ވޯލްޑްކަޕް ވޯލްޑްކަޕް ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަށް ރޮނާލްޑޯ ނުވިސްނާ: މާޓިނޭޒް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރުމާ މެދު ވިސްނަމުން ނުދާ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 އަށް ތައްޔާރުވުމުގެ ގޮތުން ނައިޖީރިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ވާހަކަދައްކަމުން މާޓިނޭޒް ވަނީ ރޮނާލްޑޯގެ ކެރިއަރާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިހާރު ހުރީ ހަމައެކަނި ވޯލްޑް ކަޕަށް ފޯކަސްކޮށްގެން ކަމަށާއި، އޭނާ ނުވަތަ ޓީމުގެ އެހެން ކުޅުންތެރިން ވެސް މުސްތަގުބަލާ މެދު އަދި ނުވިސްނާ ކަމަށް މާޓިނޭޒް ފާހަގަކުރިއެވެ.
މާޓިނޭޒް އިތުރަށް ބުނީ ރޮނާލްޑޯ އަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް ލާމަސީލު މިސާލެއް ކަމަށާއި، އޭނާގެ ހުރިހާ ވެސް ފޯކަސްއަކީ ކޮންމެ ދުވަހަކު ވެސް ޓްރޭނިންގް ތެރެއިން އިތުރަށް ކުރިއެރުން ކަމަށެވެ. ޕޯޗުގަލްގެ ޓީމުން މިހާރު ވިސްނަމުންދަނީ ކުރިއަށް އޮތް ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.
ގައުމީ ޖާޒީއަށް އޮތް ލޯތްބާއި ޕްރޮފެޝަނަލްކަން ރޮނާލްޑޯގެ ފަރާތުން ފެންނަ ކަމަށާއި ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ ހިމަނަނީ އޭނާގެ ފޯމަށް ބަލައިގެން ކަމަށް މާޓިނޭޒް ބުންޏެވެ.
ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ހިމެނެނީ އުޒްބެކިސްތާނާއި ޑީއާރް ކޮންގޯ އަދި ކޮލަމްބިއާއާއެކު ”ގްރޫޕު ކޭ“ ގައެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ކޮންގޯއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ