ޢަބްދުއްސައްތާރު މޫސާ ދީދީ ނިޝާން އިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާއަކީ މަތީ މަޤާމު ބޭނުންފުޅުނުވެ ޤައުމަށް ޚިދުމަތް ކުރެއްވުމަށް އިސްކަން ދެއްވައިގެން ޤައުމަށް ޚިދުމަތް ކުރެއްވެވި ޤައުމީ ބަޠޮލެއް ކަމަށް ރައީސް މައުMޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވުމާއި ގުޅިގެން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ތަޢްބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ 1972 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ވަޒީރުލްއަޢުޒަމް ކަމަށް އައްޔަނުކުރި ކަމަށާއި ނަމަވެސް އެމަތިވެރި މަޤާމް ޢަބްދުއްސައްތާރު މޫސާ ދީދީ ޤަބޫލުފުޅު ނުކުރެއްވެވީ ކަމަށެވެ. އެމަނިކުފާނު އިޚްތިޔާރު ކުރެއްވެވީ ޤައުމަށް ޚިދުމަތް ކުރެއްވެވުން މަތީގައި ދެމިހުންނެވުމަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މާލީ ވަޒީރުގެ ހައިޞިއްޔަތުން ޢަބްދުއްސައްތާރު މޫސާ ދީދީ ގެ ބެއްލެވުމުގެ ދަށުގައި މެރިން ޑިޕާޓްމަންޓް ހުރި ދުވަސްވަރު އެޑިޕާޓްމަންތްގެ މެނޭޖަރުކަން ކުރެއްެވެވި ކަމަށާއި އެދުވަސްވަރު އެއްވެސް ކަމެއްގައި ޖަވާބު ލިބިވަޑައި ނުގަންނަވާތީ އެއްވެސް ކަމެއް ނުކުރައްވައި ލަސްކުރައްވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ ޚާރިޖީ ދާއިރާގައި ވަރަށް ގިނަ މަޤާމުތައް ފުރުއްވުމުގެ އިތުރުން ގިނަ މުހިންމު މިނިސްޓްރީތަކެއްގެ މިނިސްޓަރުކަން ކުރެއްވެވި ބޭފުޅެއް ކަމަށްވާއިރު އެހުރިހައި މަޤާމުތަކެއްގައި ޤައުމަށް ޚިދުމަތް ކޮށްދެއްވަވާފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ކަމަށެވެ.
2015 ވަނައަހަރަކީ ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއިއެކު ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވެވި 3 ބޭފުޅުން ކަމަށްވާ އަލްއުސްތާޛް ޢަބްދުﷲ ޙަމީދު އާއި، ޢަބްދުއްސައްތާރު މޫސާ ދީދީ އަދި ޢަލީ އުމަރު މަނިކު އަވަހާރަވި އަހަރުކަން ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ 2015 ވނަ އަހަރަކީ ރާއްޖެއަށް ޤައުމީ ހިތާމައިގެ އަހަރެއް ކަމަށެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ މަތީ މަޤާމު ބޭނުންފުޅުނުވެ ޤައުމަށް ޚިދުމަތް ކުރެއްވި ޤައުމީ ބަޠޮލެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ