އަބޫ ދާބީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މާޗް 24) - އިރާން ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، ސަރުދާރު އަޒްމޫން، ކުރިއަށް އޮތް މެޗުތަކަށް ނެގި އިރާން ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބޭރުކުރީ ސިޔާސީ ކަމެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔޫއޭއީގެ ކްލަބް ޝަބާބް އަލް އަހްލީ އަށް ކުޅޭ އަަޒްމޫން އަކީ އިރާން ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަޒްމޫނަށް ވުރެން ގިނައިން އިރާން ޓީމަށް ލަނޑު ޖަހައިދީފައިވަނީ ލެެޖެންޑަރީ ފޯވާޑް، އަލީ ދާއީ އެވެ.
ކުރިން ރަޝިއާގެ ޒެނިޓް އާއި އިޓަލީގެ ރޯމާ އަދި ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކުޅުނު އަޒްމޫން ވަނީ، ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ރަޝީދުއާ މިދިޔަ އަހަރު ބައްދަލުކޮށްފަ އެވެ. އަދި، އެ ބައްދަލުވުމުގެ ފޮޓޯއެއް އަޒްމޫން ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި، އެ ފޮޓޯގެ ކެޕްޝަންގައި، ޝެއިހް މުހައްމަދު ބިން ރަޝީދު އަށް ތައުރީފުކޮށް ލިޔުންކޮޅެއް ވެސް ހިމަނާފައިވެ އެވެ.
މައްސަަލަ ގޯސްވީ، މީގެ އަހަރެއް ކުރިން ކޮށްފައިވާ އެ ޕޯސްޓް ޕިންކޮށްފައި އަޒްމޫންގެ އިންސްޓަގްރާމްގައި ބައިންދަން ނިންމުމާ ގުޅިގެންނެވެ.
އިޒްރޭލާއި އެމެރިކާ އިން ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އިރާނަށް ހަމަލާދީ ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، އިރާނާއި ޔޫއޭއީގެ ގުޅުން ވެސް ގޯސްވެފައިވާއިރު، އަޒްމޫންގެ މި އަމަލާ ގުޅިގެން، އިރާންގެ މީޑިއާތަކުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އިރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، އަޒްމޫން، މި ފަހަރު ނެގި ގައުމީ ސްކޮޑުން ބާކީކުރީ އިރާން ފުޓްބޯޅަ އެސޯސިއޭޝަން އާއި އެ ގައުމުގެ ސަރުކާރުގެ ނިންމުމަކާ ގުޅިގެންނެވެ.
އިރާނުން މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި، ކުޅެން ނިންމާފައިވަނީ ނައިޖީރިއާ އާއި ކޮސްޓަ ރިކާއާ ދެކޮޅަށެެވެ. އިރާނުން ވަނީ ހަނގުރާމައިގެ ސަބަބުން އެމެރިކާ އަށް ގޮސް ފީފާ ވޯލްޑް ކަޕްގައި ނުކުޅެން ނިންމައިފަ އެވެ. އަދި، އިތުރު ގޮތެއް ހެދޭތޯ ފީފާއާ އެކު، އިރާނުން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، ފީފާ އިން އޮތީ އިރާނުގެ މެޗުތައް، އެމެރިކާ ނޫން ދެން އޮތް، މި ފަހަރުގެ ވޯލްޑް ކަޕްގެ އަނެއް ދެ ހޯސްޓް މެކްސިކޯ އާއި ކެނަޑާ އަށް ބަދަލުކޮށްދޭ ވިސްނުމެއްގައެއް ނޫނެވެ.
އަޒްމޫން، އިރާން ޓީމުން ބޭރުކުރީ ސިޔާސީ ކަމެއްގައި: ރިޕޯޓް އަޒްމޫން، އިރާން ޓީމުން ބޭރުކުރީ ސިޔާސީ ކަމެއްގައި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ