ގާސިމް ކާމިޔާބު ހޯދީ އަމިއްލަ މަސައްކަތުން: ނަސީމް

ގާސިމް އިބްރާހިމް ކުރިއަރައި ދިޔައީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ކަމަށް، ގާސިމް އިބްރާހިމް އާމްދަނީ ހޯއްދެވުމަށް އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތައް ވަރަށް ގާތުން ދެކެވަޑައިގެންނެވި މިހާރުގެ ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ޓޫރިޒަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ހަފުލާގައި ޓޫރިޒަމް ދާއިރާގެ މޭސްތިރިންގެ ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ރާއްޖޭގައި ބުރަ މަސައްކަތް ކޮށްގެން ކާމިޔާބު ވެފައިވާ މީހުންނާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން، މަހުޖަނުންނަކީ ނުބައި ބައެއް ކަމަށް "ބްރޭންޑް" ކޮށްފައިވާ ކަމަށާއި އޭގެ ބަދަލުގައި އެއީ އިހުތިރާމު ކުރަންޖެހޭ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.ނަސީމް މިހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކާމިޔާބުކަމާއެކު، ވިޔަފާރި ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ."ގާސިމް ކަހަލަ ބޭފުޅުންނަކީ ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން މީގެ ތެރޭގައި އުޅުއްވި ބޭފުޅުން. އަޅުގަނޑު ހަދާން އެބަހުރި އަޅުގަނޑުމެން ރިސޯޓުތައް ހިންގިއިރު ގާސިމް ތެޔޮ ފޯރުކޮށްދެއްވާނެ. ކަޑި އުނގުޅާފައި ހުރި ރިޔާ ނެގި ދޯންޏެއްގައި ގާސިމް ދަތުރު ކުރައްވާނީ އެއް ރަށުން އަނެއް ރަށަށް ތެޔޮ ފޯރުކޮށްދެއްވަމުން،" ކާމިޔާބު ވިޔަފާރިވެރިަކަށް ވުމަށް ގާސިމް ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވަމުން ނަސީމް ވިދާޅުވި އެވެ.މީގެއިތުރުން ނަސީމް ވަނީ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި މެދު ދެކޭ ގޮތް މުޅިން ބަދަލުވާންޖެހޭ ކަމަށާއި އެފަދަ މީހުންނާއި ދިމާލަށް އެއްޗެހި ކިޔުމުގެ ބަދަލުގައި އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ."މަސައްކަތްކޮށްގެން ކާމިޔާބު ހޯދާ މީހުންނަށް އިހުތިރާމް ކުރަންޖެހޭ. އެގޮތުން ހިފަހައްޓަންޖެހޭ، ދަމަހައްޓަންޖެހޭ. ހުރިހާ އަމިއްލަ ފަރާތްތަކާއި، ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މި ހުރިހާ ތަނަކުން އެބަޖެހޭ މަސައްކަތް ކުރަން އަޅުގަނޑުމެން ތެރޭގައި މި މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްދޭން" ނަސީމް ވިދާޅުވި އެވެ."އަޅުގަނޑުމެން މިފަދަ ވިޔަފާރިވެރިންނާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ. މަހުޖަނުންނޭ ކިޔައި އެއްޗެހި ނުކިޔާ، އިހުތިރާމު ކުރޭ. ސަޕޯޓު ކުރޭ."ނަސީމް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ޅަފަތުގައި އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރި އެންމެންނަކީ ވެސް ވަކި އަމާޒެއް ކަނޑައަޅައިގެން ކާމިޔާބީއަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އެއީ ކޮންމެ މީހަކު ވެސް ވަކި އަމާޒަކަށް ވާސިލުވާން ބުރަ މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ