހިޔާލެއްވެސް އަހާލާ ކަމަށް ނުޒޫ ބުންޏެވެ. ފިލްމުު މަލިކާއާ ދޭތެރޭ ނުޒޫ ހިތްހަމަޖެހި، ފިލްމާ ދޭތެރޭ އުއްމީދުތަކެއް ހުރިނަމަވެސް، ނުޒޫ ދައްކާފައިވާ އެކްޓިންއަށް އިންސާފުކުރާނީ ބެލުންތެރިންނެވެ. ފިލްމުގައި ނުޒޫގެ އެކްޓިންގެ އިތުރުން ސަޕްރައިޒެއްވެސް ހިމެނެއެވެ. ނަމަވެސް އެކަން އެނގޭނީ އަންނަ މަހުގެ ދެވަނަ ދުވަހު ފިލްމު ޕްރިމިއާ ކުރުމުންނެވެ. ނުޒޫ ބުނީ، ފިލްމީ ދާއިރާއަށް ނުކުތުމަށްވެސް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ދައްތަގެ ފަރާތުން ކަމަށާއި ދައްތަގެ ތަރުހީބު ލިބޭނަމަ ފުރުސަތު ލިބޭ ވަރަކުން ފިލްމީ ދާއިރާ އިން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ފިލްމު މަލިކާގެ ޝޫޓިން ތެރެއިން ވެސް ތިން ފިލްމެއް ކުޅެން ފުރުސަތު ލިބުނު ކަމަށް ނުޒޫ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ