މައުމޫން އުޅުއްވަނީ ރައީސް ޔާމީނަށް އޮތް ތާއީދު ގެއްލުވާލަން: މިނިސްޓަރު ޠާރިޤު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އޮތް ތާއީދު ގެއްލުވާލަން ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ. ޗެނަލް13 އިން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ނުކުރެވި ހުރި އެތައް ކަމެއް ރައީސް ޔާމީންގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ. އަދި މައުމޫނުގެ ވެރިކަމުގައި ކޮށްދީފައި ހުރި ކަންތައްތައް ޔާމީންގެ ވެރިކަމުގެ ތިން އަހަރު ކޮށްދީފައި ހުރި ކަންތައްތަކާ ގާތްވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް މައުމޫން އެކަމާ ހިތްހަމަ ޖެހި ވަޑައިނުގަންނަވަނީ ކަމަށް ޠާރިޤު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ވިސްނުންތޫނު އަދި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާ ހިތުން އުޅުއްވާ ބޭފުޅެއް ކަމަށެވެ. "ރައީސް މައުމޫންގެ ތިރީސް އަހަރުގައިވެސް މިހާރުގެ މި ތިން އަހަރާއި އަޅާ ބަލާއިރު ހަމަ ގާތްވެސް ނުކުރާނެ. ގާތްވެސް ނުކުރާނެ. މިކަހަލަ ކަންތައްތަކާ އަޅުގަނޑު ހިތަށް އަރަނީ ރައީސް މައުމޫންވެސް ކޮންމެވެސް ވަރަކަށް، އެމަނިކުފާނުގެ ދައުރުގައި ނުކުރެވި ހުރި ކަންތައްތަކެއް މިދައުރުގައި އެހާ ބައިވަރު އެހާ ބާރަށް ކުރާތީ އެކަމާ ހިތްޕުޅު ހަމަނުޖެހެނީހެން. ނޫނީ އެކަމާ ކަންބޮޑުފުޅު ވަނީހެން،" ޠާރިޤު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ރައީސް ޔާމީން ދަނީ ކޮށްދެމުން ކަމަށާއި، އެހެންކަމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ރައްޔިތުން ދޭނެ ކަން ޔަގީން ވާ ކަމަށެވެ. "އެހެންވީމާ އެ ހިސާބަށް ދިޔަ ނުދޭން ރައްޔިތުންނަށް ދޮގު މައުލޫމާތު ދީގެންވެސް ރައީސް ޔާމީނުގެ ޕޮޕިއުލާރިޓީ ކަނޑުވާލަންވެގެން ކުރާ ކަމެއް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން އެއް ގަލަކަށް އަރަން އުޅެނީ ކަންތައްތަކެއް ކާމިޔާބު ކުރަން ކަމަށާއި، އެހެން ނަމަވެސް އެމީހުން ބޭނުންވާ ކަންތައްތައް ކާމިޔާބު ނުވާ ހިސާބުން އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޠާރިޤު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުގައި ހުންނަވައިގެން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސީހު ބޭރު ކުރަން އުޅެނީ އެއްވެސް މަގުބޫލު ސަބަބެއް އޮވެގެން ނޫން ކަމަށެވެ. މަސީހު ބޭރުކުރަން އުޅެނީ ސަރުކާރަށް އުނދަގޫ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަހުގެ 24 ވަނަ ދުވަހު ވޯޓު ނަގަންވާއިރަށް ޕީޕީއެމްގެ ހުރިހާ މަޖިލިސް މެމްބަރުންވެސް އެއްގަލަކަށް އަރައި މަސީހާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށް މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ. އެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ، މަސީހު ބޭރުކޮށްލުމަށް މަސައްކަތް ކުރަމުންދަނީ، އިދިކޮޅު ފަރާތްތަކުން ބޭނުންވާ މީހެއް އެ މަގާމަށް ގެނައުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަނާއި އިތުރު އެހެން މެމްބަރުންގެ ވޯޓާ އެކު މަސީހުގެ ވޯޓު ދިފާއު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ