އިޤްތިސާދީ ގޮތުން ދުނިޔެ ބަވަނަ ވިޔަސް ސިޔާސީ ގޮތުން އަމިއްލަވަންތަކަން ދަމަހައްޓަންޖެހޭ - އުމަރު

އިޤްތިސާދީ ގޮތުން ދުނިޔެ ކިތަންމެ ބަވަނަ ވިޔަސް ސިޔާސީ ގޮތުން އަމިއްލަވަންތަކަން ދަމަހައްޓަންޖެހޭ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ހުރަވީ ދުވަހުގެ އަސްލު ޒާތް، މިއަދު ރާއްޖެއިން ފެންނަ މަންޒަރުތަކާ ދާދި އެއްގޮތް ކަމަށެވެ.
ހުރަވީ ދުވަސް ނިސްބަތްވަނީ، ރާއްޖެއަށް މަލާބާރީން އަރައި، ރާއްޖޭގެ މިނިވަންކަން ނަގާލުމުގެ ސަބަބުން، އެމީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ދޮންބަންޑާރައިން ކުރެއްވި ޖިހާދަށެވެ.
އުމަރު ވިދާޅުވީ، މަލާބާރީން ރާއްޖެއަށް އެރީ، ރާއްޖޭގައި އިސްލާމީ ވެރިކަމެއް ނެތްކަމަށް ބުނެ ދޮގު ހަދައިގެން ދިވެހިންގެ ދެ ފަރާތުން މަލާބާރުންނަށް ސިޓީ ލިޔުމުގެ ސަބަބުން ކަަމަށެވެ.
"އެދުވަހު އަޅުގަނޑުމެންގެ މިނިވަންކަން ގެއްލުނީ، އިސްތިޤްލާލު އޮޔައި ދިޔައީ އަޅުގަނޑުމެންގެ ކަންކަމުގައި ބޭރު މީހުން ބެއްސީމަ،" އުމަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އުމަރު ވިދާޅުވީ، ޒަމާން ބަދަލުވުމަކުން މިކަމުގެ ޒާތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އަދި، ދުނިޔެ ވަނީ ބަވަނަވެފައި ކަމަށާއި، އެހެން ޤާއުމުތަކުން އަމިއްލަ ޤައުމުގެ ކަންކަމާ ނުބައްސާ އުޅެވޭނީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ސުވާލުކުރާ ކަމަށް އުމަރު ވިދާޅުވިއެވެ.
"އިޤްތިސާދީ ގުޅުންތަކުން ދުނިޔެ ބަވަނަ ވިޔަސް ސިޔާސީ ގޮތުން ދުނިޔެ ބަވަނަ ވިޔަސް ސިޔާސީ ގޮތުން ކޮންމެ ޤައުމަކުން އަމިއްލަވަންތަކަން ދަމަހައްޓާ. އެހެން ޤައުމުތަކަށް ހުރަސް ނުކުރެވޭ ސިޔާސީ ރޮނގުތައް ހުރޭ. އެކުވެރި ޤައުމުތަކަށްވެސް ނުވަދެވޭނެ ދޮރުތައް ހުރޭ،" އުމަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވަަމުން، އުމަރު ވިދާޅުވީ، ވަކި މީހަކީ ވަކި މީހަކަށް ވީތީ އެންމެންގެ ކުރިމަތީގައި ހިނގި ކުށެއްގެ ޝަރީޢަތް ހިނގައިގެން ނުވާނެ ކަމަށް ބަޔަކު ބުނަމުންދާ ކަމަށެވެ.
"އަހަރެންގެ ފުންނާބު އުސްކަމުން މީނާ ދުފާއިރުލާ ދުންފަތްގަނޑު ބޮޑުކަމުން، އޭނާގެ ބަރުދަން ބޮޑުކަމުން، އެމީހަކު ފާޅުގައި އެންމެންގެ ކުރިމަތީގައި ކުރާ ކުށަކަށް ޝަރީޢަތް ހިނގައިގެން ނުވާނެ ކަމަށް ވާހަކަ ދެކެވޭ ފަހަރުތައް އެބަ އާދޭ،"
އަދި މިފަދަ ފަރާތްތަކުން، ޚިޔާލު ތަފާތުވާ ވަގުތުތަކުގައި ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދޭ ކަމަށާއި، އަމިއްލަ ޤައުމާއި މެދު ނުވިސްނާ، އަމިއްލަ ޤައުމާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދެމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.
"ތިމާގެ އމަިއްލަ ޤައުމާއި މެދު، އުފަންވި ފަސްގަނޑާއި މެދު، އަދި އެފަސްގަނޑުގައި ވަޅުލެވެންވީ ފަސްގަނޑާއި މެދު ދަތިކުރުމުގެ ފިޔަވަޅު އަޅައިދޭތޯ އެކިއެކި ކަރަކަރައިގެ ބޮޑެތި ދޮރުތަކުގައި ޓަކިޖެހޭތަން އެބަަ އާދޭ. ޤައުމަށް ހެޔޮއެދޭ މީހެއް ނަމަ އެމީހެއްގެ ކިބައިން މިފަދަ އަމަލެއް ހިނގައިގެން ނުވާނެ ކަމުގެ އަޒުމް މިއަދު އައު ކުރަންޖެހޭ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ