ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ނުބާއްވާ މައްސަލަ ބަލައިދޭން އެދެފި

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް، ޕްރައިމަރީ ނުބާއްވާ މައްސަލަ ބަލައިދިނުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން މިއަދު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް ސިޓީއެއް ފޮނުވައިފިއެވެ.
މި ސިޓީގައި ޝުޖާއު ވިދާޅުވެފައިވަނީ އެ ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރޭނެ ކަމަށާއި ޕްރައިމަރީ ނުބާއްވާނެ ކަމަށް ދޭހަވާގޮތަށް އަލީ ވަހީދު ވާހަކަ ދައްކަވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި، އަދި އެއީ އިންތިހާބުތަކުގައި އެ ޕާޓީން މިހާތަނަށް އަމަލުކޮށްފައިވާ އުސޫލާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ. ޝުޖާއު ވަނީ އެމްޑީޕީގެ ފަރާތުން ދިއްގަރު ދާއިރާއަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައެެވެ.
އަދި ދިއްގަރު ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރެން އެމްޑީޕީގެ  ގައުމީ މަޖިލީހުންނާއި ގައުމީ ހިންގާ ކޮމެޓީން ނިންމާފައި ނުވާ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"ޕްރައިމަރީ ނުބާއްވާނެ ކަމަށާއި އެ [ދިއްގަރު] ދާއިރާ އަށް ނެރޭނީ އަނިޔާވެރިކަމާ ދެކޮޅަށ' ހަރަކާތުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ކަމަށް [އަލީ ވަހީދު] ވިދާޅުވެފައި ވަނީ ކަނޑައެޅިގެން ޕާޓީގެ އަސާސީ ގަވާއިދާއި މިހާތަނަށް ޕާޓީން އަމަލުކޮށްފައިވާ އުސޫލްތަކާ ވެސް ހިލާފަށެވެ. އެހެންކަމުން ޗެއާޕާސަން އަލީ ވަހީދުގެ އެ ނިންމެވުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ޣައިރު ދުސްތޫރީ ކަންކަމެވެ." ޝުޖާއުގެ ސިޓީގައިވެއެވެ.
ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރާނެ ޕީޕީއެމް ކެންޑިޑޭޓަކު ހޮވުމަށް އަންނަ ހުކުރު ދުވަހު ޕްރައިމަރީ ބާއްވާގޮތަށް އެޕާޓީން ހަމަޖައްސާފައިވާއިރު ދިއްދަރު ދާއިރާގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ