ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް މައުމޫން ހަމީދުގެ ނަންފުޅު ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޕީޖީގެ މަގާމަށް މައުމޫންގެ ނަންފުޅު ކުރިން ވެސް ފޮނުއްވީ އޭނާއަކީ އެމަގާމަށް ވަރަށް ގާބިިލު ބޭފުޅެއް ކަމުގައިވާތީ ކަމަށާއި ފަހަރެއްގައި ވެސް އޭނާއަކީ އެމަނިކުފާނުގެ ކޮއްކޯފުޅަކަށްވީތީއެއް ނޫން ކަަމަށެވެ. އަދި ތިން ވަނަ ފަހަރަށް ވެސް އެމަގާމަށް ކުރިމަތިލާން އިޢުލާން ކުރެއްވީ މަޖުބޫރުވެވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއް ފަހަރު ދެފަހަރު އެ މަގާމަށް އިޢުލާންކޮށްފިން. ވަރަށް ގާބިލު ބޭފުޅެއް (މައުމޫން ހަމީދު)ގެ ނަންފުޅު ވެސް ފޮނުވީމު. ކަންދިމާވި ގޮތުން މިދިޔަ މަޖިލީީހުން އެ ނަންފުޅު ވަނީ އަނބުރާ ފޮނުވާލައިފައި. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް އިތުބާރު ހިފޭ ބޭފުޅަކު އެމަގާމަށް ވަޑައިގެންނެވުން. ފަހަރެއްގައި އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ ކޮއްކޮއަކަށްވާތީ އަޅުގަނޑުގެ އާއިލާގެ ބޭފުޅަކަށްވާތީ މައުމޫން ހަމީދު ރައްޔިތުންގެ މަޖިލީހުން ޕީޖީއަކަށް ހަމަޖެއްސުމެއް ނޫން. އަޅުގަނޑު އެދެނީ އިތުބާރު ހުރި ތަޒުރިބާ ކާރު ބޭފުޅަކު އެމަގާމަށް ހަމަޖެއްސުން،"ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕީޖީގެ މަގާމަށް ވަޑައިގެންނަވާ ބޭފުޅަކީ މިހާރު ޕީޖީ އޮފީހުގައި ބައެއް މައްސަލަތައް ހަރުލާފައި ހުންނަ ގޮތަށް ކަންކަން ކުރައްވާނެ ބޭފުޅެއްގެ ބަދަލުގައި ހުރިހާ މައްސަލައެއް ވެސް ޝަރީއަތަށް ފޮނުއްވާނެ ބޭފުޅަކަށް ވާން ޖެހޭ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރައްޔިތުން މިސަރުކާރަށް ވަރަށް ބޮޑު ތާއީދެއް ދީފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އެ ތާއީދު ދީފައި ވަނީ ވަރަށް ބޮޑު އުއްމީދުތަކެއް އޮތީމުން ކަމަށެވެ. އަދި އެ އުއްމީދުތައް ހާސިލުކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާ އިރު އެމަނިކުފާނަށް ހުރަސްނޭޅުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ރައްޔިތުންގެ 17 ވަނަ މަޖިލީސްގައި ކަންކަން ހިނގައި ދިޔަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މަޝްރޫއުތައް އެއްވެސް ހާލެއްގައި މަޑުޖެހެން އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތައް ހިންގަން ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ ތާއީދު މިސާރުކާރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ސަރުކާރުން ބޭނުންވާ ގޮަތަކަށް މި މަޝްރޫއުތައް ހިންގައިދޭނެ ބަޔަކު މުއައްސަސާތަކުގައި ތިބޭން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރަކު މަޖިލީހުގެ މިދައުރުގެ ރައީސަކަށް ވާން. ބޭނުމެއްނުވޭ އެހެން ޕާޓީއެއްގެ މެމްބަރަކު އަޅުގަނޑުމެންގެ ޕާޓީ ހިސޯރުކުރާކަށް." ރައީސް ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މައުމޫންގެ ހަމީދުގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވުމުން އެ ނަންފުޅު ވަނީ ފާސްނުވެފަ އެވެ. ނަމަވެސް ދެވަނަ ފަަހަރަށް އެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމުން އޭނާ ކުރިމައްޗެއް ނުލައްވަ އެވެ. އަދި ތިން ވަނަ ފަހަރަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލި މީހުންގެ އަދަދު މަދުވެގެންނެވެ.
ތިން ވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި މައުމޫން ހަމީދުގެ އިތުރުން ހަތަރު ގާޒީއަކު ހިމެނިވަޑައިގަންނަވަ އެވެ. އެ ހަތަރު ގާޒީންނަކީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިނާއި ޑްރަގް ކޯޓުގެ ދެ ގާޒީން ކަމުގައިވާ މަހާޒު އަލީ ޒާހިރާއި އަބްދުއްސައްތާރު އަބްދުލް ހަމީދުގެ އިތުރުން ބ. ހިތާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމު ކުލްސޫމް އަބޫބަކުރެވެ.
މައުމޫން ހަމީދުގެ ނަންފުޅު އަލުން މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ