އެޕަލްގެ ފަތްޖަހާލެވޭ ފޯނުގައި ސްކްރީން ހަލާކުނުވާ ބިއްލޫރިއެއް ހިމަނަނީ
އެޕަލް ކުންފުނިން ނެރެން ތައްޔާރުވަމުންދާ ފުރަތަމަ ފޯލްޑަބަލް (ފަތްޖަހާލެވޭ) އައިފޯނުގެ ސްކްރީން ރޫޖެހުން (ކްރީސް) ކުޑަކުރުމަށްޓަކައި ޑުއަލް-ލޭޔާ (ދެ ފަށަލައިގެ) ބިއްލޫރި ޑިޒައިނެއް ބޭނުންކޮށްފާނެކަމަށް ފަހުގެ ލީކުތަކުން ހާމަވެއްޖެއެވެ. މިއީ ފޯލްޑަބަލް ފޯނުތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ހައްލުކޮށް، ފޯނު އިތުރަށް ވަރުގަދަކުރުމަށް އެޕަލްއިން ކުރަމުންދާ މަސައްކަތެކެވެ. ޗައިނާގެ މަޝްހޫރު ޓިޕްސްޓަރެއް ކަމަށްވާ 'ޑިޖިޓަލް ޗެޓް ސްޓޭޝަން' އިން ވީބޯގައި ހާމަކޮށްފައިވާ ގޮތުން، އެޕަލްގެ ފޯލްޑަބަލް ފޯނުގައި ބޭނުންކުރާނީ ޑުއަލް-ލޭޔާ ޔޫޓީޖީ އަދި ޔޫއެފްޖީ ބިއްލޫރި ޑިޒައިނެކެވެ. މި ޑިޒައިންގެ ސަބަބުން ފޯނު ފަތްޖަހާލާއިރު ހިންޖް (ހުޅު) ގައި ސީދާ ސްކްރީން ނުޖެހި، ސްކްރީނަށް ކުރާ ބާރު ކުޑަވެ، ފޯނުގެ އުމުރު ދިގުވެގެންދާނެއެވެ. މީގެ އިތުރުން 'ސެލްފް-ހީލިން ގްލާސް' (އަމިއްލައަށް ރަނގަޅުވާ ބިއްލޫރި) އާއި އައު ހިންޖް ޑިޒައިނެއް ވެސް މި ފޯނުގައި ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ސްކްރީން ރޫޖެހޭތަން ފެންނަ މިންވަރު ކުޑަވެ، ފޯނު ފަތްޖަހާލަން އިތުރަށް ފަސޭހަވެގެންދާނެއެވެ. އައު ހިންޖް ޑިޒައިނެއް ވެސް މި ފޯނުގައި ހިމެނުމަކީ އެކަށީގެންވާ ކަމެއް --- މި ފޯލްޑަބަލް އައިފޯނުގެ އެތެރޭގައި 7.8 އިންޗީގެ ސްކްރީނެއް އަދި ބޭރުގައި 5.5 އިންޗީގެ ސްކްރީނެއް ހިމެނޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފަހަތުގައާއި ކުރިމަތީގައި ޑުއަލް ކެމެރާ ހިމެނުމުގެ އިތުރުން، ޕަވަ ބަޓަންގައި 'ޓަޗް އައިޑީ' ހިމެނޭނެއެވެ. މި ފޯނު މަސައްކަތްކުރާނީ 2 ނެނޯމީޓަރުގެ އޭ20 ޕްރޯ ޗިޕަކާއި އެޕަލްގެ ސީ2 މޮޑެމް އަކުންނެވެ. އަދި އައިޕެޑްތަކުގައި ފެންނަ ފަދަ ސްޕްލިޓް-ސްކްރީން ފީޗާތަކާއި އެޕް ސައިޑްބާ ވެސް މި ފޯނުން ފެންނާނެކަމަށް ލަފާކުރެވެއެވެ. ފޮތެއް ފަދައިން ހުޅުވާލެވޭ ގޮތަށް ފަރުމާކުރާ މި ފޯނަށް ކިޔާނީ 'އައިފޯން ފޯލްޑް' ގެ ބަދަލުގައި 'އައިފޯން އަލްޓްރާ' ކަމަށް ވެދާނެއެވެ. މީގެ 256ޖީބީ މޮޑެލް ޗައިނާގެ ބާޒާރުގައި 15,999 ޔުއާން އަށް ލިބެން ހުންނާނެކަމަށް ލަފާކުރެވޭއިރު، އެމެރިކާގެ ބާޒާރުގައި ވިއްކަން ނެރޭނެކަމަށް ލަފާކުރެވެނީ 1,999 ޑޮލަރަށެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން، އެޕަލްއިން ވަނީ ސެމްސަންގް ޑިސްޕްލޭ މެދުވެރިކޮށް 20 މިލިއަން ފޯލްޑަބަލް ޕެނަލް އޯޑަރުކޮށްފައެވެ. މިއީ ކުރިން ލަފާކުރި ވަރަށްވުރެ އިތުރު އަދަދަކަށްވުމާއެކު، މި ފޯނަށް އޮންނަ ޑިމާންޑު ބޮޑުވާނެކަމަށް ބެލެވެއެވެ. އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯން ބާޒާރަށް ނެރޭނެކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ