އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށިތާ މަސްތަކެއް ފާއިތުވީއިރުވެސް، އެ އުމުރުފުރާގެ 80 ޕަސެންޓަށް ވުރެ ގިނަ ކުދިން އަދިވެސް ސޯޝަލް މީޑިއާ ބޭނުންކުރަމުންދާކަން ދިރާސާއަކުން ދައްކައިފި އެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ފުރަތަމަ ގައުމަކީ އޮސްޓްރޭލިއާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ގައުމުގައި 16 އަހަރުން ދަށުގެ ކުދިން ޓިކްޓޮކް، އެކްސް، ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް އަދި ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ނަމަވެސް، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއުކާސަލްއިން 12 އަހަރާއި 17 އަހަރާ ދެމެދުގެ 408 ކުދިން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރެވޭ އެންމެ ދަށް އުމުރު ކަނޑައެޅުމަށް ފާސްކުރި ގާނޫނު ތަންފީޒުކުރެވެނީ ވަރަށް ކުޑަކޮންނެވެ. އަދި އެ ގާނޫނަށް ފުރިހަމައަށް އަމަލުނުކުރެވޭއިރު، ކަނޑައަޅާފައިވާ ހުރަސްތަކުން ރެކިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން އެ ދިރާސާއިން ވަނީ ފާހަގަވެފަ އެވެ.
އެ ދިރާސާ ތައްޔާރުކުރި ފަރާތްތަކުން ބުނި ގޮތުގައި، ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އެ ގާނޫނުގެ ސަބަބުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރަށް އެދެވޭ ބަދަލެއް އައިކަން ކަށަވަރުކޮށްދޭނެ އެކަށީގެންވާ ހެކިތަކެއް ފެންނާކަށް ނެތެވެ.
ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއާ ގުޅޭ ގޮތުން ކަމާބެހޭ މާހިރުންނާއި ކެމްޕޭން ކުރާ ފަރާތްތަކުން ބުނަނީ، އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް ހަމައެކަނި ސޯޝަލް މީޑިއާ މަނާކުރުމުން ނުފުދޭ ކަމަށެވެ. އަދި އެކަމަށްޓަކައި މިއަށްވުރެ ވަރުގަދަ އަދި އިތުބާރު ހުރި ސިޔާސަތެއް ބޭނުންވާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
އޮސްޓްރޭލިއާގެ ދިރާސާއިން ދައްކާ ގޮތުގައި، ގާނޫނަށް އަމަލުކުރަން ފެށިތާ ތިން މަސް ފާއިތުވީއިރު ވެސް ދުވާލަކު ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ދަށްވެފައިވަނީ ވަރަށް ކުޑަކޮށެވެ. ކުދިން މި ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓާނުލާ މައިގަނޑު ސަބަބަކީ އުމުރު ކަށަވަރުކުރުމަށް ހަދާ ޗެކްތައް ޔަގީންކުރެވޭނެ ގޮތެއް ނެތުމެވެ. ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 85 އިންސައްތަ ކުދިން ބުނި ގޮތުގައި އެކުދިން އަދިވެސް ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ. އަދި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން ބޭނުންކުރަނީ އެކުދިންގެ އަމިއްލަ އެކައުންޓްތަކެވެ.
ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ފާހަގަކޮށްލެވޭ އަދަދެއްގެ ކުދިން ބުނި ގޮތުގައި، އެކުދިން ގަސްތުގައި އުމުރުގެ ހުރަސްތަކުން ރެކިގަނެ އެވެ. އެގޮތުން 12 އަހަރާއި 13 އަހަރާ ދެމެދުގެ 15 އިންސައްތަ ކުދިން އަދި 14 އަހަރާއި 15 އަހަރާ ދެމެދުގެ 19 އިންސައްތަ ކުދިން ފޭކް އެކައުންޓް ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ތިނެއް އިންސައްތަ ކުދިން ވީޕީއެން ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ.
އިނގިރޭސިވިލާތުގެ މޮލީ ރޯޒް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އެންޑީ ބަރޯސް ވިދާޅުވީ، ހަމައެކަނި ސޯޝަލް މީޑިއާ މަނާކުރުމަކުން 16 އަހަރުން ދަށުގެ ކުދިން އެފަދަ ޕްލެޓްފޯމްތަކާ ދުރު ނުކުރެވޭނެ ކަމަށާއި، ނުރައްކާތެރި ސައިޓްތަކުގައި އެކުދިން ހޭދަކުރާ ވަގުތު ވެސް މަދުނުވާނެ ކަމަށެވެ.
ކުއީން މޭރީ ޔުނިވާސިޓީ އޮފް ލަންޑަންގެ ކޮންސަލްޓަންޓް ޗައިލްޑް އެންޑް އެޑޮލެސެންޓް ސައިކިއޭޓްރިސްޓް ޕްރޮފެސަރު ޑެނިސް އޮގްރިން ވިދާޅުވީ، މި ދިރާސާއަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ލިބުނު މުހިންމު އިންޒާރެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މުހިންމީ ހަމައެކަނި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިފަދަ ހުރަސްތަކުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ނިދުމާއި، އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުން ފަދަ ކަންކަމަށް ހެޔޮ ބަދަލެއް އާދޭތޯ ބެލުން މާ މުހިންމެވެ.
އިނގިރޭސިވިލާތުން ވެސް ސޯޝަލް މީޑިއާ މަނާކުރަން ނިންމާފައިވާ އިރު އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އިނގިރޭސިވިލާތުން ގެންގުޅޭ އުސޫލު އޮސްޓްރޭލިއާގެ މޮޑެލްއަށްވުރެ ފުޅާވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އަމަލުކުރާނީ ސީދާ އޮސްޓްރޭލިއާގެ ގާނޫނު ނަމޫނާއަކަށް ބަލައިގެން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއާގައި 80 ޕަސެންޓު ކުދިން އަދިވެސް ތިބީ އޮންލައިންކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ