"ދަ މައުމޫން ފައުންޑޭޝަން" ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކުރަން މިއަދު ހޯމް މިނިސްޓްރީ އަށް މިއަދު ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިޝް މައުމޫނުގެ މުއައްސިސް ކަމުގައި އުފައްދާ މި ފައުންޑޭޝަންގެ މަގުސަދަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެ، ރާއްޖޭގައި ދަރުމައަށް ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރުން ކަމަށް އެ ފައުންޑޭޝަން އުފެއްދުމުގައި އިސްވެ ހަރަކާތްތެރިވާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
"މިއީ ސިޔާސީ ކަންކަމުން އެއްކިބާ ވެފައިވާ އަދި ދިވެހިރާއްޖޭގައި ދަރުމައަށް މަސައްކަތް ކުރާ އަމިއްލަ ފައުންޑޭޝަނެއް. ފައުންޑޭޝަނަށް ފައިސާ ހޯދަނީ ފައުންޑޭޝަނަށް އެހީވާ އެކި ފަރާތްތަކުގެ ފަރާތުން،" އޮފިޝަލް ވިދާޅުވި އެވެ.
މ. އެންދެރިމާގޭގައި ހިންގަން ނިންމަވާފައިވާ "ދަ މައުމޫން ފައުންޑޭޝަން" ގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންގެ މަންފާއަށް، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރު ކުރުމާއި ރާއްޖޭގައި ދީނީ ހޭލުންތެރިކަން ހަރުދަނާ ކުރުމާއި ތައުލީމީ އަދި ސިއްހީ ފެންވަރާއި އިޖުތިމާއީ ދުޅަހެޔޮކަން ގާއިމް ކުރުމަށް މަސައްކަތް ކުރުމެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ ރައްކާތެރިކަމާއި ޖިންސީ ހަމަހަމަކަމާއި ކުދި ގައުމުތަކުގެ ރައްކާތެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އިތުރުން އިސްލާމީ އުސޫލުތަކާއި އަސާސްތަކާއި ދިވެހިރާއްޖޭގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، އެފަދަ ފައުންޑޭޝަންތައް ހިންގުމަށް ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ ފައުންޑޭޝަންގެ މަގުސަދު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ދަ މައުމޫން ފައުންޑޭޝަން" ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ