އައިއެސް އަކީ އިސްލާމީ ސިފައެެއް ނެތް ޖަމާއަތެއް: މައުމޫން
އިސްލާމްދީނަކީ ސުލްހައިގެ ދީން ކަމަށާއި އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އެއްވެސް އިސްލާމީ ސިފައެއް ނެތް ޖަމާއަތެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ. މައުމޫން މިހެން ވިދާޅުވީ އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ސްޕޭސް އެޖެންސީ (އިސްރޯ) އާ ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުސް މުބާރާތް "ސްޕީކް ޔުއަ މައިންޑް އެންޑް އެކްސްޕްރެސް" (ސިމްޕްރެސް) އިފްތިތާހު ކޮށްދެއްވަމުންނެވެ. ބެންގަލޫގައި އިއްޔެ ބޭއްވި ހަފުލާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ. މައުމޫން ވިދާޅުވި ގޮތުގައި ކޮންމެ ދީނަކީ ވެސް ސުލްހަވެރިކަމާއި އިންސާނީ އުހުއްވަތްތެރިކަމަށް ގޮވާލާ ދީނެކެވެ. އެހެންވެ އެކި ދީންތަކާއި އެކި ސަގާފަތްތަކުގެ އަހުލުވެރިންގެ މެދުގައި ސުލްހަ ގާއިމުކޮށް، ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރުމަކީ މުޅި ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އިއްޔެގެ ހަފުލާއަށް މައުމޫން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. "އަދި މުޅި ދުނިޔޭގައި ޙަޤީޤީ ޞުލްޙައެއް ޤާއިމު ކުރެވޭނީ ދުނިޔޭގައި ދިރިއުޅެމުންދާ ކޮންމެ މީހަކަށް ވެސް ޞުލްޙަވެރިކަމުގެ ފައިދާ ޤަބޫލު ކުރެވިގެންނެވެ. މިކަމުގައި ތައުލީމީ ދާއިރާ އާއި ޚަބަރު ފަތުރާ ވަޞީލަތްތަކުގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމުގައި ވެސް ވިދާޅުވި އެވެ،" މައުމޫންގެ އޮފީހުން ބުންޏެވެ. މައުމޫން ވިދާޅުވީ ދުނިޔެއަށް ދާއިމީ ސުލްހައެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއް ކަމުގައި ވިޔަސް އެކަން ހާސިލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކަލާމް ވިދާޅުވެފައިވާ ފަދައިން "ހަނގުރާމަ އަކީ އެއްވެސް ދެކޮޅުވެރިކަމެއްގެ ދާއިމީ ހައްލެއް ނޫން" ކަމަށާއި އެކި ކަންކޮޅުތަކުގައި ހަނގުރާމަ ހިންގަމުން ދުނިޔޭގައި ސުލްހައެއް ގާއިމު ނުކުރެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "މިގޮތުން މެދުއިރުމަތީގައި އިޒުރޭލުން ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަށައަޅާފައިވާ މުޢާހަދާތަކަށާއި ޤާނޫނުތަކަށް އެޤައުމުން ޢަމަލު ނުކުރާނަމަ، އެ ސަރަޙައްދުގައި ޞުލްޙަ ޤާއިމު ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ،" މައުމޫންގެ އޮފީހުން ބުންޏެވެ. ގާޑްން ޔުނިވަސިޓީގައި އިއްޔެ ބޭއްވި ހަފުލާގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. ގާޑްން ސިޓީގެ ބަހުސް މުބާރާތުގެ އިފުތިތާހީ ޖަލްސާއަށް ދައުވަތު ދެއްވީތީ، މައުމޫން ވަނީ އެ ގުރޫޕުގެ ޗެއާމަން ޑރ. ޖޯސެފް ވީ ޖޯޖަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގާޑްން ސިޓީ ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ދިވެހިން ހިމެނޭތީ އެކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ. ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ސްޕޭސް އެޖެންސީ (އިސްރޯ) އާ ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުސް މުބާރާތް އިފުތިތާހު ކުރުމުގެ ހަފުލާގައި މައުމޫން އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ، ހާއްސަކޮށް އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ، އެކޮލެޖުން ކޮންމެ އަހަރަކު ވެސް މައުމޫން ފައުންޑޭޝަނަށް ދޭ ސްކޮލަަޝިޕްތަކެއްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވާތީ، އެކަމަށްޓަކައި ވެސް ގާޑްން ސިޓީ ކޮލެޖުގެ ޗެއާމަނަށާއި މެނޭޖްމަންޓަށް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ