އަންނަ އަހަރުގެ ސްކޫލް ފޮތްތައް 400 ޕަސެންޓް ވަރު އަގުބޮޑު ކަމަށް ޕީޕީއެމުން ބުނެފި

އަންނަ އަހަރުގެ ސްކޫލް ފޮތްތައް އެޑިޔުކޭޝަން މިނސްޓްރީން ޗާޕްކުރަން ހަވާލުކުރި ފަރާތުން އެ ފޮތްތައް ޗާޕުކޮށްފައި ވަނީ ކުރިން ފޮތްތައް ޗާޕް ކުރި އަގަށް ވުރެ ގާތްގަނޑަކަށް 300 ނޫނީ 400 ވަރަކަށް ޕަސެންޓް ބޮޑުކޮށް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރުގެ ސްކޫލް ކުދިންގެ ފޮތްތައް ވަރަށް ބޮޑުއަގަކަށް ޗާޕްކޮށްގެން ގެނެސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން ކުރިއާ އަޅާބަލާ އިރު ގްރޭޑް1- 5 އާ ހަމަ އަށް ބޭނުންވާ ފޮތްތަކުގެ އަގު 300 ޕަސެންޓާއި 400 ޕަސެންޓް ވަރު ބޮޑުވެފައިވާ ކަމަށެވެ.
"ކުރިން 18ރ. އަށް ގަންނަން ލިބޭ ފޮތް މިހާރު އެ ވިއްކަނީ 98ރ. އަށް. މިއީ ވަރަށް ބޮޑުއަގެއް ދައުލަތުން ހިލޭ ފޮތް ލިސްޓް ދެއްވިޔަސް، އެއީ ދައުލަތުގެ ފައިސާ އިން ހަރަދުވާ ވަރަށް ބޮޑު ހަރަދެއް. އެ ފައިސާއަކީ ދައުލަތުގެ މާލިއްޔަތުން ހަރަދުކުރާ ފައިސާ. ބަޔަކަށް ދީގެން އެހާ ބޮޑުއަގެއްގައި ޗާޕްކުރުމުން އެކަމާ އަޅުގަނޑުމެން ކަންބޮޑުވޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން އަދި ވިދާޅުވީ ކުރިއަށް ވުރެ ބޮޑުއަގުގައި ފޮތް ޗާޕްކުރުމުގެ ސަބަބުން ބުކްސޮޕްތަކަށް ފޮތް ގަންނަން ދައްކަން ޖެހޭ ފައިސާގެ އަދަދު މަތިވެ އެފަރާތަށް ކުރިމަތިވާދަތިތަކުގެ ސަބަބުން ބެލެނިވެރިންނަށް ވެސް ފޮތްތައް ހޯދުމުގައި މި އަހަރު ވަރަށް ބޮޑު ދަތިތަކެއް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަންނަ އަހަރުގެ ފޮތްތަކާ އެކު ކުރިއަށް އޮތް ތިން އަހަރަށް ޗާޕް ކުރަން ޖެހޭ ސްކޫލް ކުދިންގެ ފޮތްތައް ޗާޕު ކުރުމަށް ބަޔަކަށް އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ބިޑުކުރުމެއްނެތި ކަމަށް ވެސް ނިހާން ވަނީ ތުހުމަތު ކުރަށްވައިފަ އެވެ.
ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން އެކަން ދޮގުކުރެވެ. އެ މިނިސްޓްރީން ބުނީ ފޮތްތައް ބަޔަކާ ޗާޕްކުރަން ހަވާލުކޮށްފައި ވަނީ ފައިނޭންސް މިނިސްޓްރީން ބީލަންކޮށްގެން ކަމަށެވެ.
ފޮތްތަކުގެ އަގުތަކާ ބެހޭ ގޮތުން އެ މިނިސްޓްރީއަކުން އެއްޗެއް އަދި ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ