ޕޯޗުގަލްގެ ޕާލަމަންޓުގެ ރައީސް ހައިމޭ ގަމާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފި އެވެ.
ޕޯޗްގީޒް ޕާލަމަންޓްގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޕޯޗުގަލަށް ދަތުރުފުޅެއް ކުރެއްވުމަކީ ރައީސްގެ ދެކަނބަލުންނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެ، ލިޒްބަންއަކީ ވަރަށް ރީތި ސިޓީއެއްކަން ބަޔާންކުރެއްވި އެވެ. އަދި ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް ޕޯޗުގަލުންދޭ އަހަންމިއްޔަތު ފާހަގަކުރެއްވި އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ޔޫރަޕިއަން ޔޫނިއަނުން އެހާ ޚާއްސަ އަހަންމިއްޔަތެއް ދޭތީ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ޔޫރަޕިއަން ޔުނިއަނާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިވަމުން ދިޔުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރާއްޖެއަށް ގެންނަވަމުން ގެންދަވާ އިސްލާހީ ބަދަލުތަކުގެ މައުލޫމާތު ވެސް ދެއްވި އެވެ.
ޕޯޗުގަލްގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހައިމޭ ގަމާ ދެއްކެވި ވާހަކަފުޅުގައި ޕޯޗުގަލަކީ ވެސް ޖައްވު ހޫނުވުމުގެ މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ގައުމެއް ކަމަށާއި ތިމާވެށީގެ މައްސަލައަށް ރާއްޖެއިން ދޭ އަހަންމިއްޔަތު ޕޯޗުގަލް ސަރުކާރުން ފާހަގަކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ކުރަން ޖެހިފައިވާ ތަޖުރިބާތަކުގެ މައްޗަށް ޔޫރަޕިއަން ޑިވެލޮޕްމަންޓް ޑޭޒް ކޮންފަރެންސްގައި ރައީސް ތަގުރީރު ކުރެއްވުމަށް ވަޑައިގެންދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ އެންމެ މަތީ ވެރިޔަކު ޕޯޗުގަލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވަމުން މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އޭނާގެ ވާހަކަފުޅުގައި ޕޯޗުގަލަކީ ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން ކުޑަ ގައުމެއް ކަމަށާއި ރާއްޖެއަކީ ޕޯޗުގަލުގެ ޓޫރިޒަމްގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްދަލުކޮށްލެއްވުމަށްފަހު ޕޯޗްގަލް ޕާލަމަންޓް ރައީސް ބައްލަވައިލެއްވި އެވެ. ރައީސް ޕޯޗްގަލްގެ ޕާލަމަންޓަށް ޒިޔާރަތް ކުރެއްވުމުގެ މުނާސަބަތުގައި ޕޯޗްގަލް ޕާލަމަންޓްގައި ދިވެހި ގައުމީ ދިދަ ބުރާސްފަތި ދުވަހު ވަނީ ނަގައިފަ އެވެ.
ޕޯޗުގަލްގެ ޕާލަމަންޓުގެ ރައީސާ ރައީސް މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ