ދަށް ރޭންކުގެ ކުޅުންތެރިއެއް އަތުން ކެޓި ނަަމަވެސް އަލްކަރާޒް ހުރީ ޕޮޒިޓިވް ކޮށް ދަށް ރޭންކުގެ ކުޅުންތެރިއެއް އަތުން ކެޓި ނަަމަވެސް އަލްކަރާޒް ހުރީ ޕޮޒިޓިވް ކޮށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 24) - މިހާރު ކުރިއަށްދާ މިއާމީ އޯޕަން މުބާރާތުގެ ތިން ވަނަ ބުރުގައި ދުނިޔޭގެ ރޭންކިން 36 ވަނައިގައި އޮތް އެމެރިކާގެ ސެބަސްޓިއަން ކޯޑާ އަތުން ބަލިވެ ކެޓި ނަމަވެސް ދުނިޔޭގެ އެއް ވަނަ ކާލޯސް އަލްކަރާޒް ދެކޭ ގޮތުގައި މިއީ ރަނގަޅު މުބާރާތެއް ކަމަށް ބުނެފި އެވެ.
ކޯޑާ އަތުން އަލްކަރާޒް ބަލިވި މެޗުގެ ސެޓުތައް ދިޔައީ، 6-3 5-7 6-4 އިންނެވެ.
އެ މެޗުގައި، އަލްކަރާޒްގެ ފަރާތުން އެވްރެޖްކޮށް ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް މި މެޗުގައި ކޯޑާ ހުރީ ތަފާތު ފޯމެއްގަ އެވެ. އަލްކަރާޒަށް ހެދޭ ކޮންމެ ގޯހެއްގެ ފައިދާނަގައި، ކޯޑާ ވަނީ މޮޅުވުމަށް ކުރަން ޖެހޭ މަަސައްކަަތް ބަރާބަރަށް އަދާކޮށްފަ އެވެ.
އަލްކަރާޒް، 22، ބުނީ، މިއާމީ އޯޕަން އަށް ބަލާއިރު ކުޅުމަށް އޭނާ ގެންނަން ބޭނުންވާ ބަދަލުތަކުގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ޕްރޮސަސް ވަރަށް ރަނގަޅަށް މި ދިޔައީ. މި މެޗުން ބަލިވިޔަސް އަހަރެން ދެކޭ ގޮތުގައި ވަރަށް ރަނގަޅަށް ކަންކަން ދިޔައީ. އެންމެ ފަހުން ދިޔަ މުބާރާތްތަކުގައި މޮޅުވިޔަސް އަހަރެން އެންމެ ބޭނުންވާ ގޮތަށް ކަންކަން ނުދޭ. އެކަމަކު، މި ފަހަރުގެ މި މުބާރާތުގެ ކަންކަން ދިޔަ ގޮތަށް ބަލާއިރު އަަހަރެން ބޭނުންވާ ގޮތަށް ނަތީޖާ ނޫން ހުރިހާ ކަމެއް ދިޔަ،" އަލްކަރާޒް ބުންޏެވެ.
ކޯޑާ އަށް އޮތް އެޑްވާންޓޭޖަކީ، މޮޅުވާން އޮތް ޕްރެޝަރު ކުޑަވުން ކަމަށާއި އޭގެ އެޑްވާންޓޭޖް ވަރަށް ރަނގަޅަށް ނެގި ކަމަށެވެ. ކޯޑާ އަތުން ބަލިވުމުގެ ކުރިން، އަލްކަރާޒް އެންމެ ފަހުން ދަށް ރޭންކްގެ ކުޅުންތެރިއެއް އަތުން ބަލިވީ މިދިޔަ އަހަރުގެ މިއާމީ އޯޕަންގަ އެެެވެ. އެ ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން އަލްކަރާޒް ކެޓީ، އެ ވަގުތު، ދުނިޔޭގެ ރޭންކިން 55 ވަނައިގައި އޮތް ބެލްޖިއަމްގެ ޑޭވިޑް ގޮފިން އަތުންނެވެ.
އަލްކަރާޒް، މި ފަހަރުގެ ޓެނިސް ސީޒަން ފެށީ ފުރަތަމަ ގްރޭންޑްސްލޭމް މުބާރާތް، އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން، އޭނާ ބަލިވި ފުރަތަމަ މެޗަކީ، ދާދި ފަހުން ނިމުނު އިންޑިއަން ވެލްސް މުބާރާތުގެ ސެމީ ފައިނަލުގައި ރަޝިއާގެ ޑަނީލް މެޑްވެޑޭވް އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ