ރަށުގެ އާބާދީގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ނުކުރާ ނަމަ އެ ރަށެއްގެ އެންމެނަށް ފައިސާގެ އިނާޔަތެއް ދޭން ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސްމޯކް ފްރީ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމާމެދު ދިރާސާއެއް ހެދުމަށް މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.
ރަށެއްގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ނުކުރާ ނަމަ އެ ރަށެއް ފާހަގަކޮށް، މާލީ އިނާޔަތެއް ދިނުމަށް ދުންފަތާ ބެހޭ މާސްޓާ ޕްލޭނުގައި ހިމެނުމަށް ވެސް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ނިންމައިފަ އެވެ.
"ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓާ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ،" އޮކްޓޯބަރު، 2024، ގައި ރައީސް އޮފީހުން ބުންޏެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުންނަށް އެކި އިނާޔަތް ދިނުމަކީ މީގެ ކުރިން ވެސް ކޮށް އުޅުނު ކަމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވެސް އެފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިޔަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ދޭ ޕްރޮގްރާމެއް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބައިކް މޯލްޑިވްސްއާ ގުޅިގެން 2019 ވަނަ އަހަރު ވެސް ކުރިއަށްގެންދިަ އެވެ.
ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު ދެއްވީ 11 ދުވަހެވެ. މާސްޓާ ޕްލޭން ހުށަހަޅަން ދިން ސުންގަޑި ހަމަވީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެކަމަކު އަދިވެސް އެ މާސްޓާ ޕްލޭން ހަދާފައެއް ނުވެ އެވެ. މާސްޓާ ޕްލޭނެއް ނުހެދި ނަމަވެސް ދުންފަތާ ދެކޮޅަށް ސަރުކާރުން ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އޭގެ ތެރޭގައި ޖެނުއަރީ 1، 2007، ގެ ފަހުން ވިހެއި އެއްވެސް މީހަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ގޮތަށް ޖެނެރޭޝަނަލް ބޭންއެއް ތައާރަފު ކުރުމާއި ދުންފަތުގެ ޓެކްސް ބޮޑު ކުރުމާއި ވޭޕް މުޅިން މަނާ ކުރުން ހިމެނެ އެވެ.
ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ދޭން ވިސްނަނީ ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ދޭން ވިސްނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ