މޭޑޭގައި ފުލުހުން ވަނީ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައި - ސީއެޗްއާރްއައި

އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ މިމަހުގެ އެއް ވަނަ ދުވަހު އިދޮކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި ފުލުހުން ވަނީ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ކޮމަންވެލްތް ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރްއައި) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އެޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މޭޑޭގެ މުޒާހަރާއަށް 20،000 މީހުން ވަނީ ނުކުމެފައެވެ. އަދި އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ހިފާފައިވަނީ އެކަށީގެންވާ މިންވަރަކަށް ނޫން ކަމަށާއި ރާއްޖޭގެ މިނިވަން މުއައްސަސާތަކުން އެމައްސަލަ ބަލަން ޖެހޭނެ ކަމަށެވެ. އެޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެދުވަހުގެ މުޒާހަރާއިން ޖުމްލަ 200 މީހަކު ހައްޔަރުކޮށް ބަޔާން ނަގާ 175 މީހުން ބަންދު ކޮށްފައިވެއެވެ.
ސީއެޗްއާރްއައި އިން އިތުރަށް ބުނެފައިވަނީ ފުލުހުން ކުރާ ކޮންމެ ކަމެއް ކުރަންޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމަށްވެސް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު އެއްވެއުޅޭ މީހުން ހިފައި ހައްޔަރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މޭޑޭގެ މުޒާހަރާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި މައްސަލައާއި ރައްޔިތުންނަށް ފުލުހުން ކުރި އަނިޔާގެ މައްސަލަތައް އިންސާނީ ހައްގުތަކުގެ ކަންކަން ބަލަމުންގެންދާ ބައިނަލްއަގްވާމީ ފަރާތްތަކުން ތަހުގީގުކުރުމަށްފަހު ފިޔަވަޅު އެޅުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
މި ބަޔާނުގައި ފުލުހުން، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރިކަން ފާހަގަކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާ ދިން ކަމުގެ ވާހަކައެއް ފާހަގަކޮށްފައި ނުވެއެވެ. އެރޭގެ މުޒާހަރާގައި ފުލުހެއްގައި ގައިގައި ޕިކަޕަކުން ޖައްސާފައިވާއިރު ދެ ފުލުހަކަށް މުޒާހަރާގެ ބައިވެރިން ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ