ރައީސްގެ ޒާތީ މައްސަލައެއް ހިފައިގެން ޕީޖީއަކަށް އިސްވެ ކޯޓަކަށް ނުދެވޭނެ: ޔާމީން

ރައީސް މުހައްމަދު މުއިއްޒުގެ ޒާތީ މައްސަލައެއްގެ ދައުވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް އިސްވެ ކޯޓަށް ހުށަނޭޅެ ކަމަށާއި އެއީ ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ -  ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކަކަށް 'އަދަދު' ނޫހުން އުފެއްދި 'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށްދޭން ކްރިމިނަލް ކޯޓަށް އިއްޔެ ޕީޖީ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފްގެ ދައުވާ އުފުލާފައިވަނީ، ޕީޖީން އަންގައިގެން ފުލުހުން ހިންގި ތަހުގީގަކަށް ފަހު އެވެ. ތަހުގީގައި ފިޔާޒާއި ހަސަން ހުރީ ހަނެވެ.
އެ ތުހުމަތުތައް ކުރި އަންހެންމީހާ އެކަމާ ގުޅޭ ހުރިހާ ވާހަކަތަކެއް ތަހުގީގަށް ކިޔައިދޭން ތައްޔާރަށް ހުރި ނަމަވެސް، ދިފާއުގައި ވާހަކަދައްކަން އޭނާއަށް ފުލުހުން ފުރުސަތު ދީފައެއް ނުވެ އެވެ. 
ބުނީ ކީކޭ؟ - ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، މި މައްސަލާގައި ވަކި މީހެއްގެ މަސްލަހަތު ހިމާޔާތްކުރަން އުޅޭ ގޮތަށް ފުލުހުންނާއި ޕީީީޖީ އޮފީހުން އަދި ކޯޓުގެ އަމަލުތައް ހުރިކަމަށް ސިފަކޮށް، ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ، ރައީސްގެ ދެ ހައިސިއްޔަތެއް އޮންނާނެ ކަމަށާއި އެއީ ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމާއި އަދި އަމިއްލަ ޒާތީ ހައިސިއްޔަތުން ކުރައްވާ ކަންކަން ކަމަށެވެ.
އެ މައްސަލާގައި ކުރެވޭ ތުހުމަތުތަކަށް ބަލާއިރު، ކަމެއް ކުރައްވައިގެން އުޅުއްވަނީ ރައީސްގެ ހައިސިއްޔަތުން ނޫން ކަމާއި އެއީ ރައީސް މުއިއްޒުގެ އަމިއްލަ ޒާތީ ކަމެއްގެ ތެރެއިން ކުރައްވައިގެން އުޅޭ ކަމެއް ކަމަށް ޔަމީން ވިދާޅުވި އެވެ.
"ރައީސްގެ ހައިސިއްޔަތުން ކުރާ ކަންކަން އެ ކުރަނީ ރައީސް މުހައްމަދު މުއިއްޒު. އެކަމަކު އޭނާގެ އަމިއްލަ  ޒާތީ ކަންކަމަކީ، ދިމްޔާތު، މުހައްމަދު މުއިއްޒު ކުރާ ކަންތައް. އޭގެ ކަމެއްގެ ތުހުމަތުގެ ވާހަކަ މިއުޅެނީ. އެ ތުހުމަތުގެ މައްސަލަ ހިފައިގެން ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލަކަށް ކޯޓަކަށް ނުދެވޭނެ. އެއީ މުއިއްޒުގެ އަމިއްލަ ދައުވާއެއް. އެހެންވީމާ ވަރަށް ދެރަކޮށް މި ދިޔައީ ދައުލަތުގެ މުވައްސަސާތައް މި ބޭނުންކުރަނީ،" ޔާމީން ވިދާޅުވި އެވެ. 
ޔާމީން ވިދާޅުވީ، އެ މައްސަލާގައި ގަޒުފުކުރިކަމުގެ ދައުވާކުރެވޭނީ، އެކަން ކުރިކަން ތަހުގީގުގައި ސާބިތުކޮށްދީގެން ކަމަށާއި އެފަދަ ކަމެއް ކުރިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިނުވާ ކަމަށެވެ. އަދި، މައްސަލައިގެ ތުހުމަތުކުރާ އަންހެން މީހާއަށް ދިފާއުވާން ފުރުސަތުނުދީ ފުލުހުން ކުރި ތަހުގީގަކީ ތަހުގީގެއް ވެސް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަހަލަ ބަޔާނެއް ހިފައިގެން ކޯޓަކަށް ނުވަންނާނެ. ވަދެއްޖެއްޔާ މައްސަލަ އެއްލާލާނެ. އެހެންވީމާ ފުލުހުން ވެސް މިކުރީ ރައްޔިތުން ލޮލުގައި އަނދުން އެޅުވުން ކަހަލަ ކަމެއް. ފުލުހުން ބޭނުމެއްނުވި ތަހުގީގުކުރާކަށް. ފުލުހުން ތަހުގީގެއް ނުކުރޭ. އެކަމަކު މިއޮތީ ގަޒުފްގެ ތުހުމަތުކޮށްފައި. މިހާރު ގަޒުފްގެ މި ލަފުޒު މި ރައްދުވަނީ ސޯފާއަށް ކަންނޭނގެ،" ސަމާސާ ރާގަކަށް ޔާމީން ވިދާޅުވި އެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިިކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ވަނީ، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށް، ޝަރީއަތާއި ގުޅުންހުރި ވާހަކަތައް ވެސް ނުދެއްކުމަށް ކޯޓުން އަމުރުކުރި އެވެ. މިއީ މިފަދަ އަމުރެއް ކޯޓުން ނެރުނު ފުރަތަމަ ފަހަރެވެ.
މި އަމުރަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ، ގަޒުފްކުރިކަން ސާބިތުނުވެ، އެކަމުގެ ތުހުމަތުކޮށް ދައުވާ ހުށަހެޅުމުން، އެ ވާހަކަ ނުދައްކަން ކޯޓުން ނެރުނު އަމުރަކީ ވެސް އޮއްޓަރު ނެތް އަމުރެއް ކަމަށެވެ.  
ކޯޓު އަމުރުގައި ސީދާ ގަޒުފްގެ ނަން ގެނެސްފައިވާތީ ޔާމީން ވިދާޅުވީ، އެފަދަ ކަމެއް ކުރިކަން ސާބިތުނުވެ، އެފަދަ ބޮޑު ކަމެއް ކުރިކަމަށް ތުހުމަތުކޮށް ދައުވާގައި ބަޔާން ނުކުރެވޭނެ ކަމަށެވެ. 
"ފަނޑިޔާރުން މިކުރާ ކަންކަމުގައި އެބަޖެހޭ ތަންކޮޅެއް އޮއްޓަރު ހުންނަން. އޮއްޓަރު ނެތި މިހެން ހުކުމްތައް ނިކުތީމާ މިވަނީ ޕަބްލިކް ރިވިއުކުރާ ކަމަކަށް. އޭގެ އިތުރަށް މިވާ ކަމަކީ [ފަނޑިޔާރުން] އުޅެވޭނެ މިންގަނޑާއި ހުކުމްތައް ނެރެވޭނެ މިންގަނޑުތައް މާ ތަފްސީލުކޮށް ގާނޫނުތަކުގައި ލިޔަންޖެހެނީ،" ޔާމީން ވިދާޅުވި އެވެ.
"ފަނޑިޔާރުންނަށް ބޮޑު ބާރެއް ދީފައި އޮތީމާ މިވާ ގޮތަކީ، ހުދޫދުން ބޭރުން ނުކުމެ ފާޑުފާޑުގެ އަމުރު ނެރެނީ. އެކަހަލަ އަމުރެއްގެ ވާހަކަ ތި ދައްކަވަނީ." 
މި މައްސަލާގައި ރައީސް މުއިއްޒު އުޅުއްވަނީ ވެސް ކުޑަކުއްޖަކު އުޅޭހެން ކަމަށް ޔާމީން ވިދާޅުވި އެވެ. ބޭނުން ސުވާލެއްކޮށް، ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށް ވިދާޅުވަމުން އައިސް މިހާރު ފެންނަނީ އެ ވާހަކަތައް ދެއްކީމާ ނޫސްވެރިން ފަހަތުން ދުވާތަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިހާރު މިވީ ގޮތުން މުއިއްޒުގެ ނަން ކިޔޭކަށް ނެތް. އެންމެ ރިވެތި އަހުލާގުގެ ތެރޭގައި އައިޝަތުގެފާނު ވެސް ހިމެނޭ. އެ ނަމަށް ނިސްބަތްކޮށް، އައިޝާގެ ނަން ވެސް ކިޔޭކަށް ނެތް. ދެން އޮތީ ގޭގައި ބޭނުންކުރާ ގޮނޑި ވެއްޖެއްޔާ ގޮނޑި، ތަންމަތި ވެއްޖެއްޔާ ތަންމަތި، އެ ސޯފާގެ ނަން ވެސް ކިޔޭކަށް ނެތް. ދެން ނެތެއް ނޫންތޯ މި ރާއްޖޭގައި އުޅެވޭކަށް. ސޯފާ ސާފުކުރަން ގެންގުޅޭ ޑިޓާޖެންޓުގެ ވާހަކަ ވެސް ދެއްކޭކަށް ނެތް. ހަމަ އަންތަރީސް އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ